އެމެރިކާގެ ޚަރަދުތައް އާމްދަނީ އަށްވުރެ ބޮޑުވެ އަސްކަރީ ޚަަރަދުތައްވެސް ލޯން ނަގައިގެން ކުރަނީ

އެމެރިކާގެ އަސްކަރީ ޚަރަދުތައް ބޮޑުކުރުމުގެ ނަތީޖާއެއްގެ ގޮތުން އެ ގައުމުގެ ދަރަނި އަދާ ކުރަން ދަތިވެ އިގްތިސާދަށް ނުރައްކާވާ މިންވަރަށް ބޮޑުވެފައިވާއިރު އީރާން ފަދަ ގައުމުތަކާ ދެކޮޅަށް އަސްކަރީ ގޮތުން ބިރުދެއްކުމަށް ބޭނުންވާ އަސްކަރީ ޚަރަދުތައް ކުރަނީ ވެސް ލޯން ނަގައިގެން ދަރަނީގެ ފައިސާއިން ކަމަށް ކަމާބެހޭ ރިޕޯޓެއް ބުނެފިއެވެ. ބްލޫމްބާގް ގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއް ބުނާގޮތުން ދުނިޔޭގައި ދަރަނި އެންމެ ބޮޑު ގައުމަކީ އެމެރިކާއެވެ. އެމެރިކާގެ ގައުމީ އާމްދަނީއަށްވުރެ ގައުމީ ދަރަނި ވަނީ ބޮޑުވެފައެވެ. މި ރިޕޯޓް ބުނާގޮތުން އެމެރިކާ ހަނގުރާމަތަކަށް ކޮށްފައިވާ ޚަރަދުތަކުގެ ތެރެއިން މިހާރުވެސް 8 ޓްރިލިޔަން ޑޮލަރު ދަރަނީގެ ގޮތުގައި އެބައޮތެވެ. އެމެރިކާގެ ގައުމީ އާމްދަނީ އަކީ ގާތްގަނޑަކަށް 30 ޓްރިލިޔަން އެމެރިކާ ޑޮލަރުކަމަށްވާއިރު އެމެރިކާގެ ގައުމީ ދަރަނީގެ މިންވަރަކީ ގާތްގަނޑަކަށް 38 ޓްރިލިޔަން ޑޮލަރެވެ. މި ރިޕޯޓް ބުނާގޮތުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރުގައި ވެރިކަމަށް ވަޑައިގެންނެވީ އެމެރިކާގެ ޚަރަދުތައް ކުޑަކޮށް ދަރަނިވެސް ކުޑަކުރުމަށް ވައުދުވެ ވަޑައިގެންނެވެ. ކޭންޕެއިންގައި ޓްރަމްޕް ގެންގުޅުއްވި "މޭކް އެމެރިކާ ގްރޭޓް އަގައިން" ޝިއާރުގެ އަސާސަކީ ދަރަނި ކުޑަކޮށް ޚަރަދު ކުޑަ ކުރުމެވެ. ނަމަވެސް ޓްރަމްޕްގެ ދެވަނަ ދައުރުގެ ފުރަތަމަ އަހަރުގައި ވެސް ވަނީ އެމެރިކާގެ ދަރަނި އޭގެ ކުރީ އަހަރަށްވުރެ މައްޗަށް ގޮސްފައެވެ. އެމެރިކާގެ އަސްކަރީ ޚަރަދުތައްވެސްވަނީ އިތުރަށް ބޮޑުވެފައެވެ. ޓްރަމްޕްގެ ދެވަނަ ދައުރުގައި އެމެރިކާ ސަރުކާރުން މަދަނީ ކަންކަމަށް ކުރާ ޚަރަދުތައް ކުޑަކުރިއެވެ. ނަމަވެސް އަސްކަރީ ކަންކަމަށް ކުރާ ޚަރަދު ޓްރަމްޕްގެ ދެވަނަ ދައުރުގައިވަނީ އިތުރުވެގެން ގޮސްފައެވެ. އެމެރިކާގެ ހަނގުރާމައިގެ ބަޖެޓް ޓްރަމްވަނީ 800 ބިލިޔަން ޑޮލަރުން 1000 ބިލިޔަން ނުވަތަ އެއްޓްރިލިޔަން ޑޮލަރަށް އިތުރުކޮށްފައެވެ. ނަތީޖާއަކީ އެމެރިކާގެ ޖުމްލަ ޚަރަދުތައް ޓްރަމްޕްގެ ވެރިކަމުގައި މާބޮޑަށް އިތުރުވެގެން ދިޔުމެވެ. މި ރިޕޯޓް ބުނާގޮތުން ވެނެޒުއެލާއާއި އީރާނަށް ބިރުދެއްކުން ފަދަ ހަނގުރާމައިގެ ކަންކަމަށް ޚަރަދުކުރުން ޓްރަމްޕްގެ ވެރިކަމުގައިވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރުތަކަކީ އާދައިގެ ހާލަތުގައި ވެސް އެއަށް ކުރަންޖެހޭ ޚަރަދުތައް ބޮޑު އެއްޗެކެވެ. މަތިންދާ ބޯޓު އުފުލާ 11 މަނަވަރު އެމެރިކާގައި އޮންނައިރު އޭގެ އެންމެ އުޅަނދެއްގެ ޚަރަދަށް އާދައިގެ ހާލަތުގައިވެސް ދުވާލެއްގެ މައްޗަށް ހަ މިލިޔަން ޑޮލަރު ހޭދަކުރަން ޖެހެއެވެ. އެއީ އޭގެ ދުވާލެއްގެ އޮޕަރޭޝަން ޚަރަދާއި ސިފައިންގެ މުސާރައާއި ކެއިން ބުއިމުގެ ޚަރަދަށެވެ. ނަމަވެސް ހަނގުރާމައަކަށް ތައްޔާރުވުމަށް ޓަކައި ވަކި ސަރަހައްދަށް ހަނގުރާމައިގެ އުޅަނދުތައް ޖަމާކުރާ ހާލަތުގައި މިފަދަ އެންމެ އުޅަނދަކަށްކުރަންޖެހޭ ޚަރަދު ދުވާލެއްގެ މައްޗަށް އަށް މިލިޔަން ޑޮލަރަށް އިތުރުވެއެވެ. އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތައް ފައްތާލުމުގެ ޓެކްނޮލޮޖީ ޗައިނާއާއި ރަޝިއާ ހޯދާފައިވާއިރު މި ޓެކްނޮލޮޖީ މިހާރު އީރާނުން ވެސް ވަނީ ހޯދާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޓެކްނޮލޮޖީގެ ސަބަބުން އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކަކީ މިހާރު އޭގެ ޒަމާން ފާއިތުވެފައިވާ ބަރުހެލި އަސްދޫންޏެއް ފަދަ ބައުދަނޑުގެ ހަލްގަނޑަކަށް ވެފައިވާކަމަށް އެމެރިކާގެ ކުރީގެ އަސްކަރީ އޮފިސަރެއް ކަމަށްވާ ސްކޮޓް ރިޓާ ވަނީ ސިފަކުރައްވައިފައެވެ. މިއީ ހަގީގަތެއްކަން ސިފަވާ ފަދަ ގޮތަކަށް އެމެރިކާގެ ހަނގުރާމައާބެހޭ ވަޒީރު ޕީޓް ހެގްސެތު ދާދިފަހުން ވަނީ ވާހަކަ ދައްކަވާފައެވެ. އެމެރިކާ ސިފައިންގެ އެއްވުމެއްގައި ވަހަކަ ދައްކަވަމުން ހެގްސެތު ވަނީ އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުތަކަކީ ޚަރަދު ބޮޑު އަދި މި މިޒަމާނަށް ނުފެތޭ އެއްޗެއްކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި އޭގެ ބަދަލުގައި އެހެން ވަސީލަތްތަކެއް ތަރައްގީ ކުރަން އެެމެރިކާއަށް ޖެހެއެވެ. ޗައިނާ އާއި ރަޝިއާ ފަދަ ގައުމުތަކުން މަތިންދާބޯޓު އުފުލާ މަނަވަރުތައް އިތުރުނުކުރަނީ މި ސަބަބާ ގުޅިގެންކަމަށް އަސްކަރީ ރިޕޯޓްތައް ބުނެއެވެ. އޭގެ ބަދަލުގައި އެދެގައުމުން ތަރައްގީ ކުރަނީ ޚަރަދުކުޑަކޮށް އެމެރިކާއަށް ރައްދު ދެވޭފަދަ ވަސީލަތްތަކެވެ. އެއީ އަޑަށްވުރެ ބާރަށް ދަތުކުރުކުރާ މިސައިލެވެ. ހައިޕާ މިސައިލް ޓެކްނޮލޮޖީއެވެ. ރިޕޯޓްތައް ބުނާގޮތުން އީރާން ވެސް މިހާރުވަނީ މި ޓެކްނޮލޮޖީ ގައި ބޮޑު ކުރިއެރުމެއް ހޯދާފައެވެ. ހެގްސެތު ވިދާޅުވި ގޮތުގައި މަތިންދާބޯޓު އުފުލާ މަނަވަރުތައް ފައްތާލުމުގެ ޓެކްނޮލޮޖީ ޗައިނާއާއި ރަޝިއާ ހޯދާފައިވުމަކީ އެ އުއުޅަނދު ދިފާއުކުރުމަށް ކުރަންޖެހޭ ޚަރަދު ދެގުނައަށް އިތުރު ވެގެންދާ ކަމެކެވެ. މިއާއެކު އެނޫން ގޮތެއް ހޯދަން އެމެރިކާއަށް ވަނީ ޖެހިފައެވެ. ނަމަވެސް އެއީ އެހާ އަވަހަށް އެހާ ފަސޭހައިން އެމެރިކާއަށް ކުރެވެން އޮތްކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. ބްލޫމްބާގް ގައިވާ ރިޕޯޓް ބުނާގޮތުން އެމެރިކާގެ އަސްކަރީ ޚަރަދުތައް ހައްދުން ނެއްޓޭވަރަށް ބޮޑުވަމުން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުގެ އަދަދު 800 އަށް އަރާފައިވާއިރު އެ ބޭސްތަކަށް ކުރަންޖެހޭ އެއްވެސް ޚަރަދެއް މަދުކުރަން އެމެރިކާ ދެކޮޅު ހަދާތީއެވެ. އެމެރިކާގެ އަސްކަރިއްޔާ އަކީ އަބަދުވެސް ދުނިޔޭގެ އެންމެ ބާރުގަދަ އަސްކަރިއްޔާގެ ގޮތުގައި ބޭއްވުމަށް ހުއްޓުމެއްނެތި އެމެރިކާ ކުރަންޖެހޭ ޚަރަދުތަކުގެ ބޮޑުކަމުންނެވެ. މި ޚަރަދުތައް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ ޗައިނާއާއި ރަޝިއާ އުފައްދާ ކޮންމެ ހަތިޔާރަކަށް އޭގެ މައިތިރި އެމެރިކާ ހަދަންޖެހޭތީއެވެ. އެމެރިކާގެ އާމްދަނީ އަށްވުރެ ޚަރަދު ބޮޑުނަމަވެސް އެމެރިކާގެ އިގްތިސާދު އިނދަނުޖެހި ހިފަހައްޓަނީ އެމެރިކާ ޑޮލަރަކީ ދުނިޔޭގައި އަދިވެސް އެންމެ ބޮޑަށް ވިޔަފާރީގައި ބޭނުންކުރާ ރިޒާވް ކަރަންސީ އަށް ވެފައި ބޭނުން ވަރަކަށް ޑޮލަރު ޗާޕް ކުރުމުގެ ފުރުސަތު އެމެރިކާއަށް އޮންނާތީއެވެ. ނަމަވެސް މިއީ ތާއަބަދު އެމެރިކާއަށް އޮންނާނެ ފުރުސަތެއް ނޫންކަމަށް އިގްތިސާދީ ތަޖުރިބާ ކާރުން ވިދާޅުވެފައެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ޑޮލަރުގެ ބަދަލުގައި އެނޫން ފައިސާގެ ނިޒާމުތަކުން ވިޔަފާރީގެ މުއާމަލާ ކުރާ މިންވަރު ދުވަހެއް ދުވަހަކަށް ދުނިޔޭގައި ދަނީ އިތުުރުވަމުންނެވެ. އެެހެންކަމުން އެމެރިކާއަށް ލިބިފައިވާ މި ފުރުސަތު ގެއްލެން ދެން މާ ގިނަ އަހަރުތަކެއް ނުނަގާނެކަމަށާ މިފުރުސަތު ގެއްލިއްޖެނަމަ އެމެރިކާއަށް އޮތީ ދެގޮތް ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ. އެއްގޮތަކީ ޚަރަދު ކުޑަކުރުމެވެ. ދެވަނަ ގޮތަކީ ޚަރަދު ކުޑަނުކޮށް އިގްތިސާދު އިނދަޖެހެން ދޫކޮށްލުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ