ކަމަލާ ހެރިސް 2028ގެ ރިޔާސީ އިންތިޚާބުގައި ވެސް ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް
ދެހާސް އަށާވީހުގައި އޮންނަ، އެމެރިކާގެ 61 ވަނަ ރިޔާސީ އިންތިޚާބު ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް، އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ދެއްވައިފިއެވެ. ނިއުޔޯކް ސިޓީގައި ބޭއްވި ނޭޝަނަލް އެކްޝަން ނެޓްވޯކް ކޮންފަރެންސްގައި، މީހަކު ވަނީ، 2028 ވަނަ އަހަރު ރައީސް ކަމަށް ކުރިމަތިލައްވާނެތޯ ކަމަލާ އަރިހުގައި އަހައިފައެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ކަމަލާ ވިދާޅުވީ، އެކަމާ ވިސްނަވަމުން ގެންދަވާ ކަމަށާއި ފަހަރެއްގައި ވާދަކުރައްވާނެ ކަމަށެވެ. ކަމަލާ ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާފައެވެ. އޭނާއަކީ، އެމެރިކާގެ ތާރީޚުގައި ވެސް ބޮޑު ޕާޓީއެއްގެ ނޮމިނޭޝަނެއް ލިބުނު ކަޅު ނަސްލުގެ ފުރަތަމަ އަންހެން މީހާއެވެ. އަދި އެފަދަ ނޮމިނޭޝަނެއް ލިބުނު، ދެކުނު އޭޝިއާއަށް ނިސްބަތްވާ ފުރަތަމަ އަންހެން ބޭފުޅާއެވެ. ކަމަލާއަށް ޑިމޮކްރެޓިކް ޕާޓީގެ ނޮމިނޭޝަން ލިބުނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅު، އޭރުގެ ރައީސް ޖޯ ބައިޑެން ރޭހުން ވަކިވެވަޑައިގަތުމުންނެވެ. ނަމަވެސް އިލެކްޓޯރަލް ކޮލެޖުގެ 312 ވޯޓު ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވީ ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް، މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕެވެ. ކަަމަލާއަށް ލިބިވަޑައިގަތީ 226 ވޯޓެވެ. ކަމަލާގެ އިތުރުން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓަށް، އިލިނޯއިގެ ގަވަރުނަރު ޖޭޑީ ޕްރިޓްޒްކާ އާއި ޕެންސިލްވޭނިއާގެ ގަވަރުނަރު ޖޯޝް ޝަޕީރޯ އަދި ކުރީގެ ރައީސް ޖޯ ބައިޑަންގެ ކުރީގެ ޓްރާންސްޕޯޓޭޝަން ސެކްރެޓަރީ ޕީޓް ބުޓިޖީޖް ވެސް ވާދަކުރައްވާނެ ކަމަށް ބެލެވެއެވެ. ހަތަރު އަހަރުގެ ދައުރަކަށް ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް، 2028 ވަނަ އަހަރުގެ އިންތިޚާބު ބާއްވާނީ ނޮވެމްބަރު މަހުގެ ހަތް ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ