އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026 އަށް ކަރުދާސް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާއްވާ ތިންވަނަ އަހަރީ ދިރާސާ މަހާސިންތާ، "އެމްއެމްއޭ ރިސާޗް ކޮންފަރެންސް 2026" އަށް ކަރުދާސްތަކުގެ އެބްސްޓްރެކްޓް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި އަހަރުގެ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވަނީ "މެކްރޯ އިކޮނޮމިކް އެންޑް ފައިނޭންޝަލް ސްޓެބިލިޓީ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް އަމިޑް ސްޓްރަކްޗަރަލް އެންޑް ގްލޯބަލް ޓްރާންސިޝަންސް" މި ތީމްގެ ދަށުންނެވެ. މި މަހާސިންތާއަކީ ރާއްޖެއާއި ރާއްޖޭން ބޭރުގެ އިގްތިސާދީ މާހިރުންނާއި ދިރާސާވެރިން އެއްތަންވެ، މިހާރުގެ އިގްތިސާދީ އަދި ސިޔާސީ މައްސަލަތަކާ ގުޅޭ އާ ދިރާސާތައް ހުށަހަޅައި މަޝްވަރާކުރުމަށް ހުޅުވާލެވޭ ފުރުސަތެކެވެ.
މި ކޮންފަރެންސްގެ މައިގަނޑު މަގްސަދަކީ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ސިނާއީ މާހިރުން އަދި އެކަޑަމިކް ދާއިރާގެ ބޭފުޅުންގެ މެދުގައި ބަހުސްތައް އުފައްދައި، ރާއްޖެއާ ގުޅުންހުރި ދިރާސާތައް އިތުރުކުރުމެވެ. މި އަހަރު ހާއްސަ ސަމާލުކަމެއް ދޭނީ ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހަމަޖެހުން ގާއިމުކުރުމާ ގުޅޭ ދިރާސާތަކަށެވެ.
ކަރުދާސް ހުށަހެޅޭނެ ދާއިރާތަކުގެ ތެރޭގައި މަނިޓަރީ ޕޮލިސީ، އިސްލާމިކް ފައިނޭންސް، ފައިނޭންޝަލް އިންކްލޫޝަން، ޑިޖިޓަލް ފައިނޭންސް، ކްލައިމެޓް ރިސްކް، ފިސްކަލް ސަސްޓެއިނަބިލިޓީ، ހައުސިންގް އަދި ހެލްތު އިކޮނޮމިކްސް ހިމެނެއެވެ. މި ފުރުސަތު ސެންޓްރަލް ބޭންކުތަކުގެ މުވައްޒަފުންނަށާއި، ދިރާސާވެރިންނަށާއި، ބައިނަލްއަގުވާމީ އިދާރާތަކުގެ މާހިރުންގެ އިތުރުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ވެސް ވަނީ ހުޅުވާލާފައެވެ.
އެބްސްޓްރެކްޓް ހުށަހަޅަންޖެހެނީ އިނގިރޭސި ބަހުން، 150 އާއި 250 ބަހުގެ ދެމެދުގައެވެ. އެބްސްޓްރެކްޓް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 20 މެއި 2026 އެވެ. ހޮވޭ އެބްސްޓްރެކްޓްތައް 3 ޖޫން 2026 ގައި އިއުލާނުކުރާނެ ކަމަށާއި، ފުރިހަމަ ކަރުދާސް ހުށަހަޅަންޖެހޭނީ 3 ސެޕްޓެމްބަރު 2026 ގެ ކުރިން ކަމަށް އެމްއެމްއޭއިން މައުލޫމާތުދެއެވެ.
މި ކޮންފަރެންސާ ގުޅޭ އިތުރު މައުލޫމާތާއި ކަރުދާސް ހުށަހަޅާނެ ގޮތުގެ ތަފްސީލު researchconference.mma.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ