ބަންގްލަދޭޝްގެ ނުރުހުން ރެފްރީންނަށް، ޢެދުނީ ސާފުން އެކަންކަން ބަލަން

އަބަދުވެސް އިންޑިއާ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުތަކުގައި ރެފްރީން އިންޑިއާއަށް ހާއްސަގޮތެއް ބަހައްޓާކަމުގެ ޝަކުވާ އޮންނަ ކަމަށާއި، މެޗުގައި ރެފްރީން އަމަލުކުރިގޮތް ސާފުން ބެލުމަށް ބަންގްލަދޭޝްއިން ގޮވާލައިފިއެވެ.
20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ގުރޫޕް ސްޓޭޖުގައި އިންޑީއާއި ބަންގްލަދޭޝް ބައްދަލުކުރި މެޗުގައި ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ މެދުގައިވެސް އަރާރުންވުންތައް އުފެދި އަދި ސަޕޯޓަރުންގެ މެދުގައިވެސް ހަމަނުޖެހުންތައް ހިނގިއެވެ.
ދެ ޓީމުގެ ބެންޗުގައި ތިބި ކޯޗުންނާއި އޮފިޝަލުންނާއި ދެމެދު ހިނގި ހަމަނުޖެހުމަކާއި ގުޅިގެން ރެފްރީ ވަނީ ރަތްކާޑު ދައްކާ ބަންގްލަދޭޝްގެ ކޯޗު މާކް އެޑްވާޑް ކޮޒް ދަނޑުން ފޮނުވާލާފައެވެ. އިންޑިއާގެ އޮފިޝަކަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.
މި މެޗަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންްގްލަދޭޝްގެ އެސިސްޓެންޓު ކޯޗު ރަމަޗަންދުރަން ގޮވިންދަރަޖޫ މިލްސުވާމީ ބުނީ ރެފްރީންގެ ނިންމުތައް އަބަދުވެސް ހުންނަނީ އިންޑިއާއަށް ހާއްސަ ގޮތަކަށް ކަމަށް އެއީ ދެކެވޭ ވާހަކައެއް ކަމަށެވެ.
”އަހަންނަށް ހީވަނީ ސާފުން މިކަހަލަ ކަންކަން ބަލަންޖެހޭނެހެން، ބަންގްލަދޭޝް އާއި އިންޑީއާ ކުޅޭ މެޗެއްގައި ވިއްޔާ އެންމެންވެސް ހީކުރޭ ރެފްރީން އަބަދުވެސް އިންޑިއާއަށް ފޭވާ ކުރާކަމަށް، އެކަމަށް އަހަރެމެން އެއްޗެއް ބުނާކަށް ބޭނުމެއް ނޫން، ސާފްގައި އަހަރެން އެދެން މިކަން ބަލައިދިނުމަށް“ މިލްސުވާމީ ބުންޏެވެ.
މި މެޗުގެ ރެފްރީކަން ކޮށްފައިވަނީ ރައުފޫ ރައީފެވެ. ޢެއެސިސްޓެންޓް ރެފްރީންނަކީ ޑީ އެލް ސަންޕަތާއި، ޝަހީމް ހުސެއިންނެވެ. ބަދަލު ރެފްރީ އަކީ ރަވީ ވިރެންދާއެވެ.
ދެ ޓީމުގެ ކޯޗުންނާއި އޮފިޝަލުންގެ މެދުގައި ހިނގި ބަހުގެ ހަމަލާތަކަށްފަހު ރެފްރީވަނީ އިންޑިއާގެ މެނޭޖަރަށްވެސް ރަތްކާޑު ދައްކާފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީ އިންޑިއާއިންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިޝާލް ޔާދަވް އެވެ.
މެޗުގައި ލިބިފައި އޮތް ލީޑާއެކު އިންޑިއާ ޓީމުން ވަރަށް އިތުބާރާއި އުއްމީދުގައި އޮވެ ފުރަތަމަ ހާފު ނިންމާލަން ދިޔަ ނަމަވެސް، މި ހާފުގެ އިތުރުވަގުތުގެ 10 ވަނަ މިނެޓުގައި ބަންގްލަދޭޝް އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ބަންގްލަދޭޝް ޓީމުގެ އެމެރިކާއަށް ނިސްބަތްވާ ރޮނާން ސުލިވަން ނަގައިދިން ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެމްޑީ އަބްދުލް ރިޔާދު ފަހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ