ދީނަށް ގޮވައިލެއްވުމުގައި 950 އަހަރު

މާތް ﷲގެ މަގަށް މީސްތަކުންނަށް ގޮވައިލެއްވުމަށް ﷲ ފޮނުއްވެވި އެންމެ ފުރަތަމަ ރަސޫލަކީ ނޫޙުގެފާނެއެވެ. އެކަލޭގެފާނު އެ ޤައުމުގެ މީހުންނަށް ދީނަށް ގޮވައިލެއްވުން މަތީ 950 އަހަރު ހޭދަކުރެއްވިއެވެ. އާދަމުގެފާނުގެ ދަރިފަސްކޮޅުން ވަޑައިގެންނެވި ޝީތުގެފާނަށް ފަހު މީސްތަކުން ނުބައިވަމުން ގޮސް ﷲއާ ޝިރުކުކުރާން ފެށިއެވެ. އެމީހުންނަށް ހެޔޮ ގޮތް ބަކާންކޮށްދެއްވަން ފޮނުއްވެވި ފުރަތަމަ ރަސޫލު ދަޢުވަތުގައި ހޭދަކުރެއްވި މުއްދަތު ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿وَلَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَلَبِثَ فِيهِمْ أَلْفَ سَنَةٍ إِلَّا خَمْسِينَ عَامًا فَأَخَذَهُمُ الطُّوفَانُ وَهُمْ ظَالِمُونَ﴾ ‎(العنكبوت: ١٤)‏ މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމައިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު، ފަންސާސް އަހަރު ފިޔަވައި، އެއްހާސް އަހަރު (އެބަހީ: ނުވަސަތޭކަ ފަންސާސް އަހަރު ދީނަށް ގޮވައިލެއްވުމަށް) އެއުރެންގެ ތެރޭގައި ހުންނެވިއެވެ. ފަހެ، އެއުރެން އަނިޔާވެރިން ކަމުގައިވާ ހާލު، ޠޫފާނު އައިސް އެއުރެންނަށް ޖެހުނެވެ. (ޠޫފާނެއްގެ ޢަޒާބު އެއުރެންނަށް ޖެހުނެވެ.)" އެ އަޒާބު އެ މީހުންނަށް ޖެހުމުގެ ކުރިން އެފަދަ ކަމަކުން ރައްކާތެރި ވުމަށް އެތައް ފަހަރަކު އެކަލޭގެފާނު އެ ބައިމީހުންނަށް އިންޒާރުދެއްވިއެވެ. ނަސޭހަތްތެރިވެ ވައުޡު އިއްވިއެވެ. ﴿لَقَدْ أَرْسَلْنَا نُوحًا إِلَىٰ قَوْمِهِ فَقَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ إِنِّي أَخَافُ عَلَيْكُمْ عَذَابَ يَوْمٍ عَظِيمٍ‏﴾ ‎( الأعراف: ٥٩)‏ މާނައީ: "ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ނޫޙުގެފާނު، އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލުކަމައިގެން ފޮނުއްވީމެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން اللَّهއަށް އަޅުކަންކުރާށެވެ! އެކަލާނގެ ފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ހަމަކަށަވަރުން، ބޮޑުވެގެންވާ ދުވަހެއްގެ އަޒާބު ތިޔަބައިމީހުންނަށް ލިބިދާނެ ކަމަށް އަހުރެން ބިރުގަނެއެވެ." ނޫޙުގެފާނު ޤައުމުގެ މީހުންނަށް ބުނަމުން ގެންދެވީ "އޭ، އަހުރެންގެ ޤައުމުގެ މީހުންނޭވެ! ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންނަށް ބަޔާންވެގެންހުރި އިންޒާރުކުރާ މީހަކީމެވެ. ތިޔަބައިމީހުން اللَّهއަށް އަޅުކަންކުރާށެވެ! އަދި ތިޔަބައިމީހުން، އެކަލާނގެއަށްތަޢުވާވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންވާށެވެ! (އޭރުން) އެކަލާނގެ، ތިޔަބައިމީހުންގެ ފާފަތައް ތިޔަބައިމީހުންނަށް ޓަކައި ފުއްސަވައިދެއްވާނެތެވެ. އަދި ކަނޑައަޅުއްވައިފައި ވާ މުއްދަތަކަށް ތިޔަބައިމީހުން ފަސްކުރައްވާނެތެވެ. ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވައިފައި ވާ އަޖަލުއަތުވެއްޖެއްޔާ ލަހެއް ނުކުރައްވާނެތެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ކަމުގައި ވާ ނަމައެވެ." (ނޫޙު: 2-4) މިފަދަ ބަސްތަކުން އެކަލޭގެފާނު ޤައުމުގެ މީހުންނަށް ހިތްވަރުދެއްވަމުން، ނަސޭހަތްތެރިވަމުން، އަދި އިންޒާރުކުރައްވަމުން، ކެތްތެރިކަމާ އެކު 950 އަހަރު ހުންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ