ބޮޑު ގޯހެއް ހެއްދެވުމުން ވެސް ކެބިނެޓުގައި؛ "ހެޔޮ" ބަދަލުތަ؟
މި ކުރެވެނީ ވަރަށް މޮޅު ކަމެކޭ އެ ބޭފުޅުންގެ ހިތްޕުޅަށް އަރައިފާނެއެވެ. މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެންމެ ފުރަތަމަ ހާމަކުރީ، ބޭސް ކުރެވޭނެ ގޮތެއް ނެތިގެން އެހީއަކަށް އެދުނު މީހެއްގެ މައުލޫމާތެވެ. ނަމާއި، ރަށާއި، އައިޑީކާޑަށް ދާންދެން ހާމަކޮށް، އެހާތަނަށް ދިން އެހީތަކާ އެކު، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދޭން އޮތް އެންސްޕާއިން 'ކަލަ' ގޮވައިލީއެވެ. އާންމުންގެ ނުރުހުން އަމާޒުވުމުން 'މި ކުރެވުނީ ގޯސް ކަމެއްކަން އިހުސާސްވެއްޖެ'އޭ ބުނެ، މައާފަށް ވެސް އެދުނެވެ. https://sun.mv/199823 އެއިރު އެ ކަން ކުރެއްވީ އެންސްޕާގެ ސީއީއޯކަމުގައި ހުންނެވި ހީނާ ވަލީދެވެ. އެއަށް ފަހު ވެސް އެ މަގާމުގައި ހުންނަވައިގެން ކުރެއްވި އެތައް ކަމަކާ، އަމާޒުވި އެތައް ތުހުމަތަކާ ގުޅިގެން ގިނަ ރައްޔިތުންތަކެއްގެ ނުރުހުން ހީނާއަށް އަމާޒުވިއެވެ. އެކަމަކު، ރައީސް ޑރ. މުޙައްމަދު މުއިއްޒު، އެ މަނިކުފާނުގެ ކެބިނެޓަށް، "ރައްޔިތުން އެދުނު ހެޔޮ" ބަދަލު ގެންނެވިއިރު، ހީނާއަށް "ޕްރޮމޯޝަނެއް" ދެއްވައި ކެބިނެޓަށް ލެއްވެވީއެވެ. https://sun.mv/199784 ހަމަ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވެސް މި ސަރުކާރުގެ ވަޒީރަކު "ފަޅައިއެރީ" ރައްޔިތުންގެ އެންމެ ޒާތީ އެއް މައުލޫމާތު ރައްކާކޮށްފައި ހުރި އިދާރާގެ އޮފީހުގެ ތެރޭ ސިޔާސީ މަސައްކަތްކުރައްވަނިކޮށެވެ. އައިޑީ ކާޑުގެ މައުލޫމާތުތަކާ ކުޅެ، އަމިއްލަފުޅު ސިޔާސީ ޕާޓީއަށް ހާހުން މެންބަރުން ވެއްދުމުގެ ބޮޑު "މަޝްރޫއެއް" ކުރިއަށް ގެންދެވީކަމުގެ ތުހުމަތުތަކުގެ އަޑު އެއިރު ވަރަށް ގަދަވިއެވެ. އެކަން ދިފާއުކުރެއްވޭނެ އެއްވެސް ވާހަކައެއް އެއިރަކު ދެއްކެވޭ ގޮތެއް ނުވިއެވެ. އެއީ ހޯމް މިނިސްޓަރު އަލީ އިހުސާނެވެ. ދެ އަހަރާ ބައި ފަހުން އަނެއްކާ ވެސް ހަމަ އެހެންނެވެ. މި ފަހަރު މުޅި ދުނިޔެއަށް ހާމަކޮށްލީ، ނަފުސާނީ ގޮތުން ބަލިކަށިވެފައި ހުރި ޒުވާނެއް، އޭނާގެ އެންމެ ފަހު ވަގުތު އެންމެ ނާޒުކު ހާލަތުގައި ދައްކާފައި ހުރި ވާހަކަތަކެކެވެ. https://sun.mv/221018 އެކަމަކު، އާ ކެބިނެޓުގައި އަދިވެސް އިހުސާނު އެބަ ހުންނެވިއެވެ. ރައްޔިތުންގެ އެތައް ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް ވެސް އެ ހުންނެވީ "ހެޔޮ ބަދަލު"ގެ ތެރެއިންނެވެ. އާންމު ފަރުދުންގެ ޒާތީ މައުލޫމާތު ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހިއްސާކުރަނީ، ވަރަށް ބޮޑު އިތުބާރެއް ކޮށްފައެވެ. ސިޔާސީ މަގުސަދެއް ހާސިލުކުރަން، ނުވަތަ އަމިއްލަ ނަން ސާފުކުރަން އަންނަ ފޯރީގައި އެ ހުރިހާ މައުލޫމާތެއް މުޅި ދުނިޔެއަށް ހާމަކުރުމަށްވުރެ ބޮޑު ގޯހެއް ކޮބާ ހެއްޔެވެ؟ މިހާ ބޮޑު ގޯހެއް ހެއްދެވި ދެ ބޭފުޅުންނަށް ކެބިނެޓުގައި ފުރުސަތު އޮތުމަކީ ރައްޔިތުން އެދުނު ހެޔޮ ބަދަލު ހެއްޔެވެ؟ ދައުލަތުގައި ހުރި ފަރުދުންގެ ޒާތީ މައުލޫމާތު "ކުޅޭކުޅޭ" އެއްޗަކަށް؟ ދައުލަތުގެ އިދާރާއަކަށް އާންމު ފަރުދަކު މައުލޫމާތު ހިއްސާކުރަނީ، ދައުލަތުން ފޯރުކޮށްދޭ ޚިދުމަތެއް ނުވަތަ ރައްކާތެރިކަމެއްގެ ބޭނުމުގައެވެ. ބަލިވެގެން ހޮސްޕިޓަލަށް ދާ މީހާ، އޭނާގެ ބަލީގެ މައުލޫމާތު ޑޮކްޓަރަކާ ހިއްސާކުރަނީ، އެ ޑޮކްޓަރެއްގެ ފަރާތުން އޭނާއަށް ފަރުވާއެއް ލިބޭނެ މަގު ފަހިވޭތޯއެވެ. އެ މައުލޫމާތު، ސިސްޓަމަކަށް އަޅަނީ، ކުރިން ވެސް އެ ފަދަ ކަމެއް ހިނގިކަން، ފަހުން ހޯދުމުން ވެސް އެނގޭނެ ފަދަ ރިކޯޑެއް ބަލަހައްޓާށެވެ. އެކަމަކު، ޑިއުޓީ ނިންމާފައި ޑޮކްޓަރު ގޮސް އޭނާގެ އާއިލާ މީހުންނާއި، ރައްޓެހިން ގާތު ބަލިމީހާގެ އެ ބަލީގެ ވާހަކަ ހާމަކޮށް ދެއްކުމުން އެ ޖެހުނީ ކޮންތާކު ހެއްޔެވެ؟ ބަލިމީހާގެ ނުރުހުން ފާޅުކުރުމުން ހެލްތު މިނިސްޓަރު، އެ ރިކޯޑުތައް ހޯއްދަވައިގެން ޓްވީޓާގައި ހާމަކުރުމުން އެ ޖެހުނީ ކޮންތާކު ހެއްޔެވެ؟ އައިޑީ ކާޑެއް --- ސަން ފޮޓޯ/ މުޙައްމަދު ހައްޔާން ދައުލަތުގައި މައުލޫމާތު ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ މުޅި ނިޒާމާމެދު އޮންނަ އިތުބާރު ވަގުތުން ފުނޑެނީއެވެ. ވަކި މީހެއްގެ މަންފާއަށް އެހެން މީހެއްގެ ޒާތީ މައުލޫމާތު ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވެނީއެވެ. މިއީ މުޅިން މަނާ ކަންކަމެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ޖިނާއީ އަދަބު ލިބޭ ފަދަ ބޮޑެތި ގޯސްތަކެވެ. އިނގިރޭސިވިލާތުގެ ސަރުކާރުން، އެކުލަވާފައިވާ ޑޭޓާ ޕްރޮޓެކްޝަން ގާނޫނުތައް ބުނާ ގޮތުގައި ދައުލަތުގެ ބެލުމުގެ ދަށުގައިވާ ބައެއް ފަރާތްތަކުގެ މައުލޫމާތަކީ، އެ މައުލޫމާތުގެ ރައްކާތެރިކަން ގެއްލިއްޖެނަމަ އެ ފަރާތްތަކަށް ބޮޑެތި ގެއްލުންތަކަކާ ކުރިމަތިލާންޖެހިދާނެ ފަދަ މައުލޫމާތެވެ. މިސާލަކަށް، ހެކިންނަށް ރައްކާތެރިކަންދޭ ނިޒާމުގެ ދަށުގައިވާ ފަރާތްތަކާއި، ދައުލަތުގެ ނާޒުކު މަގާމުތަކުގައި ތިއްބަވާ މުވައްޒަފުންނާއި، ނުވަތަ މުޖުތަމައުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ މައުލޫމާތު ސަރުކާރުގެ އިދާރާތަކުން ބަލަހައްޓަފާނެއެވެ. މިފަދަ ފަރާތްތަކުގެ މައުލޫމާތު ރައްކާތެރިކަމުން ބޭރުވުމަކީ އޭގެ ނަތީޖާ ވަރަށް ނުރައްކާތެރިވެދާނެ ކަމެކެވެ. ނަމަވެސް، މީގެ މާނައަކީ މައުލޫމާތު ކޮންމެހެން ހިއްސާކުރަންޖެހޭ ހާލަތްތަކުގައި، ހިއްސާކުރަންޖެހޭ ފަދަ މައުލޫމާތު ހިއްސާ ނުކުރުމެއް ނޫނެވެ. "އިދާރާއަކުން ބޭރަށް މައުލޫމާތު ހިއްސާކުރާއިރު ނުވަތަ އެކި މަސްދަރުތަކުން ލިބޭ މައުލޫމާތު އެއްކުރާއިރު، ނާޒުކު ހާލަތްތަކުގައި ތިބި މީހުންނަކީ ކޮބައިކަން ގަސްދަކާނުލައި ހާމަވުމުގެ ފުރުސަތު ބޮޑުވޭ. އެކަމަކު މީގެ މާނައަކީ މައުލޫމާތު ހިއްސާކުރުން ހުއްޓާލުމެއް ނޫން. ސަބަބަކީ މައުލޫމާތު ހިއްސާނުކުރުމަކީ ވެސް އޭގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަކަށްވާތީ. މިސާލަކަށް، އާންމު ސަލާމަތަށް ނުރައްކާވާ ފަދަ މީހެއްގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހިއްސާނުކޮށްފިނަމަ، އެ މީހަކީ ކާކުކަން ދެނެގަތުމަށް ހުރަސް އެޅިދާނެ،" އިޖުތިމާއީ ކަންކަމުގައި މަސައްކަތްކުރައްވާ ގާނޫނީ ވަކީލަކު ފާހަގަކުރެއްވިއެވެ. އަދިވެސް މަގާމުގައި، ގޯހެއް؟ ރައްޔިތުންގެ ނުރުހުން އިންތިހާއަށް އަމާޒުވެއްޖެއެވެ. މީގެ ކުރިން ހިނގި ކަންކަމުގައި ވެސް، އެ ކަންކަމާ މެދު އާންމުންގެ ނުރުހުން ފާޅުކުރުމުން ވެސް މި ބޭފުޅުން ޖަވާބެއް ނުދެއްވައެވެ. އެއީ ކީއްވެގެން ކުރެއްވި ކަމެއްކަން ހާމަނުކުރައްވައެވެ. ޑީއެންއާރްގެ މައްސަލައިގައި ޖަވާބުދެއްވީ މަޖިލީހަށް ހާޒިރުކުރުމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު މިނިސްޓަރު އިހުސާންގެ ފަރާތްޕުޅުން އެ ހިނގި ކަންތަކުގައި ރައްޔިތުންގެ ނުރުހުން އިންތިހާއަށް އަމާޒުވެފައިވީ ނަމަވެސް މިހާތަނަށް ވެސް އެ ކަންކުރެއްވި ސަބަބެއް ހާމަނުކުރައްވައެވެ. މައާފަކަށް ވެސް ނޭދެއެވެ. ހޯމް މިނިސްޓަރު އިހުސާން ވާހަކަދައްކަވަނީ -- ފޮޓޯ/ ހޯމް މިނިސްޓްރީ ނަމަވެސް، އާންމުންގެ ނުރުހުން މިހާ ބޮޑަށް އަމާޒުވެފައިވަނިކޮށް، އަދިވެސް އަމިއްލަފުޅު އަމަލުތައް ދިފާއުކުރެއްވުމަށް މަގާމުގައި ހުންނެވުމަކީ ޑިމޮކްރަސީއެއްގައި ތަބާވާ ރަނގަޅު އުސޫލުތަކާ ވެސް ބީރައްޓެހި ސިފައެކެވެ. ތަހުޒީބީ ގައުމުތަކުގައި ފެންނަ މަންޒަރަކީ، އާންމުން ވަކި ބޭފުޅެއްގެ ވަކި ކަމަކާމެދު އިންތިހާއަށް ނުރުހުން ވެއްޖެނަމަ ދެން އެ ބޭފުޅަކު އިސްތިއުފާދެއްވާ ތަނެވެ. އެ ފަދަ އެތައް މިސާލެއް އެކި ކަންކަމުގައި ފެންނަން އެބަހުއްޓެވެ. ތަކުރާރުކުރެވިފައިވާ ގޯހެއްގެ ދިފާއުކުރައްވަން ހުންނެވުމަކީ، އިތުރަށް ލިބޭނެ ގެއްލުމެކެވެ. އެއީ، ތަހުގީގީ އިދާރާތަކުގެ އަގުވެއްޓި، ސަރުކާރާއި އިދާރާތަކާ މެދު އޮންނަ އިތުބާރު ކުޑަވާނެ ކަމެކެވެ. އެހެންކަމުން ތަކުރާރުކުރެވިފައިވާ މިފަދަ ގޯހެއް ރަނގަޅުކުރުމަށް އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މަގާމުން އެކެހެރިވެވަޑައިތުމެވެ. ސަބަބަކީ އެއީ މި ވަގުތު ރައްޔިތުންގެ ވިންދު ވެސް ހުރި ގޮތަށް ވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ