އެތެރޭގެ އިންތިހާބުގައި ވަކި ކެންޑިޑޭޓަކަށް ތާއިދެއް ނުކުރަން: ޝާހިދު

މި އަހަރު ބާއްވާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކުގައި، ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ވަކި ކެންޑިޑޭޓަކަށް ތާއިދުކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.އިދިކޮޅު އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމާއި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ ވާދަކުރައްވަ އެވެ.އޭގެ ތެރެއިން މީކާއީލްގެ ކެމްޕޭން ލޯންޗުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މީކާއީލް ވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވެސް އޭނާއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.ނަމަވެސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާޓީގެ އެތެރޭގެ އިންތިހާބުތަކުގައި ވަކިކޮޅެއް ނެގުމަކީ ގަބޫލުކުރައްވާ އުސޫލެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތް ދާއިރާތަކާއި އެކި މަގާމުތަކުގެ އިންތިހާބުގައި ވާދަކުރައްވާ ހުރިހާ ބޭފުޅުންނަށް ޝާހިދު ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ޗެއާޕާސަން މަގާމުގެ ވާދަވެރިކަން ބޮޑުވެފައިވާއިރު، ޝާހިދު އިތުރަށް އެދިވަޑައިގަތީ ވީހާވެސް ގިނަ މެންބަރުން އިންތިޚާބުގައި ބައިވެރިވެ ވޯޓު ދިނުމަށެވެ. އެމްޑީޕީއަކީ އަބަދުވެސް "ވޯޓުން އުފާވެރިކަން ހޯދާ" ޕާޓީއެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ