(19 ނޮވެމްބަރ 2024 ގައި ޝާއިޢުކުރި ބަޔާގުޅޭ)
( އެކޮޓަރީގައި އަޑުގަދަވުމުން ، ނޯކަރަކު އައިސް ބިރުން އެއްކަނެއްގައި މަޑުކޮށްލައިގެން ހުއްޓެވެ. ނޯކަރަށް ގޮވައިލުމަށްފަހު ، މެހެމަލްމެންގެ ފޮށި ތިރިޔަށް ގެންގޮސް ކާރަށް އަރުވައި އެގެއިން މެހެމަލް ނުކުތީމަ އޭނާއަށް އަންގައިލާށޭ ބުނެ ، ކުލްސޫމް އެކޮޓަރިން ނުކުމެގެން ދިޔައެވެ. )
ދުވަހަކުވެސް ނުކުރާވަރަށް ، މޫނުކުނިކޮށްގެންހުރެ ، މެހެމަލްގޮސް އެނދުގައި އިށީނެވެ. އޭނާ ރޭވިހާ ރޭވުމަކާއެކު ، ކުރިހާ އުއްމީދެއް އެދިޔައީ ޗޮކުންނެވެ. މެހެމަލް ފުން ނޭވާއެއްލިއެވެ. އެއީ އަދި ގޮތްހުސްވީ ނޫންކަން ، މެހެމަލްގެ މޫނުމަތިން ފާޅުވާން ހުށްޓެވެ. ބޮޑުދައިތަގެ ބާރާއި ނުފޫޒުން ، އެގެއިން އޭނާ ބޭރުކޮށްލިޔަސް ، އޭނާގެ މުށުތެރެއިން ، ޙައިދަރު ދޫވެގެންދިޔަކަ ނުދޭނެއެވެ. މެހެމަލްގެ ބޮލުތެރޭގައި އޮންނަނީ ސިކުނޑިއެކެވެ. އެ ސިކުނޑީގެ ބޭނުން ކޮށްގެން އަންޞާބަށް ގޮތެއް ހަދައިނުލެވުނަސް ، މެހެމަލްގެ އަވާގައިޖެހި ، ހަފުސްވެފައިހުރި ، ޙައިދަރުކަހަލަ މީހެއްގެ ހިތާއި ސިކުނޑިއާ ކުޅެލުމަކީ ، މެހެމަލްއަށް ފެންފޮފެއް ބޮއިލާފައި ވަޔެއްލުންފަދަ ކުޑަ ކަމެކެވެ. އެކަންކުރެވޭނެ ހުރިހާގޮތްތަކެއް ، ރާވައި ދިލްނަޝީންގެ ދިރިއުޅުން ނަރަކަޔަކަށް ހަދައިލެވޭވަރުގެ ބާރު ، މެހެމަލްގެ ސިކުނޑީގައި ހުންނާނެއެވެ.
**************************
" އެހެންއަންހެނުންނަށް ދިމާނުވާކަހަލަ އިތުރުކަމެއް ދިލްނަޝީނަކަށް އަދި ދިމަލެއް ނުވެއެވެ. ކޮންމެ ފިރިހެނެއްގެ ޙަޔާތުގައިވެސް ކޮންމެވެސް އެހެން އަންހެނަކު ހުންނާނެއެވެ. އެކަން ތިލަވާނީ އެކިޙާލަތުގައި ، އެކިދިރިއުޅުމުގައި އެކިވަރަށެވެ. އެއަންހެނާއަށް ފިރިހެނާގެ ދިރިއުޅުމުގެ ޙިއްޞާއެއް ނެތޭޙާލުގައި ، ކޮންމެވެސް ބަހަނާއެއްދައްކާފައި ، ފިރިހެނާގެ ދިރިއުޅުން ބަރުބާދުކުރުމަށް ، ބައެއް އަންހެނުން ދިމާކުރާނެއެވެ. ޙައިދަރަކީ އެކަހަލަ މީހެއްނޫނެވެ. އެކަހަލަކަމެއް ޙައިދަރު ކުރާނެކަމަށް ޚިޔާލުކޮށްލުމަކީވެސް ވާނީ ފާފައަކަށެވެ. " އަނީސާ ، ކުލްސޫމަށް ވިސްނައިދެމުން ގެންދިޔައެވެ.
އެހެން އެވަނީ ކިހިނެއްތޯ ، ދިލްނަޝީން އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ. ފިރިހެނެއްގެ ހިތުގައި ލޯތްބެއް އޮންނަން އެންމެ ރަނގަޅެވެ. އަނެހެނުންގެވެސް ހިތެއް އޮވެއެވެ. އަންހެނެއްގެ ހިތުގައިވެސް ލޯތްބެއް އޮވެދާނެއެވެ. ދިލްނަޝީންގެ ވާހަކަ އެހިސާބަށް ދިޔަތަނާ ، އަނީސާ ހަޅޭއްލަވައިގަނެ ، ދިލްނަޝީންގެ ވާހަކަ ހުއްޓުވިއެވެ. އަންހެނުންނަށް އޮންނަނީ ، ހަމައެކަނި އެއަންހެނާގެ ފިރިމީހާދެކެ ލޯބިވާންކަމުގައި އަނީސާ ބުންޏެވެ. އަންހެނުން ލޯބިވާންޖެހޭނީ ، ހަމައެކަނި އޭނާގެ ފިރިމީހާ ދެކެއެވެ. ހަމައެކަނި ފިރިމީހާއެވެ. އަނީސާގެ ބަސް ތަކުރާރު ކޮށްލިއެވެ. ފިރިހެނަކަށް ، އޭނާގެ އަނބިމީހާގެ ކިބައިގައި ފޮރުވިފައިވާ ލޯތްބެއް އޮތްކަން އެނގިއްޖިއްޔާ ، އެ އަންހެނާ ރޮއިރޮއި މަރުވަންދެން ، އެކަން ދެމިއޮންނާނެއެވެ. އެކަމަކު ، ފިރިހެނާގެ ޙަޔާތުގައި ފޮރުވިފައިއޮންނަ އެފަދަ ލޯތްބެއްގެ ވާހަކަ އިވޭހިނދު ، އަނބިމީހާޖެހޭނީ ، ހިތުންރުހުމުން އެކަން ޤަބޫލުކޮށް ހިނިތުންވެލާށެވެ. އެކަމަށް ފަޚުރުވެރިވެ ، ފިރިމީހާވެސް ހޭނެއެވެ. އެއީ ބޯދާވިސްނުމުގެ ކަމެއްގެ ގޮތުގައި ނުބަލާށެވެ ! ޒަމާނީ ބައެއމުޖުތަމަޢުތަކުގައިވެސް ކަންއޮންނަނީ އެޙާލަތުގައެވެ. އެފަދަ އަންހެނުންގެ ތަޞައްވުރު ޚަރާބުވެފައި އޮންނާނީ ހަމައެކަނި ފިރިމީހާއާއި އޭނާގެ ގޭތެރޭގެ ހަތަރުފާރުތެރޭގައި އެކަންޏެއްނޫނެވެ. މުޅި މުޖުތަމަޢުގައިވެސް ، އެފަދަ އަންހެނުންގެ އެއްވެސް އަގެއް ނުއޮންނާނެއެވެ.
" އެހެންވީމާ ، ހިތިޒަހަރެއް ބޮއެގެންވިޔަސް ، ހިތުންރުހުމުން އުފަލުންކަމަށްވިޔަސް ، ދިލްނަޝީންގެ ދިރިއުޅުމަށް ސަމާލުކަންދީ ، އެދިރިއުޅުން ބާއްޖަވެރިކުރުމަށް ، ކުރެވުނު ކޮންމެކަމެއްވެސް ކުރާށެވެ ! އެހެން ގޮތެއް ދިލްނަޝީނަކަށް ނެތެވެ. ދިލްނަޝީން ހުންނަންޖެހޭނީ ޙައިދަރާއެކީ މިގޭގައެވެ. ޙައިދަރުގެ ދިރިއުޅުމުގެ ހިޔާވަހިކަމަކީ މިގެއެވެ. މެހެމަލް އެކުރިފަދަ ގޯސްކަމެއް ދިލްނަޝީނެއް ނުކުރާނެއެވެ. މިގެޔަށް މެހެމަލް އެއައީ ޙައިދަރުގެ ތާއީދާއެކީގައެވެ. އެކަމަކު ، ދިލްނަޝީންގެ ތާއީދެއް އޭނާއަކަށް ނުލިބޭނެއެވެ. މިއީ ދިލްނަޝީންގެ ގެޔެވެ. ދެންވާނެ ގޮތަކާމެދު ވިސްނައިލާށެވެ ! މެހެމަލްއަށްވުރެ މިގެޔަށް ގަދަވާނީ ދިލްނަޝީނެވެ. " އަނީސާގެ ވާހަކަ ނިންމައިލިއެވެ.
ދިލްނަޝީންގެ ހިތާދެކޮޅަށް ޙައިދަރާ އިނދެގެން އެގެޔަށް އައީ މަންމަ ބުނެގެންކަން ، ދިލްނަޝީން އޭނާގެ މަންމަޔަށް ހަނދާން ކޮށްދިނެވެ. ހަމައެކަނި މަންމަގެ އުފަލަށްޓަކައެވެ. ދިލްނަޝީންގެ އުފާތައް ޤުރުބާން ކޮށްފައެވެ. ދިލްނަޝީނަށް ކުރިމަތިވެފައި އެވަނީ ވަރަށް އުނދަގޫ ޙާލަތެކެވެ. ހިތަށް ކެތްކުރެވޭވަރަށްވުރެ ބޮޑުކަމެކެވެ. އެކަމަކުވެސް ، މަންމައަށް ލިބުނު އުފަލެއްނެތްކަމަށް ބުނެ ދިލްނަޝީން ޝަކުވާ ކުރިއެވެ. ދިލްނަޝީން އެވީ ޤުރުބާނީއަށް ދޭނެ ތަރުޙީބެއް އަނީސާގެ ކިބަޔަކު ނެތެވެ. އެކަމަކުވެސް ، ދިލްނަޝީންގެ ހިތާމަތަކަށް އިތުރު ތަކުލީފެއްނޫން އެއްޗެއް ، މަންމަގެ ފަރާތުން އޭނާއަށް ލިބެން ނެތީތޯ ދިލްނަޝީން ސުއާލު ކުރިއެވެ.
" އަހަރެންނަކީ ، ދިލްނަޝީން ތިހީކުރާކަހަލަ މަޔެއްނޫނެވެ. އަހަރެންގެ ދަރިފުޅުގެ ޅިޔަންފަހަރިންނާ މައިދައިތައާއި ބަފައިބެއިންނާ ޒުވާބުކޮށް ޖަދަލުކުރަން ، އަހަރެންގެ ދަރިންނަކަށް ފުރުޞަތެއް ނުދޭނަމެވެ. އަހަރެންގެ ބޭނުމަކީ ދިލްނަޝީންގެ ގެ އާބާދުކޮށްދިނުމެވެ. އަހަރެން މިބުނާ ވާހަކައެއް މިބުނަނީ އެ މަޤްޞަދުގައެވެ. ދިލްނަޝީންގެ ހިތުގެ ޙާލަތު ނޭނގޭތީއެއް ނޫނެވެ. ކެތްތެރިވާން ދަސްކޮށްދޭން ވެގެންނެވެ. ދަރިން ބޭނުންގޮތެއް އިޚްތިޔާރުކުރަން ދޫކޮށްލައިގެން އެކަން ފުރިހަމައެއް ނުވާނެއެވެ. ދަރިންގެ މައިންވެސް އެކަމާމެދު ހަރުދަނާ ވިސްނުމަކުން ، ވިސްނަންޖެހޭނެއެވެ. " އަނީސާ ބުންޏެވެ.
ދިލްނަޝީނަށް ރޮވިފައިއިންތަން ފެނިފައި އަނީސާވެސް ދެރަވިއެވެ. އެހެނަސް ، އެކަމަށް ސަމާލުކަންދޭކަށް އަނީސާ ނޫޅެއެވެ. ދިލްނަޝީނަށް ހިތްވަރު ލިބި ފިލާވަޅުވެސް ލިބިގެންދާނީ ، އޭނާއެކަންޏަށް އެކަން ޙައްލުކުރަން ، މަސައްކަތްކުރުމަށް ދޫކޮށްލައިގެންނެވެ. އަދި ، އެދެމަފިރިންގެ ދެމެދަށް އަނީސާމެން ވަންނަންޖެހޭވަރަކަށް މާޙައުލު ގޯހެއްނޫނެވެ.
އޭނާއަށް އެގޭގައި ހުރެވިދާނެ އެއްވެސް މަގެއް ނުފެނުމުން ، އެނދުންތެދުވެ ، މެހެމަލް އޭނާގެ ފޮށްޓަށް ހެދުންތައް އަޅަމުން ގެންދިޔައެވެ. މެހެމަލް އިނީ ދެބުމަ ގޮށްޖަހައި ކުނިމޫނު ހަދައިގެންނެވެ. އޭނާއަކަށް އެހެންގޮތެއް ނެތެވެ.
އެއްފިޔަވަޅު ކުރިޔަށް އެޅިއްޔާ ދެފިޔަވަޅު ފަހަތަށް އަޅަމުން ، މެހެމަލް އެގެއިން ނުކުމެގެންގޮސް ކާރަށް އެރިއެވެ. ކުލްސޫމް ހުރީ މެހެމަލްއަށް ފުރަގަސްދީގެންނެވެ. މެހެމަލްއާ ދިމާލަކަށް ބަލައެއް ނުލައެވެ. އެކަހަލަ ނިކަމެތިގޮތަކަށް ، އޭނާގެ ގެއިން މެހެމަލް ފޮނުވައިލަން ، ކުލްސޫމުވެސް ބޭނުމެއްނޫނެވެ. އެކަންކުރަން އޭނާއަށް މަޖުބޫރު ކުރުވީ ޚުދު މެހެމަލްއެވެ. ކުލްސޫމުގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅުގެ ދިރިއުޅުން ބަރުބާދުވެގެންދާކަށް ، ކުލްސޫމް ބޭނުމެއްނޫނެވެ. މެހެމަލް ، އެގެއިން ފޮނުވައިލިޔަސް ، މެހެމަލްއާއި ޙައިދަރާދެމެދު މާކުރިން އުފެދިފައި އޮތް ގުޅުމަކީ ، އެހާ ފަސޭހައިން ނިމިގެން ހިނގައިދާނެ ގުޅުމެއްނޫންކަންވެސް ، ކުލްސޫމަށް އެނގެއެވެ. އެހެނަސް ، އޭނާގެ ކުރިމަތީ އެފެންނަމުންދާ ކަންކަމަށް ކެތްކޮށްގެން ހުންނަން ކުލްސޫމަށް ކެތްނުވީއެވެ.
އަނީސާއާއި ދިލްނަޝީންވެސް ، މަތީބުރިން ފައިބައިގެން އޭރު އާދެއެވެ. އެގެއިން އެއްވެސް އެއްޗެއް ކާންނުދީ އަނީސާ ފޮނުވާލާކަށް ކުލްސޫމް ބޭނުމެއްނޫނެވެ. އެހެނަސް ، އެގޭގައި އިތުރަށް މަޑުކުރާކަށް އަނީސާއެއް ނޭދެއެވެ. އޭނާގެ ހިތުގައިވެސް ދިލްނަޝީންގެ މައްޗަށް އުފެދިފައިވަނީ ހަމްދަރުދީއެވެ. އެގޭގައި މަޑުކޮށްގެން އެދުވަހު ކަމަކު ނުދާނެއެވެ. ވާހަކައެއްގެ ތެރޭގައިވެސް ، ނުބުނަންޖެހޭ ވާހަކައެއް އޭނާގެ ދުލުން ބޭރުވާކަށް އަނީސާއެއް ނޭދެއެވެ. މަންމަ ދެއްކި ވާހަކަތަކުން ދިލްނަޝީނަށް ކޮށްފައިވާ އަސަރު މޫނުމަތިން ފުހެލުމަށް އަނީސާ ، ދިލްނަޝީންގާތު އެދުނެވެ. އަދި ، ހުރިހާކަމެއްވެސް ، އިރާދަކުރެއްވިއްޔާ ރަނގަޅުވާނެކަމަށް ބުނެ ، ދިލްނަޝީނަށް ހިތްވަރު ދިނެވެ.
" މަންމާއެވެ ! އަހަރެމެން މިދަނީ ކޮންތާކަށް ހެއްޔެވެ ؟ " ކުޑަކުޑަ ޢީޝަލް އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ.
އެދެމައިން އެދަނީ ، އެމީހުންގެ ގެޔަށްކަމުގައި މެހެމަލް ބުންޏެވެ. އެއްވެސް ވަރަކަށް ދެރަނުވުމަށާއި މަންމަ އެހުރީ އޭނާއާއެކީގައިކަމުގައިވެސް މެހެމަލް ބުންޏެވެ.
އަނީސާ ދިއުމާއެކު ކުލްސޫމް ގޭތެރެޔަށް ނުކުމެ ދިލްނަޝީނަށް ގޮވައިލައި އޭނާއާ ވާހަކަ ދައްކަން ފެއްޓިއެވެ. ކައިވެނީގެ ކުރިން ، ޙައިދަރުގެ ރަނގަޅާއި ނުބައި ސިފަތަކުގެ މަޢުލޫމާތު ، ދިލްނަޝީންގެ ޢާއިލާއަށް ސިއްރުކޮށްފައި ނުއޮންނާނެކަމަށް ކުލްސޫމް ބުންޏެވެ. އެހެންނޫނަސް ، ޙައިދަރަކީ ޚުލްޤު ހެޔޮ ، މާތްއިންސާނެކެވެ. އެވާހަކަ ކުލްސޫމްބުނީ ވަރަށް ފަޚުރުވެރިކަމާއެކީގައެވެ. އެހެނަސް ، ކޮންމެ އިންސާނެއްގައިވެސް އުނިސިފަތަކެއް ހުންނާނެއެވެ. އެއްވެސް އިންސާނަކީ ހުރިހާ ރަނގަޅު ސިފަތަކުން ފުރިހަމަވެގެންވާނެ މީހެއްނޫނެވެ. ޙަޤީޤަތަކީ ، ޅަޢުމުރުގައި ބޮޑުވަމުންއައިއިރު ، ފުރާވަރަށް އެޅިއިރު ، ޙައިދަރަށް ، މެހެމަލްއޭ ކިޔުނު މުޞީބާތަކާ ދިމާވުމެވެ. ޙައިދަރުގެ ފަރާތުން ދިލްނަޝީނަށް އެއްވެސް ޝަކުވާއެއް އެބައޮތްތޯ ކުލްސޫމް ސުއާލު ކުރިއެވެ. ދިލްނަޝީނަށް އެއްވެސް ތަކުލީފެއް ޙައިދަރު ދިންހެއްޔެވެ ! ބުނެބަލާށެވެ.
" މިހާރުދެން ކުރާނީ ކީއްހެއްޔެވެ ؟ " ހިނިތުންވެލައިގެންއިނދެ ، ދިލްނަޝީން ބުންޏެވެ.
ކުރެވޭނެ ކަންކަން އެބަހުރިކަމަށާއި ، ދިލްނަޝީނަށް ކުރެވެންނެތްކަންކަން އޭނާކުރާނެކަމަށް ކުލްސޫމް ބުންޏެވެ. އޭނާބުނާގޮތަށް ޙައިދަރު ނުހަދާކަމަށް ވަންޏާ ، އެއްޗެތިވެސް ކިޔާނެއެވެ. ކަންކަށިމަތީ ޖަހާނެވެސް މެއެވެ. މަޔެއްގެ ޙައިޞިއްޔަތުން ، އެކަންކަން ކުރުމުގެ ޙައްޤު ކުލްސޫމަށް ލިބިގެން ވެއެވެ. އޭގެ އިތުރަށް ، ދިލްނަޝީން ކުރަންޖެހޭ ކަންތައްތަކެއްވެސް އެބަހުރިކަމަށް ކުލްސޫމަށް ފެނެއެވެ. އަތްވެސް އިސްކުރަން އެބަޖެހޭކަމަށް ކުލްސޫމް ބުންޏެވެ. އެކަމަކު ، ދިލްނަޝީންގެ އަތް އުފުލައިލައިފިނަމަ ، އޭނާގެއަތް ޙައިދަރު ހުއްޓުވައި ތިރިކުރާނެކަމަށް ފެންނަކަމުގައި ، ދިލްނަޝީން ބުންޏެވެ. އެއީ އޭނާ ވަރަށް ބިރުގަންނަ ކަމެކެވެ. ޙައިދަރާ ޒުވާބުކޮށް ޖަދަލުކުރާކަށް ދިލްނަޝީން ބޭނުމެއްނޫނެވެ. އަނެއްކޮޅުން ، މެހެމަލް ގޮވާލައިފިނަމަ ، މެހެމަލްއާ ދިމާލަށް ދުވެފައި ޙައިދަރު ދާނެއެވެ.
ދިލްނަޝީން ކޮޅަށް ތެދުވުމަށް ކުލްސޫމް ބުންޏެވެ. ކުއްލި ސިހުމަކާއެކީ މަންމަ އެބުނަނީ ކީކޭތޯ ދިލްނަޝީން ސުއާލު ކުރިއެވެ. މެހެމަލް ކޮޅަށް ތެދުވުމަށް ދެވަނަފަހަރަށްވެސް ކުލްސޫމް ބުންޏެވެ. ކުލްސޫމް އެދުނީ ، ތެދުވެގެން ، މެހެމަލް އެއުޅޭ ކޮޓަރިޔަށް ދިލްނަޝީން ދިއުމަށެވެ. ދިލްނަޝީނަށް ހަދާނެގޮތެއް ނޭނގި އިންދާ ، އެކޮޓަރިޔަށް ގޮސްލުމަށް ، ކުލްސޫމް އަނެއްކާވެސް ބުންޏެވެ. ތެދުވާން ނުތެދުވާން ހުރެފައި ، ދިލްނަޝީނަށް ކޮޅަށް ތެދުވެވުނެވެ.
ދިލްނަޝީންގޮސް ، މެހެމަލްގެ ކޮޓަރިޔަށްވަދެ ހޯދާހޯދާވެސް މެހެމަލްއެއް ނުފެނުނެވެ. އެކޮޓަރީގައި އެއްވެސް މީހަކު ނެތެވެ.
ޑްރައިވަރުގާތު ކުލްސޫމްބުނެފައިއޮތީ ، އަންޞާބުގެ ގެޔަށް މެހެމަލް ގެންގޮސް ލައިދިނުމަށެވެ. އެހެންނަމަވެސް ، އެގެޔަށްދިޔަ މަގުމަތީ ، ތަނަވަސްކަންބޮޑު ހާމަބިމަކާހިސާބަށް ދިޔަތަނުން ، ކާރުހުއްޓުވައި ޢީޝަލް ގޮވައިގެން މެހެމަލް އެތަނަށް ފައިބައި ، ކާރު ފޮނުވައިލިއެވެ. ކުލްސޫމް ބޭނުންވާހާ ތާކަށް ، މެހެމަލްއެއް ނުދާނެއެވެ. އެއީ ކުލްސޫމަށް ކުރެވުނު ކުށްހީއެކެވެ. ފޯނުނަގައި ވަގުތުން ޙައިދަރާ ގުޅިއެވެ. އޭނާގެ ލޯބި ، އޭނާ ރަށްމެދަށް ގެނެސްލައިފިކަމަށް މެހެމަލް ބުންޏެވެ. ޙައިދަރުދެކެ ލޯބިވުމުގެ އިނާމަކީ އެއީތޯ މެހެމަލް ސުއާލު ކުރިއެވެ. ވެގެން އުޅޭގޮތެއް ޙައިދަރަށް ނޭހެނިސް އޭނާ ގެއިންބޭރުކޮށްލިވާހަކަ މެހެމަލް ބުންޏެވެ.
އެއީ ޙައިދަރަށް ޙައިރާންކަން ލިބުނު ކަމެއްނޫނެވެ. ކޮންމެވެސް ދުވަހަކުން އެކަންވާނެކަން ޙައިދަރަށް އެނގެއެވެ. މެހެމަލްގެ ޢަމަލުތައް ހުންނަނީކީ ، އެފަދަކަމެއް ނުވާނެގޮތަކަށްނޫނެވެ. މެހެމަލް ޖަހާހާ ސަކަރާތެއްބަލަން ، އޭނާގެ މަންމަ ނުހުންނާނެކަން ޙައިދަރަށް އެނގެއެވެ. މެހެމަލްމެން ތިބިތަނުގެ މަޢުލޫމާތު ހޯދައި ، އެހެންތާކަށް ނުގޮސް އެތާނގައި ތިބުމަށް މެހެމަލްގާތު ބުނަމުން ، އެތަނަށް ދިއުމަށްޓަކައި ޙައިދަރު ނައްޓައިލިއެވެ.
ދިލްނަޝީން އެނބުރި އައިސް ، މެހެމަލް ކޮޓަރީގައި ނެތްވާހަކަ ކުލްސޫމްގާތު ބުންޏެވެ.
" މެހެމަލް ނެތީ ގެޔަކު އެކަންޏެއްނޫނެވެ. މަޔެއްގެ ފަރުޟު އަދާކުރުމަށްޓަކައި ، އަހަރެން މިގެއިން މެހެމަލް ނެރެލައިފީމެވެ. ދެންއޮތީ ، ދިލްނަޝީން ކުރަންޖެހޭކަމެއް ކުރުމެވެ. އެއީ ، ޙައިދަރުގެ ހިތުން ، މެހެމަލް ނެރެ ބޭރުކޮށްލުމެވެ. އަހަރެންގެ ވާޖިބު އެއޮތީ ފުރިހަމަ ކޮށްފައެވެ. ދިލްނަޝީންގެ ވާޖިބު އަދާކުރުމަށް ކުރިމަތިލާށެވެ. އެވަރުގެ ކުޑަކުޑަ ހަނގުރާމައެއް ކޮށްލާނެހާ ހިތްވަރުވެސް ، ދިލްނަޝީންގެ ނެތީ ހެއްޔެވެ ؟ މެހެމަލްއަކީ ، ބޭވަފާތެރި އަންހެނެކެވެ. " ކުލްސޫމް ބުންޏެވެ.
ދިލްނަޝީންހުރީ ، ކުލްސޫމް އެދައްކަމުންގެންދާ ވާހަކަތަކަށް ވިސްނައިގެންނެވެ. އޭނާވެސް ، އެކަމުގައި އިސްއުފުލައި ހިތްވަރުކޮށް ކަންތައްތަކެއް ޙާޞިލްކުރަން އެބަޖެހޭކަމުގެ އިޙްސާސް ދިލްނަޝީނަށް ކުރެވުނެވެ.
ގޫގުލްމެޕް ބަލަމުން ޙައިދަރަށް ، މެހެމަލްމެން ތިބިތަނަށް ދެވުނުއިރު ، މެހެމަލްއާއި ޢީޝަލްތިބީ ، ހަނަފަސް ބިމެއްގެ މެދުގައި ރަތްދަކަ އަވީގައި ހުއްޓިލައިގެންނެވެ. މެހެމަލްހުރީ ހޫނުވެގެންގޮސް ދާހިއްލައި ފޯވެފައެވެ. ޢީޝަލްހުރީ ބިރުގަނެ ، މަންމަގެ އަތުގައި ހިފަހައްޓައިލައިގެންނެވެ. ދުރުން އަންނަ ހިރަފުސްތަކުން ، އެދެމައިންގެ ފޮށިހުރީ ހިރަފުސް އަރައި ކުލަބަދަލު ވެފައެވެ. ދުރުގައިތިބެ ވަށްވަށްޖަހައި ހަޅޭއްލަވަމުންގެންދާ ދެތިން ކުއްތާ ، އެދެމައިންގެ ވަށައިގެން އެނބުރެމުން ދެއެވެ.
" އަހަރެންނަކީ ޙައިދަރުގެ މަންމައެވެ. ޙައިދަރުގެ ބަލިފަޔަކީ ކޮބައިކަން އަހަރެންނަށް އެނގެއެވެ. އެންމެ ކުޑައިރުއްސުރެ ، ޙައިދަރުގެ އާދަޔަކީ އެއީއެވެ. ޙައިދަރުގެ އަތުގައި އޮތް އެއްޗެއް ، އެހެންމީހެއްގެ އަތުގައި އޮވެގެން ނުވާނެއެވެ. އެހެންމީހަކު ބޭނުންކޮށްފި އެއްޗެއް ބޭނުންކުރާކަށް ޙައިދަރު ބޭނުމެއްނުވާނެއެވެ. އެހެންވީމާ ، ޙައިދަރު އެކުރާ ވިޔަފާރީގައިވެސް ، އެ އާދަޔާއި ހުނަރުވެރިކަންވަނީ އުފައްދާފައެވެ. އެ އަޅަމުންގެންދާ ޢިމާރާތްތަކަށް ބަލައިލިޔަސް ، ގެޔަކަށްވިޔަސް ، ކޮންޑޯއެއް ކަމަށްވިޔަސް ، ދެޢިމާރާތެއް އެއްގޮތެއް ނުވާނެއެވެ. އަދި ޙައިދަރު އަޅާ ޢިމާރާތެއް ، އެހެންމީހަކަށް ކޮޕީކުރާކަށް ނޭނގޭނެއެވެ. އެހެންކަމަށް ވަންޏާ ، އަންޞާބު ޖަހަންގީރު ދޫކޮށްލި އަންހެނަކަށް ޙައިދަރުގެ ޙަޔާތަށް އެނބުރި އާދެވޭނީ ކޮންގޮތަކުން ހެއްޔެވެ ؟ ކުލްސޫމް ވާހަކަ ދައްކަމުން ގެންދިޔައެވެ.
އެހެންމީހަކު ބޭނުންކޮށް ދޫކޮށްލާފައި އޮންނަ އެއްޗެއް ، ޙައިދަރެއް ބޭނުމެއް ނުކުރާނެއެވެ. އެއީ ، ހިތުން ރުހުމުން ޙައިދަރު ކުރާނެކަމެއްނޫނެވެ.
ސުބްޙާނަﷲ އެވެ. ދިލްނަޝީންގެ ހިތަށް އެރިއެވެ. އޭނާއަކީވެސް ، ޙަމްޒާއާއެކީ އުޅެއުޅެފައި ، ޙަމްޒާ ދޫކޮށްލާފައި އައި އަންހެނެކެވެ. ދިލްނަޝީންގެ ދިރިއުޅުމުގައި ، އެއްދުވަސްވަރެއްގައި ޙަމްޒާވެސް އުޅެފައި އެބައޮތެވެ. ދިލްނަޝީންގެ މާޒީގެ އެސިއްރު ، ޙައިދަރުގެ ކުރިމަތީ ނިއުޅިގެން ހިނގައްޖެނަމަ ، ދެންވާނީ ކިހިނެއްބާވައެވެ ! ދިލްނަޝީންގެ ހިތަށް ބިރުވެރިކަން ވަދެ ، ގަދަކަމުން ހިންދިރުވައި ލެވުނެވެ. ( ނުނިމޭ )
ވިހަ ތީރު (42)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ