5 ކައިވެންޏަށް 13 ދަރިން ލިބުނު އިރުވެސް ހުސްއަންހެން ދަރިން ލިބުނު މީހެއްގެ ވާހަކަ-

މިއީ ބޭރު ޤައުމެއްގައި ހިނގާފައިވާ ކަމެއް ނޫނެވެ. ހަމަ މިމާލޭގައި ހިނގާފައިވާ ކަމެކެވެ. ފުރަތަމަ އަނބިމީހާއަށް 2 އަންހެން ދަރިން ލިބުމުން ފިރިހެން ދަރިފުޅަކު ހޯދަން ދެވަނަ އަންތބަކު ހޯދީއެވެ. އޭނާއަށްވެސް އަންހެން ދަރިއަކު ލިބުމުން ވަރިކޮށް 3 ވަަނ އަނބިމީހާއާއި ކައިވެނިކުރީއެވެ. ދެވަނަ އަނބިމީހާ މިގޮތަށް ވަރިކުރަމުން ކައިވެނިކުރަމުން ގޮސް 16 އަހަރުތެރޭގައި 5 ކައިވެނިކުރިއެވެ. ކޮންމެ އަންތބަކަށްވެސް ދަރިން ލިބުނެވެ. ނަމަވެސް ލިބުނީ އަންހެން ދަރިންނެވެ. 
އޭނާގެ ދޮށީ އަނބިމީހާއަކީ ކުޑައިރުންސުރެ ވަރަށް ތަޤްވާވެރި އަންހެނެކެވެ. މިހާރުވެސް ވަރަށް ތަޤްވާވެރި އަންހެނެކެވެ. 13 ކުދިންގެ ތެރެއިން 5 ދަރިން ލިބިފައިވަނީ އޭނާއަށެވެ. އޭނާ ބުނިގޮތުގައި އޭނާއަށް ފިރިހެން ދަރިއަކު ލިބުން އެދުނު ފަދައިން ފިރިމީހާ ކައިވެނިކުރި އެންމެންނަށްވެސް ފިރިހެން ދަރިއަކު ލިބުމަށް އެދުނެވެ. އެކަމަށް ދުޢާވެސް ކުރިއެވެ. ވީމާ އެކަން އެގޮތަށް މެދުވެރިއެވީ އަނބިމީހާގެ ބަދުދުޢާއިން ކަމަށް ބުނެވޭކަށް ނެތެވެ. ބުނެވެން އޮތީ ދަރިން ދެއްވަވާނެ ޢަދަދާއި ޖިންސް ކަނޑައަޅުއްވަވާނީ ﷲ ތަޢާލާކަން ޤަބޫލުކުރަމާ ހިނގާށެވެ! 
މިވާހަކަކޮޅު މިގެނައީ މިއީ ކިޔުންތެރިން ކަންބޮޑުވެ ވަރަށް ގިނައިން ސުވާލުކުރައްވާ ކަމަކަށްވާތީއެވެ. ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 
އަޅުގަނޑަށް މިއުޅެނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެގެންނެވެ. ލިބިފައި ތިބީ 2 އަންހެންކުދިންނެވެ. މިހާރު ބަލިވެ އިނީވެސް އަންހެން ކުއްޖަކަށެވެ. ފިރިމީހާ ބުނަނީ ވިހައި ގަދަވުމުން ފިރިހެން ދަރިއަކު ހޯދަން ދެވަނަ ކައިވެނިކުރާނެ ކަމަށެވެ. 
ފިރިމީހާ ދެވަނަ ކައިވެންޏެއް ކޮށްފާނެތީ ކަންބޮޑުވަމެވެ. އެއީ ބައިއަޅަންޖެހިދާނެތީއެއް ނޫނެވެ. ސަބަބަކީ ލިބޭ މުސާރައިން މިހާރުވެސް މިއުލެވެނީ ހަމަ ކިރިޔަކިރިޔާއެވެ. ފަހު 10 ގައި ތިބެންޖެހެނީ ވަރަށް ދަތިޙާލުގައެވެ. މިޙާލަތުގައި ފިރިމީހާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟ 
ކިޔުންތެރިޔާއަށް ބުނެލަން އޮތީ ދަރިން ދެއްވެވުމާއި ނުދެއްވެވުމުން އަދި ދެއްވަވާ ދަރިންގެ ޖިންސް ކަނޑައެޅުއްވެވުން ޚާއްޞަވެގެންވަނީ ﷲ ތަޢާލާއަށެވެ. އެއީ އަމިއްލައަށް ކުރެވޭނެ ކަމެއް ނޫނެވެ. ހަތަރު ކައިވެނިކުރިޔަސް ދަރިން ލިބޭނީ ﷲ ދެއްވެވުމުންނެވެ. ދެއްވެވި ޖިންސަކުންނެވެ. އެކަންކަން ވިސްނައިދީ ދެވަނަ ކައިވެނި އަނިބިމީހާ ވިހާނެ ކަމާއި ވިހާނީ ފިރިހެން ދަރިއަކުކަން އެނގޭ ގޮތަކީ ކޮބައިތޯ ނިކަން ސުވާލުކޮށްބަލާށެވެ! 
ތިރީގައި އެވަނީވެސް ތިއަފަދަ 2 މައްސަލައެއްގެ ވާހަކައެވެ. ފިރިމީހާއަށް ޙިއްޞާކޮށްލާށެވެ! 
އައިރީނަށް ފުރަތަމަ ލިބުނީ އަންހެން ކުއްޖެކެވެ. ދެވަނަ ފަހަރު ބަލިވެ އިނުމުން ފިރިމީހާ ބުނީ ފިރިހެން ކުއްޖަކު ނޫނީ ބޭނުން ނޫންކަމަށެވެ. އަދި ފިރިހެން ކުއްޖަކު ނުވިހައިފިނަމަ ވަރިވެސް ކުރާނެ ކަމަށެވެ. 
ސްކޭންތަކުން އެނގުނީ މިފަހަރުވެސް ލިބޭނީ އަންހެން ކުއްޖެއްކަމަށެވެ. އެހެންވެ އެކަން ފިރިމީހާއަށް ސިއްރުކުރުމަށްޓަކައި އޭނާ ޑޮކްޓަރަށް ގޮސް އުޅުނީވެސް އެކަންޏެވެ. ފިރިހެން ކުއްޖެއް ނޫންކަން އެނގިއްޖެނަމަ ވަރިކޮށްލާފައި ފޮނުވާލާނެ ކަމުގެ ބިރު އޮތްލެއް ބޮޑުކަމުންނެވެ.
ކަންދިމާވިގޮތުން އެދުވަހު ވިހަން ދިމާވީ 2 އަންހެނަކު އެކުއެކުގައެވެ. އޭނާއަށް ލިބުނީ ފިރިހެން ކުއްޖެކެވެ. އައިރީން އޭނާއަށް ވަރަށް އާދޭސްކޮށްގެން ދަރިފުޅު ބަދަލުކުރީއެވެ. ދެމީހުންގެ މެދުގައި ބޮޑެތި އެއްބަސްވުންތަކެއް ވެގެންނެވެ. އަދި އޭނާގެ ފިރިމީހާ އަންހެން ކުއްޖަކަށް ބޭނުންވެފައި ހުރުމުންނެވެ.
މައްސަލަ ޖެހުނީ ދަރިފުޅުގެ އުމުރުން 5 އަހަރުގައި ލޭގެ ބައްޔަކަށް ފަރުވާކުރަން ޖެހުމުންނެވެ. ޢާއިލާގެ ލޭ ނޫނީ އެޅެން ނެތުމުންނެވެ. ލޭދިމާނުވުމުންނެވެ. އެޙާލަތަށް ކަންކަން ދިއުމުން އައިރީން ކުއްޖާގެ އަސްލު މަންމައަށް ގުޅައި ވާހަކަތައް ކިޔައިދިނެވެ. އެވަގުތުން ފެށިގެން ދެ ބައްޕައިންނަށް އެކަންވީ ވަރަށް ބޮޑު ކަމަކަށެވެ. ނުހަނު ލޯބިން ގެންގުޅެ ބޮޑުކުރެވުނީ އަމިއްލަ ދަރިފުޅު ނޫންކަން އެނގުމުންނެވެ. 
އެހިސާބުން ޖެހުނީ އަނެއްކާވެސް ދަރިން ބަދަލުކުރާށެވެ! ހިތަށް ކުރާނެ އަސަރު އިޙްޞާޞްކޮށްލަންވެސް އެނގޭނީ ހަމަ އެފަދަ ކަމެއް ދިމާވުމުންނެވެ. 
ކޮންމެއަކަސް މިފަދަ ކަންކަން ހިނގައެވެ. ހިތްދަތި ގޮތްތައް މެދުވެރިވެއެވެ. މައްސަލައަކަށްވަނީ އެންމެ ކަމެކެވެ. ﷲ ދެއްވަވާ ދަރިފުޅުގެ ޖިންސް ޤަބޫލުކުރަން ބޭނުން ނުވާކަމެވެ. އަޅުގަނޑަކީ މިފަދަ ކމެއްގައި ކައިވެނި ރޫޅުނު އަންހެނަކީމެވެ. 
ކުރިން މިހާމަކުރީ އެކަމުގެ ކަންތައްތައް ހިނގަމުންދިއަ ދުވަސްވަރު އިނގިރޭސިވިލާތުގައި ހުރި ރައްޓެއްސަކު ހިއްޞާކުރި ވާހަކައެކެވެ. މިހާރުވެސް ހަމަ އެފަދަ މައްސަލައެއް އަޅުގަނޑުގެ އުޚުތަކަށްވަނީ ދިމާވެފައެވެ. ފިރިމީހާ ބޭނުންވަނީ ފިރިހެން ކުއްޖެކެވެ. ބަނޑުގައި އޮތީ ސްކޭނުން ދައްކާގޮތުން އަންހެންކުއްޖެކެވެ. ވިހެއުމުން ފިރމީހާ ކަންކަން ކުރާނެ ގޮތެއް އަދި ނުއެނގެއެވެ. 
އެކުވެރިޔާގެ ފިރިމީހާގެ ގާތުގައާއި އަދި ހުރިހާ ފިރިހެނުންގެގާތުގައިވެސް ބުނެލަން އޮތީ އަނބިންނަށް އެއްވެސް އިޚްތިޔާރެއް ނެތް ކަންކަމުގައި އަނބިން ކުށްވެރިނުކުރާށެވެ! އަނބިންނަށް އަދި ލިބޭ ދަރިންނަށް އަނިޔާނުކުރާށެވެ! މާތް ﷲ ކޮންމެ މީހަކަށްވެސް ދަރިން ދެއްވަވާނީ އެކަލާނގެ އެންމެ ރުހިވޮޑިގަންނަވާ ޖިންސަކުންނެވެ. އެކަން ބަދަލުކުރުމުގެ ބާރު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. 
ބަލަންވީ ލިބޭ ދަރިންގެ ޖިންސަކަށް ނޫނެވެ. މަސައްކަތްކުރަންވީ ލިބޭ ދަރިން އެންމެ ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށެވެ. މާތް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވެވޭނެ ގޮތަށް ތަރުބިއްޔަތުކުރުމަށެވެ.
 
- ސަޢީދާ މޫސާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ