ވީއައިއޭގައި ބޭނުންކުރާ ވެހިކަލްގެ ފީ ބޮޑުކުރުމުން ފަތުރުވެރިންނަށް ބުރަ އުފުލަން ޖެހިދާނެތީ ކަންބޮޑުވުން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އެކި ޚިދުމަތްތަކަށް ބޭނުންކުރާ އުޅަނދުތަކުން ނަގާ ފީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ބޮޑުކުރުމުން އެ ކަމުގެ ބުރަ ފަތުރުވެރިން އުފުލަންޖެހޭނެތީ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިއްޔެ އެމްއޭސީއެލުން ބުނީ މި އަގުތައް ބޮޑުކޮށްފައި ވަނީ ވީއައިއޭގެ އެކިއެކި އޮޕަރޭޝަންތަކަށާއި ފަސިންޖަރުންގެ ޚިދުމަތްތަކަށް ބޭނުންކުރާ އުޅަނދުތައް ގިނަވުމާ ގުޅިގެން، އެއާޕޯޓު ބާރު ބޮޑު ވުމުން ކަމަށެވެ. https://sun.mv/216556 ޓްރެވެލް އެޖެންސީ, އިނާ މޯލްޑިވްސްގެ ވެރިޔާ އަދި އެއާލައިންތަކަށް ޚިދުމަތްދިނުމާއި އެއާޕޯޓުގެ ޚިދުމަތްތައް ހަރުދަނާކުރެވޭނެ ގޮތްތަކާ މެދު ޚިޔާލު ދެއްވާ ބޭފުޅެއް ކަމަށްވާ މުޙައްމަދު ފިރާގު ސޯޝަލް މީޑިއާގައި ފާހަގަކުރެއްވި ގޮތުގައި އެމްއޭސީއެލުން ވެހިކަލް ފީ ބޮޑުކުރުމުން އޭގެ ބުރަ އުފުލަން ތިބޭނެ ބަޔަކީ ފަތުރުވެރިންނެވެ. އެގޮތުން ބޮޑުކުރާ ފީ ފޫބަންދަން އިތުރު ފައިސާ ހޯދާނީ ހަމަ ފަތުރުވެރިންގެ އަތުން ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ. ފިރާގު "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ، ކޮންމެހެން ކޮންމެ ރިސޯޓަކަށް ޚާއްސަ އުޅަނދެއް އެއާޕޯޓުގައި އޮތުމަކީ މުހިންމު ކަމެއް ނޫން ކަމަށެވެ. އެއީ ވަރަށް އަގުބޮޑު، ނަތީޖާ ދަށް ކަމެއްގެ ގޮތުގައި އޭނާ ދެކެވަޑައިގަންނަވައެވެ. ފީ ބޮޑުވެ ފަތުރުވެރިންނަށް ބުރައެއް ޖެއްސުމުގެ ބަދަލުގައި އެމްއޭސީއެލްގެ ފަރާތުން ސީޕްލޭން ޓާމިނަލަށް ޓޫރިސްޓުން އުފުލޭނެހެން ޝަޓަލް ނުވަތަ ބަހުގެ ޚިދުމަތް ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ޚިދުމަތް އެއް ބަޔަކު ރަނގަޅަށް ފޯރުކޮށްދިނުމަކީ ދަތުރުވެރިންނަށް އެންމެ ހިތްފަސޭހަ ތަޖުރިބާއެއް ކުރަން ލިބި، ވަގުތު ވެސް ސަލާމަތްވެ، ކަންކަން ފަސޭހަވާނެ ގޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ އެއާޕޯޓު ތެރޭގެ އޮޕަރޭޝަންތައް ވެސް އެއް ހަމައަކުން ދާކަން ޔަގީންވެ، ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުންހިފި، ރިސޯޓުތަކަށް ވެސް ފަތުރުވެރިންނަށް ވެސް ފައިދާވާނެ ގޮތެއް ކަމަށް ފިރާގު ވިދާޅުވިއެވެ. ސީޕްލޭން ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ކުންފުނިތައް ކަމަށްވާ ޓީއެމްއޭއާއި، މަންތާއިން ވެސް އެއާޕޯޓުގައި ދުއްވަން ގިނަ އަދަދެއްގެ ވެހިކަލް ބޭނުންކުރެއެވެ. އަދި ގިނަ އަދަދެއްގެ ރިސޯޓު ސްޓޯލްތައް ވެސް އެއާޕޯޓުގައި ހުންނައިރު، ސީޕްލޭންގައި ދަތުރުކުރާ ފަތުރުވެރިން އުފުލުމަށް ޓަކައި ރިސޯޓުތަކުގެ އެކި ފެންވަރުގެ ލަގްޒަރީ ކާރާއި، ވޭން ވެސް އެއާޕޯޓުގައި ދުއްވަން ބޭނުން ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ