އުރްބާނީގެ އަމާޒަކީ ޓިމޯ ލެސްޓޭ މެޗަކީ ގައުމީ ޓީމަށް ރަނގަޅު ފެށުމަކަށް ހެދުން އުރްބާނީގެ އަމާޒަކީ ޓިމޯ ލެސްޓޭ މެޗަކީ ގައުމީ ޓީމަށް ރަނގަޅު ފެށުމަކަށް ހެދުން

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗަކީ ގައުމީ ސީނިއާ ފުޓްބޯޅަ ޓީމާ އެކު، ކުރިއަށްދިއުމަށްޓަކައި، އޭނާ އަށް ވެސް ރަނގަޅު ފެށުމަކަށް ހަދަން ބޭނުންވާ ކަމަށް ގައުމީ ޓީމުގެ ކޯޗު ހަންގޭރީގެ އިސްތަވާން އުރްބާނީ ބުނެފި އެވެ.
މިއީ، 2009 އިން 2013 އަށް ގައުމީ ޓީމަށް ދެ ފަހަރެއްގެ މަތިން ކޯޗުކޮށްދިން އުރްބާނީ ރާއްޖޭގެ ސީނިއާ ޓީމާ އެކު ކޯޗިން މަސައްކަތް ކުރާ ތިން ވަނަ ފަަހަރެވެ.
ޓިމޯ ލެސްޓޭ އިން ވަނީ މިދިޔަ އަހަރު ޖޫން މަހު އެ ގައުމުގައި ކުޅުނު މެޗުން، ރާއްޖެ އަތުން 1-0 އިން މޮޅުވެފަ އެވެ. ކޮލިފައިން ފަހު މެޗުތަކާ ކުރިމަތިލާއިރު، ގްރޫޕް އޭގެ އެއް ވަނައިގައި ތަޖިކިސްތާނުން އޮތީ ދެ ވަނައިގައި އޮތް ފިލިޕީންސާ އެއްވަރަށް ފަސް މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. ލަނޑުގެ ތަފާތަށް ބަލާއިރު، ތަޖިކިސްތާން އޮތީ އެއް ގޯލު ކުރީގަ އެެވެ. ތިން ވަނައިގައި އޮތް ޓިމޯ ލެސްޓޭ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް ރާއްޖޭން ކުޅުނު ހުރިހާ މެޗަކުން ބަލިވުމުން އަދި ޕޮއިންޓެއް ނުލިބެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ދެ އަހަރެއްހާ ދުވަހު ބޮޑެތި މެދުކެނޑުންތަކެއްގެ ތެރޭގައި އޮވެ، އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކޮށް ނަތީޖާ ނެރުމުގަައި ގިނަ ގޮންޖެހުންތަކަކާ އެންމެ ފަހުން ގައުމީ ޓީމަަށް އިރުޝާދުދިން ދެ ކޯޗުން ކަމަށްވާ އަލީ ސުޒޭން އާއި މުހައްމަދު ޝިޔާޒް (މޯހަން) ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
ޓިމޯ ލެސްޓޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އުރްބާނީ ބުނީ، ގައުމީ ޓީމުގެ ކުޅުމާ މެދު ވާހަކަ ދައްކާއިރު ވިސްނަން ޖެހެނީ ޓީމާ ހަވާލުވެ ހުރި ކޯޗަކީ ދިވެއްސެއްތޯ ނޫނީ ބޭރު މީހެއްތޯ ނޫން ކަމުގަ އެވެ. އޭނާ އަކީ އަބަދުވެސް ދިވެހި ކޯޗުންނަށް ވަރަށް އިހުތިރާމްކުރާ ފަރާތެއް ކަމަށާއި އޭނާގެ ފިލޯސަފީގައި މަސައްކަތްކުރާއިރު ކުޅުންތެރިންނާ އެކު ވީހާވެސް ގުޅިގެން، ކުޅުންތެރިންގެ ކަންކަން އެނގިގެން ދަނޑުމަތީގައި ކުރަން ހުރި ކަަންކަމަށް ފޯކަސްކޮށްގެން، އެ ކުޅުންތެރިންނަށް އެންމެ ރަނގަޅު ގޮތަށް ކުޅެން މަސައްކަތްކުރާނެ ކަމަށް އުރްބާނީ ވަނީ ބުނެފަަ އެވެ.
"އަސްލު މައްސަލަ ގުޅިފައި އޮތީ އަހަރެމެން ވާދަވެރި މާހައުލެއްގައި ގިނަ މެޗު ކުޅެފައި ނެތީމަ، މިދިޔަ އަހަރުތަކުގައި އަހަރެމެންގެ ސިކުނޑިން ވާދަވެރި މެޗުތަކުގައި މަސައްކަތްކުރާ ނިސްބަތް ހުރީ ސްލޯވެފައި، އެކަންކަން ރަނގަޅުކޮށް، ރަނގަޅަށް ވިސްނައިގެން ކުޅުން މުހިންމީ،" އުރްބާނީ ބުންޏެވެ.
ސަޕޯޓަރުން ގައުމީ ޓީމާ އެކު އުންމީދުތަކެއް ކުރަން ޖެހޭ ކަމަށާއި އެއީ މުހިންމު ކަމެއް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، އުންމީދުތަކެއް ކުރަަން ޖެހޭނީ ހާލަތަށް ބަލައި، މި ވަގުތު ގައުމީ ޓީމުން ކުރަމުން އަންނަ މަސައްކަތަށް ސަޕޯޓް ދިނުމަށް ކަމަށް އުރްބާނީ ފާހަގަކުރި އެވެ. އެ ގޮތުން، ޓިމޯ ލެސްޓޭ މެޗަކީ، އަހަރެމެން ކުރިމަގުގައި ވަރަށް އަވަހަށް ހާސިލްކުރަން ބޭނުންވާ އެއްޗެއްގެ ފައުންޑޭޝަން އެޅުމަށް މުހިންމު މެޗެއްގެ ގޮތުގައި އުރްބާނީ ވަނީ ބުނެފަ އެވެ.
"އުންމީދަކީ މިއީ ރަނގަޅު ފެށުމަކަށް ވުން. އެކަމަކު، ސީދާ ކޮން ކަމެއްތޯ އުންމީދުކުރާނީ އެޔެއް ބުނަން ތަންކޮޅެއް އަވަސް އަހަންނަށް ވެސް. އަހަރެމެންގެ އައިޑިއާއެއް އެބައޮތް، އަހަރެމެންގެ ޕްލޭން އޭ އެއް، ޕްލޭން ބީއެއް އެބައޮތް. ވިއްސަށް ވުރެން ގިނަ ކުޅުންތެރިން އެބަތިބި ދަނޑުމަތީގައި ކަމެއް ސާބިތުކޮށްދޭން ބޭނުންވާ. އެ ހުރިހާ ކަަމަކަށް ބަލައި، އަހަރެމެން ކޯޗުން މި ބަލަނީ މަސައްކަތްކުރެވޭނެ ރަނގަޅު ސިސްޓަމެއްގެ ތެރެއިން ކުރިއަށްދާން،" އުރްބާނީ ބުންޏެވެ.
ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ދިއުމަކީ އޭނާ ކަނޑައެޅި އަމާޒެއް ކަމަށާއި އެކަމަކު، އެ ޓީމުގެ ކޯޗަކަށް ހުރެ، އެކަން ހާސިލްނުވިޔަސް މެޗުން މެޗަށް އެ ޒުވާން ކުޅުންތެރިން ކުރި ހިތްވަރުން އުންމީދު ލިބިފައިވާ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އަދި، މި ފަހަރުގެ ސީނިއާ ގައުމީ ޓީމަށް 20 އަހަރުން ދަށުގެ ޓީމުގެ ސްކޮޑުން ކުޅުންތެރިން ނުނެގީ ކައިރި ކައިރީގައި ތިން މެޗު ކުޅުނު މުބާރާތަކަށް ފަހު، އިމޯޝަނަލީ އެ ކުޅުންތެރިން ތިބީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ. އެކަމަކު، ޖޫން މަހު އޮތް ފޯ ނޭޝަންސް ކަޕްގައި 20 އަހަރުން ދަށުގެ ކުޅުންތެރިން ސީނިއާ ގައުމީ ޓީމުން ފެންނާނެ ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ޓިމޯ ލެސްޓޭ އިން ރާއްޖެ ބަލިކުރިއިރު، އޮތީ ފީފާ ރޭންކިންގެ 197 ވަނައިގަ އެވެ. އޭރު ރާއްޖެ އޮތީ 164 ވަނައިގަ އެވެ. އެއީ، އެ މެޗާ ހަމައަށް އެންމެ ފަހުން އިންޓަނޭޝަނަލް ފުޓްބޯޅައިގައި ޓިމޯ ލެސްޓޭ ކުޅުނު އަށް މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ ފަހަރެވެ. މިހާރު މި ދެ ޓީމުގެ ރޭންކިން އަށް ބަލާއިރު، ރާއްޖެ އޮތީ 173 ވަނައިގަ އެވެ. އަދި، ޓިމޯ ލެސްޓޭ އޮތީ 199 ވަނައިގަ އެވެ.
އުރްބާނީ ބުނީ ބަައިނަލްއަގުވާމީ ފުޓްބޯޅަ މިހާރު އަންނަނީ ވަރަށް ބޮޑަށް ބަދަލުވަމުން ކަމަށާއި ކުޅުންތެރިންނާ ގުޅޭ ކަންކަމުގައި ގިނަ ގައުމުތަކުން އަންނަނީ އެކި ކަހަލަ މަސައްކަތްތައް ކުރަމުން ކަމަށެވެ. އެ ގޮތަށް ވިސްނައިގެން އިންޓަނޭޝަނަލް މެޗުތަކަށް ތައްޔާރުވާއިރު، ރާއްޖޭން ވެސް ފޯކަސް ބަހައްޓާނީ އެ ވަގުތު ޓީމަށް ކުޅެވޭނެ ހާލަތުގައި ތިބި ކުޅުންތެރިން ލައިގެން ބޭނުންވާ އަމާޒުގަައި ކުރިއަށްދިއުމަށް ކަމަށް އުރްބާނީ ވަނީ ބުނެފަ އެވެ.
ގަލޮޅު ދަނޑުގައި މާދަމާ ހަވީރު ޓިމޯ ލެސްޓޭއާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު ފަށާނީ 15:30 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ