ވޭޕްގެ ވަބާގައި ޖެހިފައިވާ އެންމެނަކީ ސިނގިރޭޓް ބުއި މީހުންނެއް ނޫން: މިނިސްޓަރ އިޙްސާން

ވޭޕްގެ ވަބާގައި
ޖެހިފައިވާ އެންމެނަކީ ސިނގިރޭޓް ބުއި މީހުންނެއް ނޫން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް
ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިޙްސާން މިފަދައިން ވިދާޅުވީ، ވޭޕް މަނާކުރުމަކީ
ސިނގިރޭޓްގެ ވިޔަފާރިކުރާ މީހުންގެ ވިޔަފާރިތަކަށް ގެއްލުންވަމުންދާތީ، އެ ވިޔަފާރީތައް
ހިންގާ ފަރާތްތަކަށް މަންފާ ހޯދައިދިނުމަށް ކުރާ ކަމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން
ސިފަކުރާތީ އެކަމާ ގުޅޭ ގޮތުން އަސްލު ޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގައި "ހޯމް ޓީމް" އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު
ވިދާޅުވީ، ވޭޕް އިސްތިއުމާލުކުރާ އެންމެން ވޭޕް ބޮނީ ސިނގިރޭޓްގެ ބަދަލުގައި ކަމަށް
ދެކޭ ދެކުމަކީ ގޯހެއް ކަމަށެވެ. އަދި ވޭޕް ބޯ އެންމެންނަކީ ކުރިން ސިނގިރޭޓް ބުއި މީހުން
ނުވަތަ ބޯމީހުން ކަމަށް ބުނުމަކީ ގޯހެއް ކަމަށާއި ވޭޕް ވިޔަފާރި ހުއްޓުމުން ސިނގިރޭޓްގެ
ވިޔަފާރި ފުޅާވުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ،
ވޭޕް މަނާކުރީ އޭގެ ގެއްލުން ބޮޑުވުމުން ކަމަށާއި ހާއްސަކޮށް ކުޑަކުދިން އޭގެ ތެރެއަށް
ހުށަހެޅެމުންދާތީ ކަމަށެވެ. އަދި ބައެއް ވޭޕް ފްލޭވަރތަކުގައި މަސްތުވާތަކެތި ހިމެނޭ
ކަމަށާއި ގިނަ ބަޔަކު ނުސީދާކޮށް ޑްރަގްއަށް ހުށަހެޅެމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ވަކި ބަޔަކަށް ގެއްލުންދިނުމަށް
ނުވަތަ މަންފާ ހޯދައިދިނުމުގެ ނިޔަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެއްވެސް
ނިންމުމެއް ނުނިންމަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ސްކޫލްތަކުގެ ކުދިންނަށް
މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދޭކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓަރ
ވަނީ މީގެ ކުރިންވެސް ވިދާޅުވެފައެވެ.
ވޭޕް އޮއިލްގެ ގޮތުގައި
ރާއްޖެ އެތެރެކުރި ކެނެބިސް ޝިޕްމެންޓެއް ކަސްޓަމްސް އިން ވަނީ މިފަހުން އަތުލައިގެންފައެވެ.
އަދި މިއަހަރުގެ މޭ މަހުގެ ތެރޭގައި ވަނީ ކެނަބިސް އަޅާފައިވާ ވޭޕް ކާޓްރިޖްތަކެއް
ވެސް އަތުލައިގެންފައެވެ.
މިނިސްޓަރ ވިދާޅުވީ
ސްކޫލްތަކުގެ ކިޔަވާ ކުދިންނަށް މިފަދަ މަސްތުވާތަކެތި ހިމެނޭ ވޭޕް އޮޅުވާލައިގެން ދެމުންދާކަން
ފާހަގަކުރެވިފައިވާ ކަމަށެވެ.
ވޭޕް އޮއިލްގެ ގޮތުގައި
އެތެރެކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް އަތުލައިގެންފައިވާ އިރު، ރައީސް ޑރ. މުހައްމަދު
މުއިއްޒު އިއްޔެ ވަނީ ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވިއްކުން މަނާ ކުރަން ނިންމަވާފައެވެ.
އެގޮތުން ‏ވޭޕްކުރުމަށް ބޭނުންކުރާ
ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15،
2024 އިން ފެށިގެން މަނާވާނެ އެވެ. އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި
ބޭނުންކުރުމާއި ގެންގުޅުމާއި އުފެއްދުމާއި ވިއްކުމާއި ރާއްޖޭގައި އިޝްތިހާރު ކުރުމާއި
ހިލޭބެހުން ޑިސެމްބަރު 15، 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން
ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ރައީސް ވަނީ އަންގަވާފަ އެވެ.
ރައީސްގެ ނިންމެވުން
ތަންފީޒުކުރުމަށްޓަކާ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި
މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑަޑާރަ ނައިބު އަހުމަދު
އުޝާމް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނާއި ރާއްޖޭގެ
އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާ
ކަމަށް އުޝާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ