މާލޭގެ ކޮންމެ ރައްޔިތަކަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށް، މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވިދާޅުވެއްޖެ އެވެ.
ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި ޖަލީލް ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ނިކުންނެވީ މާލޭގެ ތަރައްގީގެ ޔަގީންކަމާއި މުސްތަގުބަލު ބިނާކުރުމުގެ ކަށަވަރުކަމާއެކު ކަމަށާއި މާލޭގެ ތަރައްގީއަށް އެކަށައަޅާފައިވާ ޕްލޭންތައް ތަންފީޒު ކުރުމުގައި ހުންނެވީ ނުގުޑާފަދަ އަޒުމެއްގައި ކަމަށެވެ.
"އިރާދަކުރެވިއްޔާ މާލޭ ސިޓީގެ ކޮންމެ ރައްޔިތަކަށް، ކޮންމެ އާއިލާއަކަށް، ކޮންމެ ގޭބިސީއަކަށް ދެން ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް،" ޖަލީލް ވިދާޅުވި އެވެ.
މާލެ، ވިލިމާލެ، ގުޅީފަޅު، ގިރާވަރުފަޅު، ރަސްމާލެ؛ ހިމެނޭ ބޮޑު މާސްޓާ ޕްލޭނެއްގެ ދަށުން އެތައް މަސައްކަތެއް ސަރުކާރުން ކުރަމުންދާކަން ކަމަށާއި އެއާ އެކީ މުޅި މާލޭ ސަރަހައްދުގެ ޖިއޮގްރަފީ ބަދަލުވެގެންދާނެ ކަމަށް ޖަލީލް ވިދާޅުވި އެވެ. އެގޮތުން ދަތުރުފަތުރާއި ވިޔަފާރިއާ އެހެނިހެން ހުރިހާ ކަމެއް މުޅިން އެހެން ދަރަޖައެއްގައި ހިނގަން ފަށާނެ ކަމަށާއި ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް، ބިންވެރިކަމާއި ބޯހިޔާވަހިކަމުގެ ހިތްފަސޭހަ އާ ޒަމާނެއް ކޮންމެ ރައްޔިތަކަށް ކަށަވަރުވާނެ ކަމަށްވެސް ވިދާޅުވި އެވެ.
މޫސާ ޖަލީލް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ދޭން ނިންމާ ހިދުމަތްތައް ފަހިކޮށްދިނުމުގެ ބައިވެރިއަކީ ކައުންސިލް ކަމަށެވެ. އަދި އޭގެ އެންމެ އިސް މީހަކީ މާލެ ސިޓީގެ މޭޔަރު ކަމަށާއި އެހެންވެ، ކައުންސިލާއި މޭޔަރު ވާން ޖެހޭނީ އަމިއްލަ ޖަޒުބާތަށް ވުރެ ރައްޔިތުންގެ ވޭންތަކަށް އިހްސާންތެރި، އޯގާވެރިޔަކަށް ކަމަށް ވިދާޅުވި އެވެ.
"ގެދޮރުގެ ދަތިކަމުން ރައްޔިތުން ސަލާމަތްކޮށްދޭން އެބަ މަޖުބޫރުވޭ. އަޅުގަނޑު ތެދުވެ މިހުރީ އެ ގޮތުގައި. މާލެ ސިޓީގެ ލޮބުވެތި ރައްޔިތުންނަށް ބޯހިޔާވަހިކަމާއި ބިންވެރިކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރަށާއި ރައްޔިތުންނަށް ފުރިހަމަޔަށް އެއްބާރުލުންދީ އިސްވެ އެކަމުގައި ހަރަކާތްތެރިވުމަކީ އަޅުގަނޑުގެ އަޒުމް،" މޫސާ ޖަލީލް ވިދާޅުވި އެވެ.
މާލޭގެ ކޮންމެ ރައްޔިތަކަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ