ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ގާމުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވެއްޖެއެވެ. ހުޅުމާލެ 2ވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބެލެހެއްޓުން ސްޓެލްކޯއާ ރަސްމީކޮށް ހަވާލުކުރީ، މިދިޔަ މަހުގެ ތެރޭގައެވެ.
އިތުރު ވަމުން އަންނަ ހުޅުމާލޭ ފޭސް2ގެ އާބާދީއާ އެކަށޭނެ މިންވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.
ސްޓެލްކޯއިން ކުރިއަށްގެންދާ އެކި މަޝްރޫޢުތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި 20 މެގަވޮޓުގެ ޕަވަރ ހައުސްއެއް ގާއިމުކުރުމަށް މިހާރު އެ ކުންފުނިން ތައްޔާރުވަމުން އަންނަކަމަށެވެ.
"2028އަށް އަޅުގަނޑުމެންނަށް ޕްލޭންކުރެވިފަ މިއޮތީ މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ހުޅުމާލެ ފޭސް 2ގައި ގާއިމުކުރުމަށް މިހާރު ތައްޔާރުވަމުންދަނީ. 20 މެގެވޮޓުގެ ޕަވަރ ހައުސްއެއް ހުޅުމާލެ ފޭސް2ގައި ގާއިމުކުރުމުގެ މަސައްކަތް އެބަ ގެންދަން." ޑރ.ޢަލީ އަޒްވަރު ވިދާޅުވިއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކަރަންޓު ވިއުގަ އިތުރަށް ރަނގަޅު ކުރުމަށްޓަކައި މިހާރުވެސް ޓެކްނިކަލް މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. މިމަހުގެ 21އިން 31އަށް ކުރިއަށްގެންދާ މި މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ، އެކަށީގެންވާ ކަމެއްކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަޙައްދުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ސްޓެލްކޯއިން އަންނަނީ، މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ވަނީ، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ 50 މެގަވޮޓުގެ އިންޖީނުގޭގެ ޕަވަރ ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މީޑިއަމް ސްޕީޑް ޕަވަރ ހައުސްއެއް ގާއިމުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ