އާ ގައުމުތަކާ އެކު ވިޔަފާރީގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖެއަށް މުދާ އެތެރެކުރާ މާކެޓުތަކުން ވެސް ކުރިއަށް ވުރެ ގިނައިން މުދާ އެތެރެކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް މުދާ އެތެރެކުރާ ބައެއް މާކެޓުތަކަށް އަސަރުކޮށްފައިވާތީ އޭގެ ސަބަބުން ރާއްޖެއަށް ކުރާ އަސަރުތައް ކުޑަކުރުމަށް ފިޔަވަޅުތައް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އިންޑޮނޭޝިއާ، މެލޭޝިއާ ފަދަ ތަންތަނުން ކުރިން ނުގެންނަ ވަރަށް ބައެއް ކަހަލަ މެޓީރިއަލް އެބަ ގެނޭ މިހާރު ހަނގުރާމަ ފެށުނީމާ ޕްރައިވެޓު ސެކްޓަރުގެ ބައެއް ފަރާތްތަކުން ވެސް،" ސައީދު ވިދާޅުވި އެވެ.
ޗައިނާއާ އެކު އެކުލަވާލާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ވެސް މުދާ ހޯދުމުގައި ފަސޭހަތައް ހުންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އިރުމަތީ އޭޝިއާގެ ގައުމުތަކާ އެކު އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް ފޮރިން މިނިސްޓްރީއާ އެކު މަސައްކަތްތައް ކުރަމުން އަންނަކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ މީގެ ކުރިން މަސައްކަތް ނުކުރާ ބައެއް މާކެޓުތަކާ އެކު ވެސް މިހާރު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އެފްރިކާގެ ބައެއް މާކެޓުތަކާ އެއްކޮށް ވެސް މިހާރު ކަންކަމުގައި ކުރިއަށް ދާން މަސައްކަތް އެބަ ކުރަން،" އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ކަނޑުމަގުންނާއި ވައިގެ މަގުން ލިންކުތައް އަޅަން ޖެހޭ ކަމަށާއި އެ މަސައްކަތް ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީއާ އެކު ކުރަން ފަށާފައިވާ ކަމަށެވެ.
"މިސާލަކަށް އެފްރިކާގެ ވަރަށް ފުޅާ އޭވިއޭޝަން ނެޓްވޯކުތައް އެބަހުރޭ. އެ ނެޓްވޯކުތަކުން ރާއްޖެއަށް ކަނެކްޝަން ފެށޭ ކަމަށް ވަންޏާ އޭގެން އުފެދޭނެތާ ސްޕޭސް، ކާގޯ ސްޕޭސް ކަމުގައި ވިޔަސް. އެ ދެ ބައި އެއްކޮށް ދިޔައީމާ ސަސްޓެއިން ކުރަން ފަސޭހަވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ މިހާރުގެ ހާލަތަށް އެކަނި ބެލުމުގެ ބަދަލުގައި ކުރިމަގުގައި ވެސް ވިޔަފާރީގެ ގުޅުންތަކަށް ލުއިފަސޭހަތައް ހޯދުމަށް ކަމަށެވެ.
އާ ގައުމުތަކާ އެކު ވިޔަފާރީގެ އިންތިޒާމުތައް ހަމަޖައްސަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ