ޢަމަލު ކިތަންމެހައިވެސް ކުޑައެވެ! ކުރަންވެސް ހަމައެހައި ފަސޭހައެވެ! ޢަމަލުކޮށްފިނަމަ ތިމާގެ ހުރިހާ ބޭނުންތަކެއްވެސް ޙާޞިލުކުރެވޭނެއެވެ! އިން ޝާ ﷲ

އިބްން ޢައްބާސް (ރޢ) ރިވާ ކުރައްވަވާފައި ޙަދިޘްފުޅެއްގެ މާނައިގައިވެއެވެ. 
"ގިނަގިނައިން އިސްތިޣްފާރުކުރުންމަތީގައި ދެމިހުންނަ މީހާއަށް ކުރިމަތިވާ މުޞިބާތްތަކުން، އެއީ ކޮންމެ މުޞާބާތެއް ނަމަވެސް އެ މުޞީބާތަކުން ﷲ ތަޢާލާ އެމީހަކު ސަލާމަތްކޮށްދެއްވަވާނެތެވެ! އެއީ ހައިހޫނުކަން ނަމަވެސް އަދި ހިތާމަތަކާއި ހިތްދަތިކަން ނަމަވެސް މެއެވެ. އަދި އެމީހަކަށް ރަނގަޅު ގޮތްތައްވެސް މެދުވެރިކުރތައްވަވައި ދެއްވަވާނެތެވެ. އަދި ތަޤްވާވެރިކަންވެސް އިތުރުކޮށްދެއްވަވާނެތެވެ! އެމީހަކަށް ނުވެސް ވިސްނޭހައި މަގުތަކުން އެމީހަކަށް ނިޢްމަތްތައް މިންވަރުކޮށް ދެއްވަވާނެތެވެ!" 
ވީއިރު އިސްތިޣްފާރުކުރުން ގިނަކުރުން މަތީ ނުވަތަ ގިނަގިނައިން އިސްތިޣްފާރުކުރުންމަތީގައި ހުންނަ މީހަކަށް މަދުވާނީ ކޮން ކަމެއް ހެއްޔެވެ؟ ޙާޞިލު ނުވާނީ ކޮން ކަމެއް ހެއްޔެވެ؟ 
އިސްތިޣްފާރުކުރުމަކީ ވަކިކަމެއް ކުރިމަތިވުމުން ކުރަން އޮތްކަމެއް ނޫނެވެ. ރެޔާއި ދުވާލުކުރަމުން ގެންދަންޖެހޭ ކަމެކެވެ! ކޮންމެ ދުވަހަކުވެސް މަދުވެގެން 100 ފަހަރު އިސްތިޙްފާރުކުރާ މީހާ އަބަދުވެސް ހުންނާނީ އުފަލުގައެވެ. އިސްތިޣްފާރު ކުރުމަކީ ހަމައެކަނި ދުލުން " أستغفر الله" ކިޔައިލުމެއް ނޫނެވެ. ދުލުން ކިޔުމާއިއެކު ޢަމަލުވެސް ކުރުމެވެ. 
ﷲ ތަޢާލާ ވަޙީ ކުރައްވަވާފައިވެއެވެ. 
"އަދި ތިއަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ފާފަފުއްސެވުން ތިއަބައިމީހުން އެދޭށެވެ! އަދި އެކަލާނގެއަށް ތިއަބައިމީހުން ތައުބާވާށެވެ! އޭރުން ކަނޑައެޅިގެންވާ އަޖަލު ހަމަވެއްޖައުމަށް ދާނދެން، ރަނގަޅު ދިރިއުޅުމެއްގައި އެކަލާނގެ ތިއަބައިމީހުން ލަހައްޓަވާނެތެވެ. އަދި ޢަމަލު  އިތުރުކުރި ކޮންމެ މީހަކަށް، އެމީހަކު އިތުރުކުރި ޢަމަލެއްގެ ޖަޒާ (ޤިޔާމަތް ދުވަހުން) އެކަލާނގެ ދެއްވަވާނެތެވެ. ތިއަބައިމީހުން ފުރަގަސްދޭނަމަ، ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ ޢަޛާބާމެދު، ތިއަބައިމީހުންގެ މައްޗަށް ތިމަންކަލޭގެފާނު ބިރުފުޅުގަނެތެވެ." (ހޫދު: 3) 
އިސްތިޣްފާރުކުރުން ގިނަކުރަން ބުނެފިނަމަ ތިއައީ އަބަދުވެސް ދައްކާ ވާހަކައެއް ކަމަށް ހީކުރެވިދާނެއެވެ. އަދި އެކަން އެގޮތަށް ޤަބޫލުވެސް ކުރެވިދާނެއެވެ. އެއީ އެއްވެސް މައްސަލައެއް ވެސް އޮތް ކަމެއް ނޫނެވެ. އެހެނީ އިސްތިޣްފާރުކުރުމަކީ ހުރިހާ ކާމިޔާބީއަކަށް ވެސް އޮތް ތަޅުދަނޑި ކަމަށްވާތީއެވެ. އެކަމަށް ގިނަގިނައިން ނަޞޭހަތްތެރިވާންޖެހެނީ އެ ސަބަބަށްޓަކައެވެ. 
ނިކަން ވިސްނާލަބަލާށެވެ! ގިނަގިނައިން އިސްތިޣްފާރުކުރުމަކީ އެމީހަކު ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުމަށް ވެސް އޮތް އެންމެ ފަސޭހަ އެއް މަގެވެ. މާނައަކީ ދުޢާ ޢިޖާބަ ކުރެއްވެވުމަށް އެދޭ މީހާ ވެސް ގިނަގިނައިން އިސްތިޣްފާރުކުރާށެވެ! ނަތީޖާ ފެންނާނެއެވެ. އިން ޝާ ﷲ 
އިސްތިޣްފާރުކުރުމަކީ ހިތަށް ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަމާއި ކަންބޮޑުވުންތައް ފިލައި ހިތަށް އުފާވެރިކަން ލިއްބައިދޭ ކަމެކެވެ. އިސްތިޣްފާރުކުރުމުން ހިތަށް ހަމަޖެހުން ގެނެސްދެއެވެ. ހާސްކަމާއި ފިކުރުތަކުން ސަލާމަތްކަން ލިބިގެންދެއެވެ. 
އިސްތިޣްފާރުކުރުން ގިނަކުރުމަކީ ރަހްމަތުގެ ދޮރުކޮޅުތައް ހުޅުއްވަވައި ދެއްވަވާ ކަމެކެވެ. ރިޒްޤް ތަނަވަސްވެގެންދާ ކަމެކެވެ. އަދި ކީއްހެއްޔެވެ؟ ޢިލްމް ޙާޞިލުކުރަން ފަސޭހަވެ، ތިމާ ދިރިއުޅެން ކުރާ މަސައްކަތުގައި ބަރަކާތްވެސް އިތުރުކޮށްދެއްވަވާ ކަމެކެވެ. އަދިވެސް ކީއްހެއްޔެވެ؟ ގިނަގިނައިން އިސްތީޣްފާރުކުރުމަކީ ޝައިޠޯނާގެ ކިބައިން ސަލާމަތްވެވި ފާފަކުރުމާއި ދުރުވެވޭ ކަމެކެވެ.
 
އިސްތިޣްފާރު ކުރުމަކީ ވެސް އެހައި ފަސޭހައިން ކުރެވެން އޮތް ކަމެކެވެ. އެއީ ތިމާގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމެވެ. أستغفر الله ކިޔުން ގިނަކުރުމެވެ. އިޚްލާޞްތެރިކަމާއިއެކު މަދުވެގެން ދުވާލަކު 100 ފަހަރު އިސްތިޣްފާރުކުރަން މަސައްކަތްކުރާށެވެ!
 
--އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ