ރާއްޖެ-އިންޑިއާ އެފްޓީއޭގެ ސަބަބުން މެރިޓައިމް އިންޑަސްޓްރީއަށް ވެސް ފަހި ފުރުސަތުތަކެއް ލިބޭނެ: ސައީދު

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމުކުރުމަށް މަޝްވަރާ ކުރަމުން އަންނަ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އެފްޓީއޭ) ގެ ސަބަބުން ރާއްޖޭގެ މެރިޓައިމް އަދި ލޮޖިސްޓިކްސް ދާއިރާ އަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ފަހި ފުރުސަތުތަކެއް ހުޅުވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ޓްރޭޑް މިނިސްޓަ ޕިޔޫޝް ގޯޔަލްއާ އެކު އެ ގައުމުގައި ބޭއްވެވި އެފްޓީއޭގެ މަޝްވަރާތަކަށް ފަހު 'ވިއޮން' އަށް ދެއްވި އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުފުޅަށް ފަހު ދެ ގައުމުގެ ގުޅުން އާ އުސްމިނަކަށް ގޮސްފައިވާ ކަމަށެވެ. ރައީސް މުއިއްޒުގެ ދަތުރުފުޅުގެ ތެރެއިން ނިއު ދިއްލީ، މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވި ބިޒްނަސް ފޯރަމްތަކުގެ ސަބަބުން ދެ ގައުމުގެ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ ކަމަށް ވިދާޅުވި އެވެ.
"މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ކަސްޓަމްސްގެ މަރުހަލާތައް ލުއިވެ، ރެގިއުލޭޓަރީ އެއްބާރުލުން ވަރުގަދަވެ، ވިޔަފާރި އަށް ހުރި ހުރަސްތައް ކުޑަވެގެންދާނެ. މިކަމުގެ ސަބަބުން، ވިޔަފާރިކުރުމުގެ ހަރަދު ކުޑަވެ، ސަރަހައްދީ ސަޕްލައި ޗެއިންގެ ހިންގުން ހަރުދަނާވެ، ކަނޑުމަގުން ކުރެވޭ ވިޔަފާރިތަކަށާއި މެރިޓައިމް އިންޑަސްޓްރީ އަށް ފަހި މާހައުލެއް އުފެދިގެންދާނެ،" މެރިޓައިމް، ލޮޖިސްޓިކްސް އަދި ވިޔަފާރީގެ ދާއިރާއަށް ކުރާނެ އަސަރުތަކާ ބެހޭގޮތުން ސައީދު ވިދާޅުވި އެވެ.
މީގެ އިތުރުން، އިންޑިއާއާ އެކު މަޝްވަރާތައް ނިމިފައިވާ ބައިލޭޓަރަލް އިންވެސްޓްމަންޓް ޓްރީޓީ (ބީއައިޓީ) އަކީ ވެސް މި މަސައްކަތްތަކަށް ލިބޭނެ ބޮޑު ބާރެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މި މުއާހަދާގެ ސަބަބުން އިންވެސްޓްމަންޓްތަކަށް ޔަގީންކަން ބޮޑު، ސާފު އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާ އޮނިގަނޑެއް އޮންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި އިންޑިއާގެ ބޮޑެތި އިންވެސްޓަރުން ރާއްޖޭގެ މުހިންމު ދާއިރާތަކަށް، ހާއްސަކޮށް ލޮޖިސްޓިކްސް، ޓޫރިޒަމް، ސިއްހީ ދާއިރާ، ތައުލީމް، އިއާދަކުރަނިވި ހަކަތަ އަދި މެރިން އިންޑަސްޓްރީތަކަށް އިންވެސްޓްކުރުމުގައި މި ކަންކަމުގެ ސަބަބުން އިތުބާރު ބޮޑުވާނެ އެވެ.
"މިއީ ހަމައެކަނި ވިޔަފާރި އިތުރުކުރުމެއް ނޫން. މިއީ އަޅުގަނޑުމެންގެ އިގްތިސާދު ޑައިވާސިފައިކޮށް، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށާއި 'ވެލިއު-އެޑެޑް' ކަނޑުމަހުގެ އުފެއްދުންތަކަށް އާ މާކެޓްތަކެއް ހޯދުމަށް ލިބޭ ސްޓްރެޓީޖިކް ފުރުސަތެއް. މިކަމުގެ ސަބަބުން ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރަހައްދީ ވިއުގައާ މިހާރަށް ވުރެ ފައިދާ ހުރި ގޮތެއްގައި ގުޅާލެވޭނެ."
ރާއްޖޭގެ އިގްތިސާދުގައި ޑިޖިޓަލް ދާއިރާގެ ހިއްސާ 33 ޕަސެންޓަށް މަތިކުރުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ލަނޑުދަނޑި ހާސިލްކުރުމަށާއި ޓެކްނޮލޮޖީ އަށް ބިނާވެފައިވާ ޒަމާނީ އިގްތިސާދެއް ބިނާކުރުމަށް އިންޑިއާގެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ޓޫރިޒަމަށް ބާރުދިނުމުގެ ގޮތުން، ދެ ގައުމުގެ ދެމެދުގައި ވައިގެ މަގުން ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް ވެސް މަޝްވަރާކުރިކަން ވަޒީރު ފާހަގަކުރެއްވި އެވެ.
The most trusted news source in the Maldives
ސަރުކާރުގެ އަމާޒަކީ މި އެއްބަސްވުންތަކުގެ ބޭނުން ހިފައި، ރާއްޖެއަކީ ބޭރުން އަންނަ އިގްތިސާދީ ލޮޅުންތަކާ ކުރިމަތިލެވޭނެ، ޑައިވާސިފައި ކުރެވިފައިވާ އަދި ދުނިޔޭގެ ފެންވަރުގައި ވާދަވެރި އިގްތިސާދެއް އޮތް ގައުމަކަށް ހެދުން ކަމަށް ސައީދު ވިދާޅުވި އެވެ.
އިންޑިއާއާ އެކު އޮތް ޒަމާންވީ އިގްތިސާދީ ބައިވެރިވުން މިކަމުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ވަރުގަދަވާނެ ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
 ރާއްޖެ-އިންޑިއާގެ މިނިވަން ވިޔަފާރީގެ އެއްބަސްވުން (އައިއެމްއެފްޓީއޭ) މިއަހަރުގެ ތެރޭގައި އަމަލީގޮތުން ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ސައީދު ކުރިން ވަނީ ވިދާޅުވެފަ އެވެ. 
 ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި މި އެއްބަސްވުމުގެ މަޝްވަރާތައް ފަށަން ދެ ގައުމުން ނިންމިކަން އިއުލާނުކުރައްވާފައި ވާއިރު މިހާރު އަންނަނީ މިކަމާ ގުޅޭ ގޮތުން ދިވެހި ވިޔަފާރިވެރިންގެ ހިޔާލު ވެސް ހޯދަމުންނެވެ.  
ސާކް ގައުމުތަކުގެ މެދުގައި މިހާރު ވެސް ސައުތު އޭޝިއަން ފްރީ ޓްރޭޑް
އެގްރީމަންޓް (ސަފްޓާ) ގެ ނަމުގައި އެއްބަސްވުމެއް އޮވެ އެވެ. ނަމަވެސް
އެކި ސަބަބުތަކާ ހެދި އެއީ އެކަށީގެންވާ ވަރާ ގާތަށް ވެސް ތަންފީޒުކުރެވޭ
އެއްބަސްވުމެއް ނޫނެވެ. 
ރާއްޖެ އާއި ޗައިނާއާ ދެމެދު މިހާރު ވެސް މިނިވަން ވިޔަފާރީގެ
އެއްބަސްވުމެއް ހަދާފައިވާއިރު އިންޑިއާއާ އެކު ހަދާ އެއްބަސްވުމާ އެކު
ދުނިޔޭގެ އެންމެ ބޮޑު ދެ ކޮންސިއުމާ ބޭސްއާ އެކު މިނިވަން ވިޔަފާރީގެ
އެއްބަސްވުން ގާއިމުވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ