ހިރިމަރަދޫ ނެރުގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރާނަން: އާދަމް ޝަރީފް އުމަރު

ހދ.ހިރިމަރަދޫގެ ނެރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރަން މަސައްކަތްކުރައްވާނެކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެހެން ރަށަކަށް ހިޖުރަކުރުމަށް ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވާ ހިރިމަރަދޫ ގެ ނެރު ތހިލަވުމުގެ ސަބަބުން ވަރަށް ގިނަ ތަކުލީފުތަކެއް ރައްޔިތުންނާއި އެރަށަށް ދަތުރުކުރާ ފަރާތްތަކަށް ކުރިމަތިލާން ޖެހިފައިވާ މައްސަލަ އެރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.
އެއާއިއެކު، މިނިސްޓަރުގެ ޕޯސްޓްގައި އެ ބޭފުޅާ ވަނީ، ނެރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރި ގުޅުން ހުރި ފަރާތްތަކާއި އެކު މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.
Advertisement
މީގެ އިތުރުންވެސް، މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ހިރިމަރަދޫ މީހުން އެރަށުން ބަދަލުކުރުމުގެ މަސައްކަތް އަވަސްކޮށްދިނުމަށް އެ ރަށުގެ ކައުންސިލްގެ ރައީސް އެދިވަޑައިގެންކަމަށެވެ.
މީގެ ކުރިން މިނިސްޓަރު ވަނީ، ހިރިމަރަދޫގައި ދިރިއުޅޭ ރައްޔިތުން، ކ. ތުލުސްދޫއަށް ބަދަލުކޮށްދިނުމަށް އެރަށު ކައުންސިލުން އެދިފައިވާކަން ހާމަކުރައްވާފައެވެ.
ހދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ކުޑަ ރަށް ކަމަށްވާ ހިރިމަރަދޫގެ ރަޖިސްޓްރީގައި އޮތީ 584 މީހުންނެވެ. 2022 ވަނަ އަހަރު ނެގި ބޯހިމެނުމުން އެނގޭ ގޮތުގައި، އެރަށުގައި ދިރިއުޅެނީ 260 ދިވެހިންނާއިއެކު ޖުމްލަ 293 މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ