ވައި ނުސާފުވުމުން، މާބަނޑުއިރު ކުރިމަތިވާ ނުރައްކާތައް
ވައިގެ ނުސާފުކަން އިތުރުވާ މިންވަރަކަށް، މާބަނޑު މީހުންނާއި ބަނޑުގައިވާ ދަރިފުޅަށް އޮތް ނުރައްކާ ބޮޑުވާ ކަމަށް ސިއްހީ މާހިރުން އިންޒާރު ދެއްވައިފިއެވެ. މި ކަމަށް އާންމުން ހޭލުންތެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އެ ބޭފުޅުން މިވަނީ ފާހަގަކުރައްވާފައެވެ. މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު، ޚާއްސަކޮށް މާބަނޑު އަންހެނުން ހެނދުނުގެ ވަގުތުތަކުގައި ބޭރަށް ނުކުމެ ހިނގާލުމަކީ ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ނަމަވެސް، މިއަދު މޫސުމަށާއި ދިރިއުޅޭ މާހައުލަށް އަންނަ ބަދަލުތަކާ އެކު ވައި ނުސާފުވެ ތަޣައްޔަރުވެފައިވާ ދުވަސްތައް ތަޖުރިބާކުރަންޖެހޭ ދަނޑިވަޅުތައް ވެސް އާދެއެވެ. ދިރިއުޅޭ މާހައުލުގެ ޖައްވީ ވައި ނުސާފުވަމުންދާ ވަރަކަށް، މާބަނޑު މީހުންނަށް ނޭވާލުމުގެ އުނދަގޫތަކާއި، ލޭގެ ފިއްތުން މަތިވުމާއި، ދުވަސް ނުފުރާ ވިހެއުމާއި، އުފަންވާއިރު ކުއްޖާގެ ބަރުދަން ލުއިވުމުގެ އިތުރުން، ބަނޑަށް ދަރިފުޅު މަރުވުން ފަދަ ސީރިއަސް މައްސަލަތައް ކުރިމަތިވަމުންދާ ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. ޖައްވުގެ ވައި ނުސާފުވުމުގެ ސަބަބުން، ނޭވާލުން ފަދަ އަސާސީ ކަމެއް މިއަދު މިވަނީ ސިއްހީ ބޮޑު ބިރަކަށް ވެފައެވެ. ޖައްވު ނުސާފުވެފައިވާ ނަމަ މާސްކު އަޅައިގެން ބޭރުތެރޭގައި އުޅުމަށް ހާއްސަ ސަމާލުކަމެއް ދޭން ޑޮކްޓަރުން ވަނީ އިރުޝާދު ދެއްވާފައި--ފޮޓޯ/އޯޑެންކްލިނިކް ވައިގެ ނުސާފުކަމުގެ ސަބަބުން މާބަނޑު މީހެއްގެ ހަށިގަނޑަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ކެއަ ހޮސްޕިޓަލްގެ ސީނިއަ އިންޓަވެންޝަނަލް ޕަލްމޮނޮލޮޖިސްޓް ޑރ. ސަތީޝް ސީ. ރެޑީ ވިދާޅުވީ، ފުއްޕާމޭގެ ފުންމިނަށް ދަތުރުކުރާ ކުދި ފާޓިކަލްތައް (PM2.5)ގެ ސަބަބުން ނުސާފު ވައިގެ ތެރޭގައި އުޅޭ މާބަނޑު މީހުންގެ ނޭވާލާ ނިޒާމަށް ނޭދެވޭ އަސަރުތަކެއްކޮށް އުނދަގޫތަކެއް ތަޖުރިބާކުރާނެ ކަމަށެވެ. މީގެ ސަބަބުން ނޭވާލާ ހޮޅިތައް ދުޅަވުމާއި، ފުއްޕާމޭގެ މަސައްކަތަށް ބުރޫއެރުމާއި، ނޭވާހިއްލުން ނުވަތަ ބްރޮންކައިޓިސް ފަދަ ބަލިތައް މެދުވެރިވާ ކަމަށް ޑރ. ސަތީޝް ވަނީ ފާހަގަކުރައްވާފައެވެ. "މާބަނޑު ދުވަސްވަރަކީ ހަށިގަނޑަށް އޮކްސިޖަން ބޭނުންވާ މިންވަރު އިތުރުވެ، ފުއްޕާމޭގެ މަސައްކަތަށް ބަދަލުތަކެއް އަންނަ ދުވަސްވަރެއް. އެހެންކަމުން، ނޭވާލާ ނިޒާމަށް ދިމާވާ ކޮންމެ ހުރަހަކީ މައިމީހާ އަށާއި ދަރިފުޅަށް ލިބޭ އޮކްސިޖަން މަދުކޮށްދޭނެ ކަމެއް. މީގެ ސަބަބުން ހިތާއި ފުއްޕާމޭގެ މަސައްކަތަށް ބާރުބޮޑުވެ، ހަށިގަނޑަށް ނުތަނަވަސްކަން ކުރިމަތިވޭ،" ޑރ. ސަތީޝް އިތުރަށް ވިދާޅުވެފައިވެއެވެ. މިގޮތަށް އޮކްސިޖަން ލިބޭ މިންވަރު މަދުވުމަކީ ކުއްޖާގެ ހެދިބޮޑުވުމަށް ސީދާ އަސަރުކުރާ ކަމެކެވެ. އެޕޯލޯ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް އޮންކޯ ގައިނަކޮލޮޖިސްޓް ޑރ. އަންތަރުވޭދީ ސާންތީ ވިދާޅުވި ގޮތުގައި، PM2.5 ފާޓިކަލްތަކަކީ ނުހަނު ކުދި އެއްޗިއްސަށް ވުމުން، ފުއްޕާމޭގެ ތެރެއިން ލޭގެ ތެރެއަށް ފަސޭހައިން ދަތުރުކުރެއެވެ. މާބަނޑު ދުވަސްވަރު މި ވިހަ މާއްދާތައް ޕްލެސެންޓާއަށް ފޯރައި، ދަރިފުޅަށް ލިބެންޖެހޭ އޮކްސިޖަނާއި ފައިދާހުރި މާއްދާތައް މަދުކޮށްލައެވެ. މީގެ ސަބަބުން ކުއްޖާގެ އާންމު ހެދިބޮޑުވުމަށް ހުރަސްއެޅި، މައިމީހާގެ ހިތާއި، ފުއްޕާމޭ އަދި ބަލިތަކުން ދިފާއުވާ ނިޒާމަށް ނުކުޅެދުންތެރިކަން ކުރިމަތިކުރުވައެވެ. ޖައްވީ ވައި ނުސާފުވަމުންދާ ވަރަކަށް، މާބަނޑު މީހުންނަށް ނޭވާލުމުގެ އުނދަގޫތަކާއި، ލޭގެ ފިއްތުން މަތިވުމާއި، ދުވަސް ނުފުރާ ވިހެއުން ފަދަ ކަންކަން ކުރިމަތިވަމުން އަންނަ ކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/އޯޑެންކްލިނިކް ސިއްހީ ދިރާސާތަކުން ދައްކާ ގޮތުގައި، ނުސާފު ވައިގެ ސަބަބުން ހަމައެކަނި ފުއްޕާމެއަށް އުނދަގޫވަނީއެއް ނޫނެވެ. ޑރ. ސަތީޝް ފާހަގަކުރެއްވި ގޮތުގައި، ބަނޑުގައި އޮންނަ ދަރިފުޅުގެ ހެދިބޮޑުވުމަށް ނުސާފު ވައިގެ ސަބަބުން ނޭދެވޭ އަސަރުކުރާކަން ހުރިހާ ދިރާސާއަކުން ވެސް ކަށަވަރުވެއެވެ. ނޭވާލާ ނިޒާމުގެ ތެރެއިން ލެޔަށް ވަންނަ ވިހަ މާއްދާތަކުގެ ސަބަބުން ޕްލެސެންޓާގެ މަސައްކަތަށް ބުރޫއަރައި، ދަރިފުޅަށް ލިބެންޖެހޭ މުހިންމު މާއްދާތައް ހުއްޓުމަކަށް އާދެއެވެ. މީގެ އިތުރުން، ވައިގެ ނުސާފުކަމުގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އިންފްލެމޭޝަނާއި އޮކްސިޑޭޓިވް ސްޓްރެސްގެ ސަބަބުން، ދުވަސް ނުފުރާ ވިހެއުމާއި، އުފަންވާއިރު ކުއްޖާގެ ބަރުދަން ލުއިވުން ފަދަ މައްސަލަތައް ދިމާވާ ކަމަށް ޑރ. ސަތީޝް ވިދާޅުވިއެވެ. ބާރުބޮޑު މަގުތަކާއި، ފެކްޓްރީތަކާއި، ނުވަތަ ކުނި އަންދާ ސަރަހައްދުތަކާ ކައިރީގައި ދިރިއުޅޭ އަންހެނުންނަށް މީގެ ނުރައްކާ މާ ބޮޑުކަމަށް ޑރ. ސާންތީ ވަނީ ވިދާޅުވެފައެވެ. ޑރ. ސާންތީ އިތުރަށް ވިދާޅުވި ގޮތުގައި، މިފަދަ ސަރަހައްދުތަކުގައި އުޅޭ މީހުން ކޮންމެ ދުވަހަކު ވެސް ނުރައްކާތެރި މާއްދާތަކަށް ހުށަހެޅެއެވެ. މީގެ ސަބަބުން ހަށިގަނޑުގައި އުފެދޭ ދުޅަހެޔޮ ނޫން ބަދަލުތަކުގެ ސަބަބުން ބަނޑުގައިވާ ދަރިފުޅަށް ނުރައްކާވެއެވެ. މާބަނޑު ދުވަސްވަރުގެ ވަކި ދުވަސްވަރެއްގައި މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވެއެވެ. ޑރ. ސަތީޝް ވިދާޅުވާ ގޮތުގައި ހުރިހާ ދުވަސްވަރެއް މުހިންމު ނަމަވެސް، ފުރަތަމަ ތިން މަހާއި ފަހު ތިން މަހަކީ އެންމެ ނާޒުކު ދުވަސްވަރެވެ. ފުރަތަމަ ތިން މަހަކީ ކުއްޖާގެ ގުނަވަންތައް އުފެދޭ ދުވަސްވަރެވެ. އަދި، ފަހު ތިން މަހަކީ ކުއްޖާ ހެދިބޮޑުވެ، ފުއްޕާމޭ ފުރިހަމަވާ ދުވަސްވަރެވެ. މި ދެ ދުވަސްވަރު ނުސާފު ވައިގެ އަސަރު ކުރުމަކީ އޭގެ ނަތީޖާ މުޅި އުމުރަށް ދެމިގެންދާނެ ކަމެއް ކަމަށް ކަމާބެހޭ ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. ނޭވާ ކުރުވުން، މެދުނުކެނޑި ކެއްސުން، ބޯއެނބުރުން، ވަރުބަލިވުން، ހަށިގަނޑު ދުޅަވުން ނުވަތަ ދަރިފުޅު ތޮޅޭ މިންވަރަށް ބަދަލު އައުން ފަދަ އަލާމާތްތަކަށް ސަމާލުވުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ. ރައްކާތެރިވުމުގެ ގޮތުން، ވައިގެ ނުސާފުކަން ހުރި މިންވަރު ބެލުމާއި، ވައި ނުސާފު ގަޑިތަކުގައި ބޭރަށް ނުދިއުމާއި، މާސްކު އެޅުމާއި، ގޭތެރޭގެ ވައި ސާފުކޮށް ބެހެއްޓުމުގެ އިތުރުން ގަވާއިދުން ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް ޑރ. ސާންތީ ވަނީ އިރުޝާދު ދެއްވާފައެވެ. އަޅުގަނޑުމެން ދިރިއުޅޭ މާހައުލަށް އަންނަ ބަދަލުތަކާ އެކު ސިއްހަތަށް ދޭންޖެހޭ އަހައްމިއްޔަތުކަމާއި ފަރުވާތެރިކަންދީ ސިއްހަތު ސަލާމަތުން ބެހެއްޓުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަކީ މުހިއްމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ