ވޭޕް މަނާކުރަންޖެހެނީ ކުރީ ސަރުކާރުތަކުން ފިޔަވަޅު އަޅާފައިނުވާތީ: ނާޡިން

މި ސަރުކާރުން ވޭޕް މަނާކުރަންޖެހުނީ ކުރީ ސަރުކާރުތަކުން އެތަކެތި ރެގިއުލޭޓްކުރުމަށް ފިޔަވަޅު އަޅާފައިނުވާތީކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޡިމް ވިދާޅުވެއްޖެއެވެ. ނާޡިމް މިހެން ވިދާޅުވީ ދުންފަތް އެކުލެވޭ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށް ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓުގެ ޤާނޫނަށް އިސްލާހު ހުށަހެޅުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ ބިލަށް ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޡިމް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނެއް ރާއްޖެއަށް ތަޢާރަފުކުރެވުނުއިރު ވޭޕަކީ ދިވެހިން ދަންނަ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް ދިވެހިންގެ ތެރޭގައި މިހާރު ވޭޕް ބޭނުންކުރުން އާންމުވެފައިވާއިރު އެ ރެގިއުލޭޓް ކުރުމަށް ކުރީ ސަރުކާރުތަކުން ފަސްޖެހިފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.
ނާޡިމް ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ޤާނޫނުގައި ހިމަނާފައިނުވާ ދުންފަތުގެ ބާވަތްތަކުން %200 އާއި ހަމައަށް އިމްޕޯޓް ޑިއުޓީ ނަގަންޖެހޭގޮތަށް އޮތްނަމަވެސް މިހާތަނަށް އެކަން ކޮށްފައިނުވާ ކަމަށެވެ. ރާއްޖޭގައި ކަންބޮޑުވާވަރަށް ވޭޕް ބޭނުންކުރާ މިންވަރު އިތުރުވެފައިވަނީ ޓެކުހަށް މަކަރުހަދައި، އަގުހެޔޮކޮށް އެތަކެތި ބާޒާރުން ލިބެން ހުރުމުންކަމަށްވެސް ވިދާޅުވިއެވެ.
"ބޭރުގެ އެހެން ޤައުމުތަކުގައި ވޭޕަށް ޓެކްސް ނަގަމުންދިޔައީ ސިނގިރޭޓަކަށް ކުރާގޮތަށް، ސިނގިރޭޓަށް ކުރަނީ ކޮންމެ ގްރާމަކަށް ވަކިވަރެއް. އަދި ވޭޕަށް ކުރަނީ ކޮންމެ މިލިލީޓަރަކަށް ވަކިވަރެއް. އެކަމަކު ރާއްޖޭގައި އެކަން އެގޮތަށް ނުގެނެވުމުގެ ސަބަބުން ވޭޕްގެ ކަންތައްތައް ފެތުރިގެންގޮސް ބޮއްސުންލައިގެންގޮސް ވަބާއަކަށްވާ ހިސާބުން ސަރުކާރުން މިވަނީ ވޭޕް މަނާކުރަން ނިންމާފައި،" ނާޡިމް ވިދާޅުވިއެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނާޡިމް ވިދާޅުވީ ޑިއުޓީ ބޮޑުކުރުމުން ދުންފަތާ ދުރަށް ދިއުމުގެ ފުރުސަތު އެބައޮތްކަމަށާއި ޤާނޫނުގައި ސަރުކާރުގެ އިދާރާތަކަށް ލިބިފައިވާ ބާރުގެ ދަށުން ހަދާފައިވާ ގަވާއިދުތައް ތަންފީޒުނުކުރެވެނީސް ދުންފަތުގެ މައްސަލައަށް ފުރިހަމަ ހައްލެއް ނުލިބޭނެ ކަމަށެވެ. އަދި ޑިއުޓީ ބޮޑުކުރުމުން ރާއްޖެއަށް ދަށް ކޮލިޓީގެ ސިނގިރޭޓު އިތުރުކޮށް އޭގެ ކަޅު ބާޒާރެއް އުފެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި އެ ފުރުސަތުތައްވެސް ނައްތާލަން ބަދަލުތައް ގެންނަންޖެހޭކަން ނާޡިމް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ މި ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރެވި ބްލެކް މާކެޓުގައި އެއެއްޗެހި (ސިނގިރޭޓް) ނުގަނެވޭނެގޮތަށް ރާވައި، އަދި ހަމައެއާއެކު ސްމަގަލް ނުކުރެވޭނެ ގޮތްތައްވެސް އަޅުގަނޑުމެން އެބަޖެހޭ ރާވަން،" ނާޡިމް ވިދާޅުވިއެވެ.
ނާޡިމް ވަނީ ރައްޔިތުންގެ ސިއްޙަތަށް ގެއްލުންދޭ ތަކެތިން އިމްޕޯޓް ޑިއުޓީ ނެގުމުގެ އިތުރަށް އެކްސައިޒް ޓެކްސް ނަގަންޖެހޭކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން، އެނާޖީ ޑްރިންކާއި ހަކުރު ފަދަ ތަކެތިން ޓެކްސް ނަގަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނާޡިމް ވިދާޅުވިގޮތުގައި މި ބަދަލުތައް ގެންނަންޖެހެނީ ރާއްޖެއިން ސިއްޙީ ދާއިރާއަށް ކުރާ ހޭދައަށް ބެލުމަށްފަހު ކަމަށެވެ. އެގޮތުން، ދިރިއުޅުމުގެ އާދަތައް ސިއްޙަތަށް ނުރައްކާވާގޮތަށް ބެހެއްޓުމަށްފަހު އާސަންދައަށް ބަރޯސާވާ ކަމަށާއި އެއަށް ދައުލަތުގެ އާމްދަނީއާ ނުބައްދަލު ޚަރަދެއްކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޡިމް ވިދާޅުވިިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ