އިއްޔެ އެމެރިކާގެ ސުޕްރީމް ކޯޓުން ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައިގަނޑު ސިޔާސަތަށް ގޮންޖަހާލި ގޮތް ނިކަން ދެކެބަލާށެވެ! އެމެރިކާއާ އެކު ސަގާފީ، ނަސްލީ، ދީނީ ގުޅުމެއް އަހަރެމެންގެ އޮތީކީ ނޫނެވެ. އެކަމަކު މި ޒަމާނުގެ ޑިމޮކްރަސީގައި ވެރިކަން ބެހިފައި އޮންނަ ތިން ބާރުގެ ނިޒާމަށް ރާއްޖޭގައި ވެރިކަން ކުރާ ނަމަ، އެމެރިކާގެ ސުޕްރީމް ކޯޓުގެ އެ ނިންމުމުން ރާއްޖޭގެ ސުޕްރީމް ކޯޓަށް އެ ބުނެދެނީ ފިލާވަޅެކެވެ: ރައީސް ވެސް ހުންނަވަން ޖެހޭނީ ގާނޫނުތަކުގެ ތެރޭގަ އެވެ.
އެމެރިކާގެ މައްސަލަގަނޑު ނޭނގޭ ކިއުންތެރިންނަށް ކުރު ހުލާސާއެކެވެ.
ރައީސް ޓްރަމްޕް ވެރިކަމަށް ވަޑައިގަތީ އެމެރިކާ އަލުން 'ކުރީގެ ވަރުގަދަ އެމެރިކާ'އަށް ހެއްދެވުމުގެ ވައުދާ އެކުގަ އެވެ. އެގޮތުން އެމެރިކާއިން ހުލިވަމުން ދާ އުފެއްދުންތެރިކަމުގެ އިންޑަސްޓްރީސްތަކަށް ދިރުން ގެނައުމާއި އެމެރިކާ އާއި އެހެން ގައުމުތަކާ ދެމެދު އޮތް ޓްރޭޑް ޑެފިސިޓް (ވަކި ގައުމަކުން އެމެރިކާއަށް މުދާ ވިއްކައިގެން ހޯދާ އާމްދަނީ އާއި އެމެރިކާއިން އެ ގައުމަށް ވިއްކާ މުދަލުން ލިބޭ އާމްދަނީގެ ފަރަގު) ނައްތާލުން ހިމެނެ އެވެ.
ޓްރަމްޕް ބޭނުންވާ ގައުމަކަށް އޭނާ ބޭނުންވާ މިންވަރެއްގެ އިމްޕޯޓް ޑިއުޓީ އިއުލާންކުރެއްވީ 1977ގެ ގާނޫނަކަށް ބިނާކުރައްވަ އެވެ. އެކަމަކު އެ ގާނޫނުގައި ޑިއުޓީގެ ވާހަކައެއް ނޯވެ އެވެ. އެހެންވެ އެމެރިކާގެ 18 ސްޓޭޓާއި ކުދި އަދި މެދު ފަންތީގެ ބައެއް ވިޔަފާރިތަކުން ސުޕްރީމް ކޯޓަށް މައްސަލަ ހުށައެޅި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ 6-3 އަގުލަބިއްޔަތުން ނިންމީ އެ ގާނޫނުގެ ދަށުން ރައީސަށް ޑިއުޓީ ނުނެންގެވޭނެ ކަމަަށެވެ. އެހެންވެ ޓްރަމްޕް އަމަލްކުރެއްވީ ގާނޫނުން ބޭރުން ކަމަށާއި ގާނޫނުގައި ނުދޭ ބާރެއްގެ ބޭނުން ހިއްޕެވީ ކަމަށް ވެސް، ކޯޓުން ނިންމި އެވެ.
އެކަމަކު މި ސުޕްރީމް ކޯޓުގެ ބެންޗުގައި ރިޕަބްލިކަން ޕާޓީގެ ރައީސުން އައްޔަންކުރެއްވި ހަ ފަނޑިޔާރުން ތިއްބަވަ އެވެ. ޑިމޮކްރެޓިކް ޕާޓީގެ ރައީސުން އައްޔަންކުރެއްވި ތިން ފަނޑިޔާރުންނެވެ. މީގެ ކުރިން ބައެއް މައްސަލަތަކުގައި ޓްރަމްޕް ބޭނުންވާ ގޮތަށް ސުޕްރީމް ކޯޓުން ނިންމާފައި އެބަ ހުއްޓެވެ. އެކަމަކު އިއްޔެއަކީ ވަރަށް ބޮޑު ނާކާމިޔާބީއެކެވެ.
ރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބެން ޖެހޭ ފިލާވަޅަކީ ރައީސް ބޭނުންފުޅުވިޔަސް ނުވަތަ ވެރިކަން ކުރާ ޕާޓީގެ ސުޕަ މެޖޭރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ފާސްކުރި ގާނޫނަކަށް ވިޔަސް، އެއީ ގާނޫނުއަސާސީގެ މައިގަނޑު ފުނޑާލާ އެއްޗެއް ނަމަ، ބިރެއް، ޖެހިލުމެއް ނެތި، އެ އެއްޗެއް ބާތިލްކުރަން ޖެހޭނެ ކަމެވެ. ފަނޑިޔާރުންގެ މަގާމަށް ވަޑައިގަންނަވަން ޖެހޭނީ އެ ހިތްވަރު ހުރެގެން ކަމެވެ.
ޕީއެންސީން ރައްޔިތުންގެ މަޖިލިހުގެ މުޅި ބާރު ކަނޑުވާލަން، އެންމެ 24 ގަޑިއިރުގެ ތެރޭގައި، ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން ހުށައެޅި މައްސަލަ އެ އޮތީ ސުޕްރީމް ކޯޓުގައި ޕާކްކޮށްފަ އެވެ. އަހަރެއް ވީ އެވެ. އެ މައްސަލަ ބައްލަވަން އުޅުއްވި ބެންޗުން ތިން ފަނޑިޔާރަކު، ކުއްލިއަކަށް ސަސްޕެންޑްކޮށް، އޭގެ ފަހުން ދެ ފަނޑިޔާރަކު މަގާމުން ވަކިކޮށް (ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާ ދެއްވީ އެވެ)، ބެންޗަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އެ ބަދަލު ގެނައި ފަހުން މި ފެންނަނީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިސް އެކުލަވާލި މައިގަނޑު ބިންގާ ފުނޑާލި އިސްލާހުގެ މައްސަލަ ކުރިއަށް ގެންދަން މިހާރުގެ ބެންޗަށް ނުކެރިގެން އުޅޭ ތަނެވެ.
މިގޮތަށް ކަންތައް ދިމާވަނީ، ބައެއް މީހުން ދެކޭ ގޮތުގައި، ރައީސް މުހައްމަދު މުއިއްޒު ދެކެ އޮންނަ ބިރެވެ. ރައްޔިތުންގެ މަޖިލިސް ދެކެ އޮންނަ ބިރެވެ. ޖޭއެސްސީ ދެކެ އޮންނަ ބިރެވެ. އޭސީސީ ދެކެ އޮންނަ ބިރެވެ. މިއީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ އާރުކާޓީންނެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވާނީ އާދައިގެ ފަނޑިޔާރުންނެއް ނޫންތާ އެވެ. އެއީ ވަކި މީހަކަށް ބެލުމެއް ނެތި މައްސަލައަށް ބައްލަވައި، ވަކި ނަތީޖާއަކާ ކުރިމަތިވެދާނެތީ، ވަކި ގޮތަކަށް ހުކުމް ނެރުއްވާ ކަހަލަ ފަނޑިޔާރުންނެއް ނޫނެވެ. ކުރިން އޮތް ބެންޗާ އެކު ގިނަ ދިވެހިންނަށް އެ އިތުބާރު ލިބުނުކަމާ މެދު ޝައްކެއް ނެތެވެ. ވަރުގަދަ ޝަރީއަތްތަކެއް، ރައްޔިތުންގެ ކުރިމަތީގައި ވަގުތުން ދައްކަމުން، ކުރިއަށް ގެންދިޔައީ ބެންޗުގެ އިލްމާއި މައުލޫމާތުގެ މުއްސަނދިކަން ވެސް ދައްކަވަމުންނެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގެ ކޮންޒަވޭޓިވް ފިކުރުގެ ތިން ފަނޑިޔާރުންނަށް، އެ ހުކުމާ އެކު، ރައީސް ޓްރަމްޕްގެ ކޯފާއިސްވުމާ ކުރިމަތިވާނެކަން އެނގިވަޑައިގަންނަވަ އެވެ. ކަން ވީ ވެސް އެހެންނެވެ. ވައިޓް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ހަ ފަނޑިޔާރުން ސިފަކުރެއްވީ 'މޮޔައިން'ގެ ގޮތަށެވެ.
އޭގެ ފަހުން އެހެން ގާނޫނަކަށް ބިނާކުރައްވައި ހުރިހާ މުދަލަކަށް %10ގެ ޑިއުޓީއެއް ވަނީ އިއުލާންކުރައްވައިފަ އެވެ. ސުޕްރީމް ކޯޓަށް ކީއްހެއްޔެވެ؟ އެ ކޯޓުން މައްސަލައިގެ ތެރެއަށް ވަންނާނީ ބަޔަކު ހުށައެޅީމަ އެވެ. އެހެންވެ ކޯފާއިސްވެ ރައީސް ޓްރަމްޕްކުރައްވާ ކަމެއް އޭނާއަށެވެ.
އަޅުގަނޑު އެއްބަހެވެ. ރާއްޖެއަކީ އެމެރިކާއެއް ނޫނެވެ. އެކަމަކު ގާނޫނުގެ ބޭރުން ރައީސާއި ރައްޔިތުންގެ މަޖިލިހާއި ދައުލަތުގެ އެހެން އިދާރާތަކުން ކުރާ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު މައްސަލަތައް ހުށައެޅުމުން ބިރެއް ނެތި ބަލާ ކޯޓަކަށް ސުޕްރީމް ކޯޓު ވާން އެބަ ޖެހެ އެވެ. އެ ކެރުން ހުންނަންވާނެ އެވެ. ހިތާމަކުރަމެވެ. މިހާރު މި އޮތް ސުޕްރީމް ކޯޓުން އަދި އެ ކެރުމެއް ނުފެނެ އެވެ. ސަރުކާރާ ގުޅިފައި ހުރި ސިޔާސީ ބޮޑެތި މައްސަލަތައް ޕާކްކޮށްފައި ބާއްވަން ޖެހޭނެ އެހެން ސަބަބެއް ބުނެބަލާށެވެ!
ރާއްޖޭގެ ސުޕްރީމް ކޯޓުގެ ބައެއް ހުކުމްތަކުގައި ނުވަތަ ޝަރީއަތުގައި ނަގާ ޕޮއިންޓްތަކަށް ބާެރު ދޭން ބޭރުގެ މިސާލުތައް ހިމަނަ އެވެ. ސަބަބެއް އޮވެގެންނެވެ. އެހެންކަމުން އިއްޔެ އެމެރިކާގެ ސުޕްރީމް ކޯޓުގެ ހުކުމަކީ ރާއްޖޭގެ ސުޕްރީމް ކޯޓަށް ވެސް އޮތް ފިލާވަޅެއް ކަމަށް ބަލަމާ ހިނގާށެވެ. ނޫނީ އެއީ ލިބޭ ހިތްވަރެކެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިދޭ ފިލާވަޅު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ