ފުވައްމުލަކުގެ ޑުރަގު ބޮޑުން ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ޝަރީއަތް ނިމެންދެން އަލުން ބަންދުކޮށްފި

ފުވައްމުލަކުގައި މަސްތުވާތަކެތީގެ ވިޔަފާރީގައި އިސް ދައުރެއް އަދާކުރާކަމުގެ ތުހުމަތުގައި އަލުން ހައްޔަރުކުރި އަޙްމަދު ނިއުޝާދާއި ޙަސަން ޢާޒިމް ޝަރީއަތް ނިމެންދެން އަލުން ބަންދުކޮށްފިއެވެ. ފުލުހުން އިއްޔެ ބުނީ، 35 އަހަރުގެ ނިއުޝާދާއި 30 އަހަރުގެ ޢާޒިމްް އަލުން ހައްޔަރުކުރީ، ދެ މީހުންގެ މައްޗަށް ކޯޓުގައި އުފުލައިފައިވާ މައްސަލައެއްގެ ހެއްކަށް ނުފޫޒު ފޯރުވައިފާނެތީއެވެ. އެހެންކަމުން އެ ދެ މީހުން ކޯޓު އަމުރެއްގެ ދަށުން އަލުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ހާޒިރުކުރުމުން، ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން ދެ މީހުން ވެސް ބަންދުކުރުމަށެވެ. ނިއުޝާދާއި ޢާޒިމް އެންމެ ފުރަތަމަ ހައްޔަރުކުރީ ޑިސެންބަރު 9، 2024ގައެވެ. އެފަހަރު ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން ދެ މީހުން ބަންދުކުރުމަށެވެ. ނަމަވެސް، ދައުލަތުންވެސް އެއްބަސްވާ ގޮތަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކުރުމަށް ފަހު، ޝަރީއަތް ނިމެންދެން ބަންދު ކުރަން ނިންމުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 60ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ހައިކޯޓުން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ނުވަވަނަ ދުވަހު ދެ މީހުން ދޫކޮށްލައިފައެވެ. އޭގެ ދެ މަސް ފަހުން މާރިޗު 18ގައި، ދެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލިއެވެ. ފުލުހުން މީގެ ކުރިން ބުނީ، ފާއިތުވި ފަސް އަހަރުގެ ތެރޭ ނިއުޝާދުގެ ބޭންކު އެކައުންޓު މެދުވެރިކޮށް 21 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގައިފައިވާ ކަމަށެވެ. ފާއިތުވި ދެ އަހަރުގެ ތެރޭ އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށް ހަތް މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގައިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ