ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލައިގެން ދައުލަތަށް ފާރަވެރިވުމުގެ ނިޒާމަށް މާ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށާއި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން ނަތީޖާ ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް ގާނޫނީ ވަކީލު ޝާހީން ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ނައިބު ރައީސްކަން އަދި ގާނޫނުއަސާސީގެ ޑްރާފްޓިން ކޮމިޓީގެ މެމްބަރުކަން ވެސް ކުރެއްވި ޝާހީން މިހެން ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭ ގޮތުން ބާ ކައުންސިލުން މިއަދު ބޭއްވި ހާއްސަ ފޯރަމުގަ އެެވެ. މިއަދުގެ ފޯރަމްގައި ޝާހީން ވާހަކަދެއްކެވީ، ދެ އިންތިހާބު އެއްކޮށްލުމުގެ އިސްލާހާއި އެއާ ވިދިގެން ނަގަން ނިންމާފައިވާ ވޯޓަށް ތާއީދުކުރައްވަ އެވެ.
ބުނީ ކީކޭ؟ - ދުސްތޫރީ އަދި މަދަނީ މައްސަލަތަކުގައި ވެސް ކޯޓުތަކުގައި ވަކާލާތުކުރައްވާ ޝާހީން ވިދާޅުވީ ދައުލަތުގެ ތިން ބާރު ކަނޑައެޅި އެ ތިން ބާރުގެ މައްޗަށް ބާރު ހިންގޭނެ ނިޒާމެއް ދުސްތޫރީ ނިޒާމުގެ ތެރެއިން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސީދާ ލިޔެފައި ނެތަސް، އޭގެ ތެރެއިން ދައުލަތް ހިންގުމުގެ ނިޒާމަށް ފާރަވެރިވެވޭނެ ނިޒާމެއް ވެސް ކަނޑައެޅިފައިވާ ކަމަށް ޝަހީން ވިދާޅުވި އެވެ.
ޝަހީން ވިދާޅުވި ގޮތުން:
ދައުލަތަށް ފާރަވެރިވުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ހަމައެކަނި އިންތިހާބުތަކަށް ބިނާކޮށްފައެއް ނޫން
އިންތިހާބު އެއް ދުވަހެއްގައި ބާއްވައިގެން ނުރަނގަޅު މާ ގިނަ ކަންތައްތަކެއް އަތުވެދާނެ ކަމަކަށް ގަބޫލެއްނުކުރެވޭ
އިންތިހާބެއް އެއް ދުވަހެއްގައި ބޭއްވުމުގެ ސަބަބުން ގާނޫނުއަސާސީގެ އޮނިގަނޑަށް މާ ބޮޑު އުނިކަމެއް އަތުވެދާނެ ކަމަކަށް ވެސް ނުފެނޭ
އިންތިހާބު އެއް ދުވަހެއްގައި އޮތުމުގެ ސަބަބުން ފާރަވެރިވުމުގެ ނިޒާމަށް ވެސް އެފަދަ މިންވަރެއްގެ ބަދަލެއް އަންނާނެ ކަމަކަށް ފާހަގައެއް ނުކުރެވޭ
"އެއް ފަހަރާ ބޭއްވުނީމާ އޭގެ ނަތީޖާ ރަނގަޅު ވެގެންދާނެ ކަމަށް ފެންނަނީ. އެއީ ތަފާތު ކަންތައްތަކެއް ނުވަތަ ބާރުތަކެއް ބޭނުންކުރުން ފަދަ ކަންކަން މަދުވެގެން ދާނެ. އެއީ ދެން ހޮވޭނީ ކޮން ބޭފުޅެއް ކަމެއް ނޭނގޭނެ ރިޔާސީ އިންތިހާބުގައި ވިޔަސް އަދި މަޖިލީހުގެ އިންތިހާބުގައި ވެސް،" ޝާހީން ވިދާޅުވި އެވެ.
އެކަމަކު، ތަޖުރިބާއަށް ބަލާއިރު އެންމެ ރަނގަޅު ގޮތަކީ، މަޖިލީހުގެ އުމުރާ ގުޅޭ ގޮތުން ގެންނަ މި އިސްލާހު ހިނގަމުންދާ މަޖިލިސް ނޫން، ދެން އަންނަ މަޖިލީހަކުން ގެނައުން ކަމަށް ގަބޫލުކުރެއްވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މައި ދެ އިންތިހާބު އެއްފަހަރާ ބޭއްވުމުން ނަތީޖާ ރަނގަޅުވާނެ ކަމަށް ބެލެވޭ: ޝާހީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ