ރިޓަޔާވުމަށްފަހު އަލުން ވަޒީފާ އަދާކުރަން ފަށާނަމަ ޕެންޝަން ނުލިބޭގޮތް ހަދައިފި
ވަޒީފާއިން ރިޓަޔާކުރުމަށްފަހު، އަލުން ސަރުކާރުގެ ވަޒީފާއަށް ނުކުންނަ ނަމަ، ރިޓަޔަމަންޓް ޕެންޝަން ލިބުން ހުއްޓޭ ގޮތަށް ސިވިލް ސާވިސް ގަވައިދު މިއަދު އިސްލާހުކޮށްފިއެވެ. ސިވިލް ސާވިސް ގަވައިދު އިސްލާހުކޮށްފައިވާއިރު، އެ ގަވައިދުގައިވަނީ ވަޒީފާއިން މުސްކުޅިކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެމަގާމަކަށް އިންތިޚާބުވެއްޖެ ނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާކުންފުންޏެއްގެ ވަޒީފާއެއް ހަމަޖެހިއްޖެ ނަމަ އެ ވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ. މިގޮތުން ކުރިން ލިބެމުންދިޔަ މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ މަހުންމަހަށް ދޫކުރަން ފެށޭނީ އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށް ވެސް ގަވައިދުގައިވެއެވެ. މީގެ އިތުރުން ރިޓަޔާކޮށްފައިވާ ފަރާތެއް އަލުން ވަޒީފާއަށް ނުކުންނަ ނަމަ ވަޒީފާ އަދާކުރަން ފަށައިފައިވާކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގަންވާނެ ކަމަށް ވެސް ގަވައިދުގައިވެއެވެ. އަދި ނާންގައި އޮތުމުގެ ސަބަބުން އެފަދަ ވަޒީފާއެއްގައި ހުރި މުއްދަތުގައި އެ ފަރާތަކަށް މުސްކުޅިކުރުމުގެ އިނާޔަތް ދޫކުރެވިއްޖެ ނަމަ އެ ފައިސާ އަނބުރާ ދައްކަންވާނެ ކަމަށް ވެސް ގަވައިދުގައިވެއެވެ. ރިޓަޔަކުރުމަށްފަހު، ދައުލަތުގެ އެކި އޮފީސްތަކުގައި މަސައްކަތް ކުރަމުން އަންނަ މީހުން ގިނަވަމުން އަންނައިރު، އޭގެ ތެރޭ ކުރީގެ ފުލުހުންނާއި ސިފައިން ހިމެނެއެވެ. މީގެ އިތުރުން ބައެއް ކުންފުނިތަކުގައި މަސައްކަތްކޮށް ރިޓަޔަކުރުމުން އެ ކުންފުންޏަކުން ދޭ ޕެންޝަންގެ އިތުރަށް ވެސް ރިޓަޔަމަންޓް ޕެންޝަން ލިބޭ، "ޑަބަލް ޕެންޝަން" ލިބުން ވެސް ރާއްޖޭގައި އާންމެވެ، ރާއްޖޭގައި އޮތް ޕެންޝަން ނިޒާމާއި، އިންޝުއަރެންސް ނިޒާމަކީ ދައުލަތުން އިސްރާފުވާ ފައިސާ މަދުކުރުމަށް ރިފޯމްކުރަންޖެހޭ މުހިންމު ދެ ނިޒާމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ