އެލައިޑުން އައިފޯނެއް ދޭ ގިވްއަވޭގެ ނަމުގައި ސްކޭމް ކުރާތީ ސަމާލުވާން އެދެފި

އެލައިޑް އިންޝުއަރަންސްގެ ފަރާތުން ކުރިއަށްގެންދާ ގިވްއަވޭއެއްގެ ނަމުގައި ސްކޭމްކުރާތީ، އެ ކަމަށް ހުރިހާ ކަސްޓަމަރުން ވެސް ސަމާލުވާން އެ ކުންފުނިން މިއަދު އިލްތިމާސްކޮށްފިއެވެ. އެލައިޑުން ވަނީ އިންސްޓަގްރާމްގައި "އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ"ގެ ނަމުގައި ގިވްއަވޭއެއް ފަށާފައެވެ. މި ކަމާ ގުޅިގެން އެލައިޑުން މިއަދު ބުނީ، އެއްވެސް ގޫގުލް ފޯމެއް ނުވަތަ ބޭރުގެ އެހެން ލިންކެއް މެދުވެރިކޮށް މަޢުލޫމާތު ހޯދުމުގެ އެއްވެސް ހަރަކާތެއް އެ ކުންފުނިން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި، އެލައިޑުން ކުރިއަށްގެންދާ ގިވްއަވޭ ހަރަކާތުގައި ބައިވެރިވުމަށް، ނުރަސްމީ ލިންކުތަކެއް މެދުވެރިކޮށް އަމިއްލަ މަޢުލޫމާތު ހިއްސާކުރުމަށް އެދި ފޮނުވާ އެއްވެސް މެސެޖަކީ އެލައިޑާ ގުޅުންހުރި މެސެޖުތަކެއް ނޫން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އެފަދަ އެކައުންޓުތަކުން ފޮނުވާ އެއްވެސް ފޯމެއް ނުފުރުމަށާއި، އެއްވެސް އަމިއްލަ މަޢުލޫމާތެއް ހިއްސާނުކުރަން ހުރިހާ ބައިވެރިންނަށް އެލައިޑުން ވަނީ އިލްތިމާސްކޮށްފައެވެ. އެލައިޑުން ބުނީ، "އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ"އާ ގުޅޭ ރަސްމީ ހުރިހާ މުޢާމަލާތްތަކެއް ކުރިއަށްދާނީ ހަމައެކަނި އެ ކުންފުނީގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް މެދުވެރިކޮށް ކަމަށެވެ. އަދި, ގިވްއަވޭއާ ގުޅޭގޮތުން އެލައިޑްގެ ނަމުގައި ޝައްކުކުރެވޭ ފަދަ އެއްވެސް މެސެޖެއް ލިބިއްޖެނަމަ، އެ މެސެޖަކަށް އިޖާބަ ދިނުމުގެ ބަދަލުގައި, އެ އެކައުންޓެއް ރިޕޯޓްކުރުމަށް ފަހު, ލަސްނުކޮށް އެލައިޑަށް އެކަން އެންގުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ. އެލައިޑް އިންޝުއަރަންސްއިން އަބަދު ވެސް އެންމެ ބޮޑު އިސްކަމެއް ދެނީ ކަސްޓަމަރުންގެ އިތުބާރާއި ރައްކާތެރިކަމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އެ ކުންފުންޏަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ވެސް ވަނީ ޝުކުރު އަދާކޮށްފައެވެ. އެލައިޑުން ވަނީ އޮންލައިންކޮށް ހިންގާ މިފަދަ މަކަރާއި ހީލަތުގެ އަމަލުތަކުން ސަލާމަތްވެ ތިއްބެވުމަށް ހުރިހާ ބޭފުޅުންނަށް އިލްތިމާސްކޮށްފައެވެ. އަދި، ގިވްއަވޭގެ ސައްހަ މަޢުލޫމާތާއި އަޕްޑޭޓްތައް ހޯއްދުމަށް އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރެއްވުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ