ފަނޑިޔާރުންގެ ތަހުގީގާ ގުޅޭ އެއްވެސް މައުލޫމާތެއް އަދިވެސް އޭސީސީން ނުދޭ: ވަކީލު

ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަކިކުރި ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒް ޢަލީ ޒާހިރުގެ މައްޗަށް، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުންދާ ޖިނާއީ މައްސަލައަށް އަހަރެއް ވީއިރު، އެއްގޮތަކަށް ވެސް މައްސަލަ ކުރިއަށް ނުދާކަމަށް ބާ ކައުންސިލްގެ ނައިބު ރައީސް އަދި އަޒްމިރާލްދާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް މިއަދު ވިދާޅުވެއްޖެއެވެ. އަޒްމިރާލްދާއާއި މަހާޒްގެ އިތުރުން، ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ޖިނާއީ މައްސަލަތަކެއް ބަލަމުން އަންނަ ކަމަށް އޭސީސީން ބުނުމުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ 26ވަނަ ދުވަހެވެ. ތިން ފަނޑިޔާރުންގެ ތެރެއިން ޙުސްނުއްސުޢޫދު އިސްތިއުފާދެއްވިއިރު، ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ، ރައްޔިތުންގެ މަޖިލީހުން ވަނީ އަޒްމިރާލްދާއާއި މަހާޒު މިދިޔަ މެއި މަހުގެ 14ވަނަ ދުވަހު ވަކިކޮށްފައެވެ. އޭސީސީން ތިން ފަނޑިޔާރުންގެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނި ނަމަވެސް، މިހާތަނަށް އެ މައްސަލައިގެ އެއްވެސް ތަފުސީލެއް، މައްސަލަ ކުރިއަށް ގޮސްފައިވާ ހިސާބެއް އެ ކޮމިޝަނުން އަދި ހާމަ ނުކުރެއެވެ. https://sun.mv/218384 'ސަން'އާ ވާހަކަ ދައްކަވަމުން އަޒްމިރާލްދާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ، މައްސަލަ ބަލަމުންދާކަމަށް ބުނި ފަހުން އޭސީސީން މިހާތަނަށް އެއްވެސް ޚަބަރެއް ނުވާ ކަމަށާއި، މައްސަލަ ބަލާކަން ބުނި ބުނުން ފިޔަވައި އެ ކޮމިޝަނުން އެއްވެސް މައުލޫމާތެއް ވެސް ހިއްސާކޮށްފައިނުވާ ކަމަށެވެ. އެހެންވެ އަޒްމިރާލްދާއާއި މަހާޒާއި ސުޢޫދުގެ މައްޗަށް ކުރެވޭ ތުހުމަތުގެ ތަފުސީލަށާއި، މައްސަލަ ބަލާތާ އަހަރަކަށްވުރެ ގިނަދުވަސްވީއިރު މައްސަލައިގެ ތަފުސީލު ހާމަނުކުރާ ސަބަބާއި، މައްސަލަ ބެލުން ލަސްވާ ސަބަބު ހޯދަން 'ސަން'އިން އޭސީސީއާ ސުވާލުކުރި ނަމަވެސް އެ ކޮމިޝަނުން އެއްވެސް ޖަވާބެއް ދީފައި ނުވެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ޖޭއެސްސީން އޭސީސީއަށް ފަނޑިޔާރުންގެ ބަޔާންތައް ފޮނުވައިފައި ވެސް ވަނީ، އޭސީސީން މައްސަލަ ބަލަން ފެށިތާ ހަ މަހަށްވުރެ ގިނަ ދުވަސްވީ ފަހުންނެވެ. އަޒްމިރާލްދާއާއި މަހާޒާއި ސުޢޫދު ސަސްޕެންޑުކުރީ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައި އޮތް މައްސަލަ ބަލަން ނިންމައިފައި ވަނިކޮށެވެ. އެއީ ސަރުކާރުގެ މަސްލަހަތު އޮތް ކަމެއް ކަމަށްވާއިރު، އޭސީސީއާއި ޖޭއެސްސީގެ ކުއްލި ނިންމުމާ ގުޅިގެން އެ ދެ ކޮމިޝަނާއި ސަރުކާރަށް ތުހުމަތުތަކާއި ފާޑުކިޔުން އަމާޒުވިއެވެ. ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ ޖޭއެސްސީން، ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރީ، އޭސީސީން އެ ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ބުނެ ކަމަށްވީ ނަމަވެސް މިހާތަނަށް އެއިން ފަނޑިޔާރަކާ އޭސީސީން ސުވާލެއް ކޮށްފައެއް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ