ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނާ މައްސަލާގައި މިދިޔަ ސަރުކާރުން ދޫކޮށްލި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ހޯދަން އަވަށްޓެރި ގައުމުތަކާ ޖެހިގަނެ، ހަނގުރާމަ ކުރަން އުޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ފޯޅަވައްސާ ފުށުއަރާ ކަމަށް ބުނެ، މޮރިޝަސް އިން ހުށަހެޅި މައްސަލާގައި މިދިޔަ ސަރުކާރުގައި ރާއްޖެއިން ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭހެން، ރާއްޖޭގެ ދެކުނުގެ ހާއްސަ އިގްތިސާދީ ސަރަހައްދު އެއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަމަށް މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފަ އެވެ.
އެއާ އެކު، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގެ ހުކުމް ގަބޫލުނުކޮށް، ދެކުނު ކަނޑުގެ ސަރަހައްދު ދިވެހި ސިފައިން މިހާރު ވަނީ ބަލަހައްޓަން ފަށާފަ އެވެ.
ބުނީ ކީކޭ؟ - ޕީއެންއެފްގެ ޖަލްސާގައި ރޭ ޔާމީން ވަނީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހުކުމްތަކަށް ގޮންޖަހައި އަަވައްޓެރި ގައުމުތަކާއި ތޮޅެން އުޅުމަކީ ރާއްޖެއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ރައީސް މުއިއްޒުގެ މި ނިންމުމަށް ފާޑުވިދާޅުވެފަ އެވެ.
"ހަނގުރާމަކުރަން މިއުޅެނީ ކޮން ބަޔަކާތޯ؟ އަޅުގަނޑުމެން އަމިއްލައަށް ބަލާ އާއި މުސީބާތްތައް ހޯދަންތޯ މިއުޅެނީ؟ ކޮންމެ ގޮތެއް ވިޔަސް ބައިނަލްއަގުވާމީ ގާނޫނުތައް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ދެއްތޯ. އެ ގަބޫލުނުކޮށް އެމެރިކާ އެ އުޅޭގޮތަށް އުޅެވޭނެ ގައުމެއް ނޫން އަޅުގަނޑުމެން [ރާއްޖެ] އަކީ،" ޔާމީން ވިދާޅުވި އެވެ.
"ދެން އެމެރިކާ އެއުޅެނީ ރަނގަޅަކަށް ނޫން. އެމެރިކާއިން އެ މީހުންގެ ބާރު މިވަގުތު އެހާ ބާރުގަދަވީމަ އެގޮތަށް އުޅެނީ. އެކަމަކު އެއީކީ ތަހުޒީބު މުޖުތަމައުގައި މީހުން އުޅޭގޮތެއް ނޫން."
ޔާމީން ވިދާޅުވީ، ފޯޅަވަހި ހޯދުމަކީ ކޮންމެ ހާލަތެއްގައި ވެސް ދިވެހިން ކުރަންޖެހޭ ކަމެއް ކަމަށާއި އެކަމަކު އެ މަސައްކަތުގައި ރާއްޖެއިން ފުރަތަމަ ކުރަންވީ ކަމަކީ، އިޓޮލްސްއަށް މައްސަލަ ހުށަހަޅައިގެން އެތަނުގައި "ޗެލެންޖު" ކުރުން ކަމަށެވެ.
ޔާމީން އިތުރަށް ވިދާޅުވީ، ހަނގުރާމެއް ފަށާ ނަމަ ނުވަތަ އެފަދަ ހާލަތަކަށްދާ ނަމަ ވެސް ގާނޫނުގައި އޮންނަ ގޮތަކީ މަޖީލީހަށް ހުށަހަޅައިގެން އެކަމާ މެދު ގޮތެއް ނިންުމުމަށް ކަމަށެވެ. އެއީ ރައީސްއަކަށް ހުންނަ ބޭފުޅާ ހަމަ އެކަމަށް ބޭނުންވާއިރަށް، ލިބިދޭ އިހުތިޔާރެއް ނޫން ކަމަށް ވިދާޅުވި އެވެ.
"ހަމަ ނިދާ ހޭލާފައި [ރައީސްގެ އަނބިކަނބަލުން] ސާޖިދާ [މުހައްމަދު] ނުވަތަ ރައީސް [މުހައްމަދު] މުއިއްޒަށް ހުވަފެނުން ފެނިގެން މަނަވަރެއް ފޮނުވައިގެން އަޅުގަނޑުމެންގެ އަވަށްޓެރިންނާއި މިގޮތަށް ތޮޅެންއުޅޭ އެއްޗެއް ނޫން. އެކަމެއް ނުވާނެ އެއީ ނުރައްކާތެރި ކަމެއް. އަޅުގަނޑުމެންގެ ރައްޔިތުންނަށް ހަމަ އުފުލަން އުނދަގޫވާވަރު ކަމެއް މިއީ އިނގޭތޯ. ފޯޅަވަހި ހޯދަންޏާ ދާންވީ ބައިނަލްއަގުވާމީ ކޯޓަށް، އިޓްލޮސްއަށް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ:
މިހާރު އެކަންކުރަން އުޅޭކަން ރައްޔިތުންނަށް ދައްކަން ސަރުކާރުން އުޅެނީ ކައުންސިލް އިންތިހާބު ބޯމަތިވެފައި އޮތުމުން
ދެ އަހަރުވެގެންދިޔައިރު އަޅާނުލި މައްސަލައެއް މިހާރު ހައްލުކުރަން އުޅުމުން އޭގައި ރަނގަޅު ނިޔަތެއް ނެތްކަން ދޭހަވޭ
އެ މަސައްކަތްކުރަން ސަރުކާރުން އިހުތިޔާރުކުރީ ވެސް ނުބައި މަގެއް
"މި ދާންޖެހޭނީ އަނެއްކާވެސް ހަމަ އިޓްލޮސްއަށް. އިޓްލޮސްއަށް ގޮސްފަ ގާނޫނީ ނެގޯޝިއޭޝަންތަކެއް ހަދާފަ އަނެއްކާވެސް ދުނިޔޭގެ ގާނޫނާ އެއްގޮތަށް އަޅުގަނޑުމެންނަށް ހިނގޭނީ. އަޅުގަނޑުމެންނަކީ އެމެރިކާއެއް ނޫން ދެއްތޯ،" ޔާމީން ވިދާޅުވި އެވެ.
ކަނޑު ހޯދަން އަވައްޓެރި ގައުމުތަކާ ޖައްސާލައިގެން ހަނގުރާމަކުރަން އުޅުމަކީ ނުރައްކާތެރި ކަމެއް: ޔާމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ