ބައެއް ސިޔާސީ ޕާޓީތަކުން ރޭގަނޑު މާލޭގައި ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް ނަފުރަތު އުފައްދައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކަމުންދާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޗްއާރުސީއެމުން އެހެން ބުނެފައިވާ އިރު، އިދިކޮޅު އެމްޑީޕީ އާއި ޕީއެންއެފުން މިހާރު ދަނީ ސިލްސިލާ މުޒާހަރާތައް ކުރަމުންނެވެ. އަދި އެ މުޒާހަރާތަކުގައި ދައްކާ ވާހަކަތަކާ މެދު ސަރުކާރު ހިންގާ ޕީއެންއެފްގެ ބޭފުޅުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކުގެ ޖަލްސާތަކާއި އެއްވުންތަކުގައި އަދި މީޑިއާއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ފާޅުކުރެވޭ ހިޔާލުތަކުގައި މީހުންގެ މެދުގައި ނަފުރަތު އުފެއްދުމަށާއި މުޖުތަމައުގެ މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭ ގޮތަށް ހިޔާލު ފާޅުކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ރޫހާ ހިލާފު އަމަލުތަކެކެވެ.
ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެ ހައްގުގެ ބޭނުން ހިފަންވާނީ ވަކި ހުދޫދެއްގެ ތެރެއިން، އަނެކާގެ ހައްގުތަކަށް އިހުތިރާމު ކުޑަނުވާނެ ގޮތަށް ކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އެ ބަޔާނުގައި އެ ކޮމިޝަނުން ވަނީ މިފަދަ އަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކާއި ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް ގޮވާލައިފައެވެ. އަދި ކަމާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ އިމުގެ ތެރެއިން ހަރުދަނާ ފިޔަވަޅު އެޅުމަށް ވެސް ގޮވާލައިފައެވެ. މީގެ އިތުރުން، ގަވާއިދުތަކުގެ އަލީގައި ކުރިއަށްގެންދެވޭ ސިޔާސީ ހަރަކާތްތަކަށް ދައުލަތުގެ ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށް ވެސް އެ ކޮމިޝަނުން ގޮވާލައިފައެވެ.
ސިޔާސީ އެއްވުންތަކުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަދައްކާ ކަމަށްބުނެ އެޗްއާރުސީއެމްގެ ކަންބޮޑުވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ