ރައްޔިތުންގެ މަޖިލީހުގައި ފޭދޫ ދާއިރާގެ ގޮނޑި 2009 ވަނަ އަހަރު އަލްހާން ފަހުމީ ކާމިޔާބް ކުރެއްވީ 13 ކެންޑިޓޭޓުންނާ ވާދަކޮށްގެންނެވެ.
އެ ފަހަރު ބޭއްވި މަޖިލީހުގެ އިންތިހާބަކީ އައްޑޫގެ އެހެން ދާއިރާތަަކަށް ބަލާ އިރު އެންމެ ގިނަ އަދަދަކަށް ފޭދޫން ކެންޑިޓޭޓުން ނިކުތް އިންތިހާބަށެވެ. އެ އިންތިހާބް ތަނަވަސް އަޢުލަބިއްޔަތަކުން އަލްހާން ކާމިޔާބް ކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވަރަށް ބޮޑަށް ސަނާ ކިޔުއްވައި، ޑީއާރްޕީ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ރައްޔިތުން އޭނާ އަށް ވޯޓް ދިނީ ވެސް ޑީއާރްޕީގެ ޓިކެޓްގައި ނިކުންނަވައި ވާދަ ކުރެއްވުމުންނެވެ.
އޭގެ މާނައަކީ އޭރު ޑީއާރްޕީ އަށް ފޭދޫގައި ބޮޑު ތާއީދެއް އޮތް ކަމެވެ. އެހެން ނޫން ނަމަ އެހެން ޕާޓީތަކުގެ ޓިކެޓްގައި ވާދަ ކުރެއްވި ކެންޑިޑޭޓުންނަށް ވެސް ގޮނޑި ކާމިޔާބް ކުރެއްވުނީހެވެ. ރައްޔިތުން އަލްހާން މަޖިލީހަށް އިންތިހާބް ކުރީ ރައްޔިތުންގެ އަޑު އަޑު އުފުލައި ދޭނެ، އިހުލާސްތެރި، ތެދުވެރި މަންދޫބަކަށް ވާނެ ކަމުގެ ވަރަށް ބޮޑު އުންމީދަކާ އެކުގަ އެވެ. އެ އިތުބާރާ އެކުގަ އެވެ.
އެހެން ނަމަވެސް މަޖިލީހުން މިހާތަނަށް ފެނުނު މަންޒަރުތަކަށް ބަލާ އިރު ފޭދޫ ދާއިރާ ގޮނޑިއަކީ އެންމެ މައްސަލަ ބޮޑު ގޮނޑި އެވެ. އެންމެ ގިނަ ފާޑުކިޔުންތައް އަމާޒުވާ ގޮނޑި އެވެ. އެ ގޮނޑި ފުރުއްވަން އިންނެވި މެމްބަރުގެ ފަރާތުން ރައްޔިތުންނަށް ފެންނަމުން ދަނީ ދެކެން ބޭނުންވި މަންޒަރުތަކެއް ނޫނެވެ. އައްޑޫގެ އެހެން ދާއިރާތަކުގެ ގޮނޑިތައް "ވިކިފައިވާ" ގޮނޑިއަކަށް ވެގެން އުޅޭ ތަނެއް ނުފެނެ އެވެ. އެ ދާއިރާތަކުގެ މެމްބަރުން ވެސް ގޮނޑީގެ ސައްހަ ކަމާ ދޭތެރޭ ސުވާލު އުފައްދައި ވާހަކަ ދައްކާ އަޑެއް ވެސް ނީވެ އެވެ.
އެކަމަކު ފޭދޫ ގޮނޑިވެފައި ވަނީ "ކޮންޓްރަވާޝަލްތަކުން" ފުރިފައިވާ ގޮނޑި އަކަށެވެ. ހަގީގަތުގައި މައްސަލައަކަށް ވެގެން މި އުޅެނީ އެ ގޮނޑިއެއް ނޫނެވެ. ގޮނޑި އަށް ރައްޔިތުން ހޮވި މެމްބަރެވެ. އެ މެމްބަރު އިހުލާސްތެރިކަމާ ދޭތެެެރޭ ސުވާލު އުފެދިފައި ވަނީ އެވެ. އެ ގޮނޑީގެ ހުރުމަތާއި އަގަށް ވެސް ކިލަނބުކަން އައިސްފަައި ވަނީ އެވެ. އަލްހާންގެ ސަބަބުން ފޭދޫ ރައްޔިތުން ލިބުނީ ކޮން ފައިދާއެއްތޯ އެވެ؟ ޖުމްލަކޮށް މުޅި އައްޑު އަށް ލިބުނީ ކޮން ފައިދާއެއްތޯ އެވެ؟ ކެމްޕޭން ތެރޭގައި އޭނާ ބޭނުން ކުރެއްވި ޝިިއާރު ކަމަށްވާ "އަފިރިންގެ އަޑަ، އަފިރިން ބެނާލެކަށް"ތޯ މިހާތަނަށް ކަންތައް ކުރެއްވުނީ ހުދު އަލްހާން އަމިއްލަ އަށް ވެސް ބައްލަވަން ވެއްޖެ އެވެ.
އެއާ ހިލާފަށް އަލްހާންގެ ސަބަބުން ދާއިރާގެ ރައްޔިތުންނަށް ލިބެނީ ހަމަ ހަގީގަތުގައި ވެސް ހުތުރު ނަމެވެ. ރައްޔިތުންގެ އަޑު މަޖިލީހުގައި އުފުއްލައިވައި ނުދެވުނު ތާނގައި، އެ ގޮނޑިއަކީ "ސޭލް" އަަޅުވާފައިވާ ގޮނޑިއަކަށް އޮތީވެފަ އެވެ. ޑީއާރްޕީ ޓިކެޓްގައި މަޖިލީހަށް ވަޑައިގެން، އޭނާ ދެން ކުޅުއްވާ ތަން ފެންނަނީ އެ ގޮނޑި "ޓްރާންސްފާ މާކެޓްގައި ވިއްކަވާ" ތަނެވެ.
މި ސަބަބާ ހުރެ އަލްހާން ފޭދޫ ގޮނޑީގައި އިންނެވުމަކީ ވެސް މިވަގުތު މަސްލަހަތު އޮތް ކަމެެއް ކަމަށް ބައެއް މީހުން ގަބޫލެއް ނުކުރެ އެވެ. އެ ގޮނޑީގައި އިންނަވައިގެން ހަގީގަތުގައި އޭނާ މަސައްކަތް ކުރައްވަން ޖެހޭނީ އޭނާ އަށް ވޯޓް ދިން ރައްޔިތުންގެ ހައްގުގަ އެވެ. ފޭދޫ ރައްޔިތުންގެ ހައްގުގަ އެވެ. އެކަމަކު ރައްޔިތުން އެދޭ ގޮތާ ހިލާފަށް ގޮނޑި "ވިއްކަވަމުން" އޭނާ ގެންދަވަނީ ކޮން ހައިސިއްޔަތަކުންތޯ ބަލަން ބޭނުންވާ ކިތަންމެ ރައްޔިތުންނެއް އެބަ ތިއްބެވެ.
ފޭދޫ ރައްޔިތުންގެ މެމްބަރަކީ ގަދަރުވެރި، ރައްޔިތުން އިތުބާރު ކުރާ މެމްބަރަކަށް ވާން ޖެހެ އެވެ. މީހުންގެ މަލާމާތާއި ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހިފައިވާ އިހުލާސްތެރި ކަމެއް ނެތް މެމްބަރެއް ފޭދޫ ރައްޔިތުން ބޭނުމެއް ނެތެވެ. އެ ގޮނޑީއަކީ އެއްވެސް "އަގެއް ނެތް" ގޮނޑިއަކަށް ވާން ރައްޔިތުން ބޭނުމެއް ނުވާނެ އެެވެ.
އަލްހާންގެ ފަރާތުން މިހާތަނަށް ފެނިފައި ވަނީ ރައްޔިތުން ބޭނުންވި ކަންތައްތަކެއް ނޫނެވެ. އޭނާ ޑީއާރްޕީ ދޫކުރައްވައި އެމްޑީޕީ އަށް ވަޑަައިގެން، އެންމެ ފަހުން އެ ޕާޓީ ވެސް ދޫކުރައްވައި ޖުމްހޫރީ ޕާޓީ އަށް ވަޑައިގެންނެވީ އެވެ. އެކަމުގައި އޮތީ ކޮން ރައްޔިތެއްގެ ބަހެއްތޯ އެވެ؟ ރުހުމެއްތޯ އެވެ؟
ބައެއް މީހުން ބުނާ ގޮތުގައި އަލްހާން އެމްޑީޕީ އަށް ވަޑައިގެންނެވީ "ޖީބް ބަންޑުންވާ ވަރަށް ފައިސާ" ލިބިގެންނެވެ. އެހެންވެ އޭނާއަކީ ފައިސާ އަށް ވިކި ހުސްވެފައިވާ މެމްބަރެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރަ އެވެ. މި ސަބަބާ ހުރެ ބައެއް މީހުން އޭނާ ސިފަ ކުރަނީ "ޕްރީ ޕެއިޑެއް" ގެ ގޮތުގަ އެވެ. މާނައަކީ "ކްރެޑިޓް" ހުސްވުުމުން ކުރިއަށް ވުރެ ބޮޑު އަދަދަކުން "ރީޗާޖް" ކުރުމަށް އަނެއްކާ ވެސް ކުލަ ބަދަލު ކުރަނީ އެވެ. ވިކިފައިވާ މެމްބަރެއްގެ ގޮތުގައި އޭނާ ސިފަކޮށް ބައެއް މީހުން ސޯޝަލް މީޑިއާތަކުގައި އަލްހާން "ވިއްކާލަން" އީބޭ އަށް ވެސް ލައިގެން އުޅޭ ތަން ފެނެ އެވެ. މިއީ ހަގީގަތުގައި ފޭދޫ ރައްޔިތުން ލަދުވެތިވާ ކަމެކެވެ. މަޖިލީހުގެ ތަޅުލުމުގައި ކިތަންމެ ބާރަށް "އިއްޒަތްތެރި" އޭ ވިދާޅުވަމުން ގެންދެވިޔަސް މިފަދަ މެމްބަރަކާ މެދު ރައްޔިތުންގެ ހިތުގައި އޮންނާނީ ކޮން އިއްޒަތްތެރި ކަމެއްްތޯ އެވެ؟
އެމްޑީޕީ އަށް ވަޑައިގެން 500 އަހަރު ވަންދެން އެ ޕާޓީ ވެރިކަން ކުރާނެ ކަމުގެ ހުވަފެން ދެއްކުމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަލްހާން ސަނާ ކިއުއްވަމުން ގެންދެވި ތަން ވަރަށް ގިނަ ބަޔަކަށް ފެނިގެން ގޮސްފައިވާނެ އެވެ. އަދި 2011 ވަނަ އަހަރު އައްޑޫގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް އައްޑޫގައި ބެހެއްޓި މޮނިއުމަންޓްތަކުގެ މައްސަލަ ބޮޑު އިޝޫއަކަށް ވެގެން އުޅުނު އިރު ވެސް އަލްހާން ފެނިގެން ދިޔައީ "ގަދަބަސް" ވިދާޅުވަމުން ގެންދެވި ތަނެވެ.
"އެހެރީ ބަހައްޓާފައި" ކަމަށާއި "އަދިވެސް ބަހައްޓާނަން" ކަމަށް ވިދާޅުވެ ކަރުބުނޑުން އޭނާ ކިތަންމެ ފަހަރަކު ހަޅޭއްލަވާފައިވެ އެވެ. އޭނާ އެކަން އެގޮތަށް ކުރެއްވީ ކޮން ރައްޔިތުންތަކެއްގެ ބަހަކަށްތޯ އެވެ؟
އެމްޑީޕީ އަށް ފަހު ޖުމްހޫރީ ޕާޓީ އަށް ވަޑައިގެން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ވެސް އެތައް ގޮތަކުން ސަނާ ކިއުއްވައިފި އެވެ. އެ ހިސާބުން ނަޝީދަކީ "ބޮލުރޮނދި ކެނޑިފައިވާ" ހުދުމުހުތާރު ލީޑަރަކަށް ވެއްޖެ އެވެ. އޭނާއަކީ ގައުމެއްގެ ވެރިކަން ކުރެއްވޭ ވަރުގެ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ، އަލްހާން ވާހަކަ ދައްކަވަމުން ގެންދެވި އެވެ.
ޑީއާރްޕީގައި ހުންނެވި އިރު ކުރިން މައުމޫން ވަރެއް ނެތެވެ. އެމްޑީޕީ އަށް ވަޑައިގެންނުވުމުން ނަޝީދު ވަރެއް ހަމަ ނެތީ އެވެ. ހަމައެއާ އެކު ޖުމްހޫރީ ޕާޓީ އަށް ވަޑައިގަތުމުން ގާސިމް ވަރެއް ވެސް ހަމަ ނެތީ އެވެ. އަދި ރާއްޖޭގައި ވެރިކަން ކުރަން އެންމެ ގާބިލް އަދި ގައުމެއްް ތަރައްގީ ކުރެވޭ ވަރުގެ މީހަކަށް ހުންނެވީ އަލްހާންގެ ބަހުރުވައިން ނަމަ ގާސިމެވެ. އަދި ޖުމްހޫރީ ޕާޓީ 2013 ގެ ރިޔާސީ އިންތިހާބް، ފުރަތަމަ ބުރުން ބޮޑު ތަފާތަކުން ކާމިޔާބް ކުރާނެ އެވެ. މިއީ އަލްހާން ދުރުމީ އެޅުއްވުމުން މިހާރު ފެނިވަޑައިގަންނަވާ މަންޒަރުތަކެވެ. އެކަމަކު އޭނާ ދައްކަވާ ވާހަކަ މިހާރު ގަބޫލް ކުރާނީ ކާކުބާވަ އެވެ؟ އެމްޑީޕީ 500 އަހަރު ވެރިކަން ކުރާނެ ކަމަށް ވިދާޅުވީ މެމްބަރަކީ ވެސް ހަމަ މި އަލްހާނެވެ.
މިއީ އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކަވާ މީހުންގެ ފަރާތުން ފެންނަ އަމަލުތަކެވެ. އަލްހާންގެ ފަރާތުން މިހާތަނަށް ފެނިފައި ވަނީ މި ޑްރާމާ އެވެ.
އެހެންވެ ގިނަ ބަޔަކު ބުނަނީ އޭނާއަކީ ދެ އަނގައިން ވާހަކަ ދައްކަވާ "ދެ ފުއްކެހެރިއެއް" ކަމަށެވެ. އަމަލީ ގޮތުން ރައްްޔިތުންގެ ހައްގުގައި އެއްވެސް ކަމެެއް ނުކޮށް ދެވޭ ތާނގައި "އަނގައެއް" އޮތުމުން "އަނގަ ފުޅާ" ކުރަނީ އެވެ.
އެހެން ގޮތަކަށް ބުނާ ނަމަ ސިޔާސީ ގޮތުން އެއްވެސް ބުރަދަނެއް، އޮއްޓަރެއް އޭނާގެ ނެތީ އެވެ. އަލްހާން މުޅިން ވެސް ކުޅުއްވަނީ "ޑާޓީ ޕޮލިޓިކްސް" އެވެ. މަޖިލީސް ތެރެއިން އެ ކުޅިގަނޑު އެންމެ ބޮޑަށް، އެންމެ ހަޑިކޮށް ކުޅުއްވާ މެމްބަރަކީ އޭނާ ކަމަށް ގިނަ ބަޔަކު އިއްތިފާގު ވަނީ މިފަދަ ސަބަބުތަކާ ހެދި އެވެ. އުސޫލެއް ހަމައެއް ލަމައެއް ނެތީ އެވެ. ދާއިރާގެ އަގު ވައްޓާލަނީ އެވެ. ދާއިރާގެ ނަން ހަޑި ކުރަނީ އެވެ. މިއީ ރައްޔިތުން ކަންބޮޑުވާ މައްސަލައެކެވެ. ރައްޔިތުންގެ އިތުބާރެއް އޭނާގެ މައްޗަށް ނެތްކަން ފޭދޫ ރައްޔިތުންގެ ވާހަކަތަކުން ވަރަށް ސާފުކޮށް ދޭހަވެ އެވެ.
އެހެންވެ ގައުމީ ހަރަކާތުން މިހާރު ކުރިއަަށް ގެންދާ "ރައްޔިތުންގެ މަޖިލިސް އަނބުރާ ރައްޔިތުނަށް" ފަދަ ހަރަކާތްތަކުގެ ތެރެއިން ކަމަށް ވިޔަސް އަލްހާން ފަދަ މެމްބަރުން "ހަގީގީ މެމްބަރުންނަށް" ހަދަން ވެއްޖެ އެވެ. އެހެން ނޫން ނަމަ ދެން އޮންނަ އިންތިހާބެއްގައި ރައްޔިތުންގެ ގާތަށް ވަަޑައިގަންނަވަން ނުވިސްނަވާށެވެ. ރައްޔިތުން ވަރަށް ގާތުން އަލްހާންގެ އިހުލާސްތެރިކަން ދެކެފި އެވެ. އެކަން ހިތާ ދެކޮޅަށް ބަރުދާސްތު ވެސް ކޮށްފި އެވެ.
އެކަމަކު ދެން ފަހަރަކުން ރައްޔިތުން ގޮތެއް ނިންމާނީ މި ފަހަރު ކުރަން ޖެހުނު ހިތި ތަޖުރިބާ އިން އިބްރަތްތެރި ފިލާވަޅެއް ލިބިގަތުމާ އެކުގަ އެވެ.
އަލްހާނަށް ފޭދޫ ރައްޔިތުން އިތުބާރު ކުރޭތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ