ސްކޭމް ގިނަ މައްސަލަތަކެއްގައި ތުހުމަތުވާ މީހަކު އަލުން ހައްޔަރުކޮށް، ބަންދަށް 20 ދުވަސް

ސްކޭމްގެ ގިނަ މައްސަލަތަކެއްގައި ތުހުމަތުވާ މީހަކު، އެފަދަ މައްސަލައެއްގައި އަލުން ހައްޔަރުކޮށްފިއެވެ. ކްރިމިނަލް ކޯޓުން އިއްޔެ ނެރެފައިވާ ބަންދު އަމުރެއްގައިވާ ގޮތުން، ސްކޭމްގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށްޓަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރިއިރު އޭނާއާ ދެކޮޅަށް ހުށަހަޅައިފައިވާ ހެކީގެ ތެރޭގައި، ފުލުހަށް މައްސަލަ ހުށަހެޅި ފަރާތުން ހިއްސާކޮށްފައިވާ ސްކްރީންޝޮޓްތަކާއި އޭނާގެ ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓިފިކެޓު ހިމެނޭ ކަމަށް ކޯޓު އަމުރުގައިވެއެވެ. ބިޒްނަސް ރަޖިސްޓްރީން ދައްކާ ގޮތުގައި އޭނާގެ ނަންމަތީ ދެ ކުންފުންޏެއް އޮވެއެވެ. ނަމަވެސް އެ ކުންފުނިތަކުގެ ދަށުގައި އެއްވެސް ވިޔަފާރިއެއް ނުވަތަ ވިޔަފާރީގެ ހުއްދައެއް އޮތް ކަމަށް ބިޒްނަސް ރަޖިސްޓްރީން ނުދައްކައެވެ. ކޯޓު އަމުރުގައިވާ ގޮތުން ފުލުހުން ވަނީ، ސްކޭމްގެ ކުށްތައް ތަކުރާރުނުކުރުމަށް އޭނާއަށް ތަކުރާރުކޮށް ނަސޭހަތް ދީފައެވެ. ނަމަވެސް އޭނާ އެ ބާވަތުގެ ކުށްތައް ތަކުރާރުކުރާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މިހާރު ވެސް އޭނާގެ މައްޗަށް ސްކޭމްގެ ގިނަ މައްސަލަތަކެއް ހުށަހެޅި ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އޭނާގެ ފަރާތުން ކޯޓުގައި ބުނީ އޭނާއަކީ ރަށުޕިކަޕު ވިއްކުމުގެ ވިޔަފާރިކުރާ ފަރާތެއް ކަމަށެވެ. https://sun.mv/224809 ކޯޓުން ވަނީ އޭނާ ދޫކޮށްލައިފި ނަމަ މުޖުތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމައި، އޭނާގެ ބަންދަށް 20 ދުވަސް ޖަހައިފައެވެ. ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގައި 36 މައްސަލައެއްގައި 365،626 ރުފިޔާ ގެއްލިފައިވެއެވެ. އެ މުއްދަތުގައި ފުލުހުންނަށް ހޯދިފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަނީ 117،439 ރުފިޔާ 50 ލާރިއެވެ. އަދި މި މަހު ކުރީކޮޅު 325،485 ރުފިޔާ ގެއްލިފައިވާއިރު، އެ މުއްދަތުގައި 195،934 ރުފިޔާ ހޯދައިފައިވާ ކަމަށް ވެސް އެ ތަފާސްހިސާބުތަކުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ