މޭޔަރުކަމަށް ކުރިމަތިލީ ޒަމާންތަކަކަށް ދިގުލައިގެން ގޮސްފައިވާ ކަންކަން ހައްލުކޮށް، މާލޭގެ ހާލަތު ރަނގަޅުކުރަން: މަޙްޒޫމް

މާލޭގެ މޭޔަރުކަމަށް ކުރިމަތިލަނީ މާލޭގައި ޒަމާންތަކަކަށް ދެމިގެން ގޮސްފައިވާ މައްސަލަތަކަށް ހައްލު ހޯދައިދީ، ދިރިއުޅުމުގެ އާންމު ހާލަތްތައް ރަނގަޅުކުރުމަށްޓަކައި ކަމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލައްވާ އަލްއުސްތާޛު ޢަބްދުالله މަޙްޒޫމް މާޖިދު ވިދާޅުވެއްޖެއެވެ. މި ސަރުކާރުގެ ކުރީކޮޅު ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމުގެ މަގާމުވެސް ފުރުއްވި މަޙްޒޫމް ވިދާޅުވީ، މާލޭގައި މިއަދު ފެންނަ އެންމެ ބޮޑު އެއް މައްސަލައަކީ ވަސީލަތްތައް މަދުވުން ނޫން ކަމަށާއި، ނަމަވެސް ކޮރަޕްޝަންގެ ސަބަބުން ސިޓީގެ މެނޭޖުމަންޓު ބަލިކަށިވުމުގެ މައްސަލަ ކަމަށެވެ. އެގޮތުން ރައްޔިތުން ތަމްސީލުކުރުމުގެ ނިޒާމެއްގެ ގޮތުގައި އޮތް ރިޔާސީ ނިޒާމު ވޯޓު ގަނެ ވިއްކާ ބާޒާރަކަށް ބަދަލުވެފައިވާ ކަމަށް އޭނާ ސިފަކުރެއްވިއެވެ. މަޙްޒޫމް ވިދާޅުވީ މިއަދު ހުރިހާ ކަމެއްވެސް ހިނގަނީ ކޮރަޕްޝަން އެކުލެވިގެން ކަމަށެވެ. އެގޮތުން މިއަދު ކަންކަން ހިންގުމަށް ހަވާލުކުރަނީ ސިޔާސީ ގޮތުން އަރިސް، ގުޅުން ހުރި ފަރާތްތަކާކަން އޭނާ ފާހަގަކުރެއްވިއެވެ. https://x.com/MahzoomMajidh/status/2004177764933681501 މަޙްޒޫމް ވިދާޅުވީ، މާލެއަށް ބޭނުން ވަނީ އީޖާދީ އުފެއްދުންތެރިކަން ކަމަށާއި، ތަނަވަސް ފުރުސަތުތަކާއި، ނޭވާލާނެ ޖާގައާއި ދިރިއުޅުމަށް ބޭނުންވާ ތަންތަން ކަމަށެވެ. "މޭޔަރުގެ ހައިސިއްޔަތުން އަޅުގަނޑު ފޯކަސް ކުރާނީ ޒަމާނުއްސުރެ ހިނގަމުންދާ ޕްރެކްޓިކަލް މައްސަލަތަކަށް ހައްލު ހޯދައި އާންމު ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް،" އޭނާ ވިދާޅުވިއެވެ. އެގޮތުން އޭނާ މޭޔަރުކަމަށް ހޮވައިދީފިނަމަ، މާލޭގެ މަގުތައް އަލުން ފަރުމާކޮށް، ޓްރެފިކް ރަނގަޅުކޮށް، ޕާކިން ޖާގަތައް އަލުން ހަދައިދީ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށްދޭނެ ކަމަށް މަޙްޒޫމް ވިދާޅުވިއެވެ. ސިޓީއެއްގެ މޭޔަރުގެ ޒިންމާތަކަކީ އެ ސިޓީއެއްގައި އުޅޭ އެންމެންނަށް ރައްކާތެރިކަމާއެކު އުޅެވޭނެ ގޮތް ހެދުމާއި، ފުރުސަތުތައް ފަހިކޮށްދީ އިދާރީ ޚިދުމަތްތައް ރަނގަޅުކުރުން ކަމުގައި މަޙްޒޫމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، މާލޭގެ މޭޔަރުކަމަށް އިންތިޚާބުކޮށްދީފިނަމަ، ކުދި ވިޔަފާރިތަކާއި ކޮންޓެންޓް ކްރިއޭޓަރުންގެ އިތުރުން ވިޔަފާރިވެރިން ކުރިއެރުވުމަށްޓަކައި ހުނަރުވެރި މީހުން މާކެޓާއި ކަސްޓަމަރުންނާ ގުޅުވާލުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، މާލޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށެވެ. ހަމަ އެހެންމެ، މާލޭގައި ސާފުތާހިރު، ރަނގަޅަށް ބެލެހެއްޓޭ އާންމު ފާޚާނާތައް ބަހައްޓައިދޭނެ ކަމަށާއި، ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ވެސް އެއްވެ، އަރާމުކޮށް، އެކަކު އަނެކަކާ ގުޅުން ބަދަހިކުރުމަށްޓަކައި ޖާގަތަކެއް ހަދާނެ ކަމަށް ވެސް މަޙްޒޫމް ވިދާޅުވިއެވެ. މަޙްޒޫމް ވިދާޅުވި ގޮތުގައި އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި ބަދުނާމު އެޅުވުމާއި، ކޮރަޕްޝަންގެ ސަބަބުން މާލެއަކީ އުޅެން އުނދަގޫ ސިޓީއަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ މޭޔަރު ކަމަށް ވާދަކުރައްވަނީ އެކަންކަން ބަދަލުކޮށް، ވިޔަފާރިއާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދިނުމުގެ މަގުސަދުގައިކަމަށް ވިދާޅުވެ، އެ ހުނަރު ރައްޔިތުންގެ އެބަހުރިކަން މަޙްޒޫމް ފާހަގަކުރެއްވިއެވެ. "އަޅުގަނޑު ވާދަކުރާ ސަބަބަކީ، މާލެއަށް ބޭނުންވަނީ އާ ހަކަތައާއި، ޒުވާން ލޭ. އީޖާދީ ވިސްނުންތަކާއި، ރައްޔިތުންގެ މަސްލަހަތަށް މަސައްކަތް ކުރަން ބިރެއް ނުގަންނަ ހިތްވަރުގަދަ ތެދުވެރި ލީޑަރެއް ކަމުގައިވާތީ. މި ސިޓީގައި ޖާގައެއް އެބައޮތް. އަހަރެމެންގެ ޓެލެންޓް އެބަހުރި. އަޅުގަނޑުމެންގެ ލޯކަލް އިގުތިސޯދާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމުގެ ގާބިލްކަން އެބަހުރި،" އޭނާ ވިދާޅުވިއެވެ. ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން އޭ ލެވެލް ފުރިހަމަކުރެއްވުމަށްފަހު މަޙްޒޫމް ވަނީ މެލޭޝިއާގެ ބައިނަލްއަގުވާމީ އިސްލާމީ ޔުނިވާސިޓީ (އައިއައިޔޫއެމް)އިން ގާނޫނީ ދާއިރާއިން ހޮނާސް އާއެކު ޑިގްރީ ހާސިލްކުރައްވައިފައެވެ. އޭގެ ފަހުން ރާއްޖޭގައި ބޭއްވި އެންމެ ފުރަތަމަ ބާ އިމްތިހާނު ނޮވެންބަރު 19، 2022ގައި ފުރިހަމަކުރައްވައި، ގާނޫނީ ވަކީލަކަށް ވެވަޑައިގަތީ ގާތްގަނޑަކަށް އަހަރެއް ފަހުން ނޮވެންބަރު 17، 2023ގައެވެ. ޑެޕިއުޓީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، މަޙްޒޫމް މިހާރު ގެންދަވަނީ ޒުވާނުންނާ ގުޅުންހުރި އެކި ކަންކަމުގައި އަޑު އުފުއްލަވަމުންނެވެ. އަމިއްލަ ލޯ ފާމެއް ހިންގަވަމުން އަންނަ މަޙްޒޫމަކީ އެމްޑީއޭގެ ލީގަލް ހެޑު، އަދި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރެއްވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ