ޔޫކްރެއިނުން ގަތަރާއި ޔޫއޭއީއާ އެކު ދިފާއީ އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ގަލްފުގެ ގައުމުތަކަށް ކުރައްވަމުންދާ ދަތުރުގެ ތެރެއިން، ގަތަރާއި ޔޫއޭއީއާ އެކު އޮންނަ ގުޅުން ވަރުގަދަކޮށް، ދިފާއީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް މިއަދު އެއްބަސްވެއްޖެ އެވެ.
މިސައިލާއި ޑްރޯން ހަމަލާތަކުން ދިފާއުވުމުގެ ފަންނީ ތަޖުރިބާ ހިއްސާކުރުމާ ގުޅޭ އެއްބަސްވުމެއް ގަތަރާ އެކު ގާއިމުކޮށްފައިވާކަން އެ ގައުމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިކަމާ ގުޅޭ ގޮތުން ޒެލެންސްކީ ވިދާޅުވީ، މިއީ 10 އަހަރުދުވަހުގެ މުއްދަތަށް ވެވޭ އެއްބަސްވުމެއް ކަމަށާއި ހަމަ އެފަދަ 10 އަހަރުގެ އެއްބަސްވުމެއް ޔޫއޭއީއާ އެކު ވެސް ސޮއިކުރައްވާނެ ކަމަށެވެ.
ޔޫކްރެއިނުން އަންނަނީ ވައިގެ ދިފާއީ ނިޒާމާއި ޑްރޯން ޓެކްނޮލޮޖީގެ ރޮނގުން އެ ގައުމަށް ލިބިފައިވާ ތަޖުރިބާ ހިއްސާކުރަމުންނެވެ. އެގޮތުން، މި ސަރަހައްދުގެ ބައިވެރި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 200އަށް ވުރެ ގިނަ ފަންނީ މާހިރުން މިހާރު ވެސް ވަނީ ފޮނުވާފަ އެވެ.
ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމަށް ޔޫކްރެއިނުން ކުރަމުންދާ މަސައްކަތުގެ ދަށުން، ދެ ގައުމު ގުޅިގެން ހަތިޔާރު އުފެއްދުމާއި ހަކަތައިގެ ރޮނގުން އެއްބާރުލުން ދިނުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރެެއްވި ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ. މީގެ ތެރޭގައި ޔޫކްރެއިނަށް ޑީސަލް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއް ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ