ސަލްމާންގެ ފިލްމު 'މާތުރަބޫމީ' ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފާނެ
ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާންގެ އާ ފިލްމު "މާތުރަބޫމީ: މޭ ވޯ ރެސްޓް އިން ޕީސް" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފާނެ ކަމަށް ފިލްމީ ރިޕޯޓުތަކުން ބުނެފިއެވެ. ބެލުންތެރިންގެ ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ސަލްމާންގެ މި ވަރުގަދަ އެކްޝަން ތުރިލާ ސިނަމާތަކަށް ގެންނަން ކުރިން ނިންމީ މި އަހަރުގެ އޭޕްރިލް މަހުގެ 17 ވަނަ ދުވަހަށެވެ. ނަމަވެސް ފިލްމުގެ މަންޒަރުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހި ފިލްމު ރިލީޒްކުރާ ތާރީޚު ވަނީ ފަސްކުރެވިފައެވެ. ސަލްމާން އަދި ބަތަލާ ޗިތުރަންދަގާ ސިންގް މުހިއްމު ރޯލްތަކުން ފެންނާނެ "މާތުރަބޫމީ" ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފާނެ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު މި ފިލްމު އިންޑިއާގެ ސެންސަރު ބޯޑުގައި ތާށިވެފައި އޮތް ކަމަށްވެސް މިދޭތެރެއިން ބައެއް މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް ފިލްމު ގެނެސްދޭ ސަލްމާން ޚާންގެ ކުންފުނި އެސްކޭ ފިލްމްސްއިން ނެރުނު ބަޔާނެއްގައި ވަނީ ސެންސަރު ބޯޑަށް ފިލްމު އަދި ހުށަނާޅާ ކަމަަށް ބުނެ، އެފަދަ ވާހަކަތައް ނުފެތެރުމަށް މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ. ބަތަލާ ޗިތުރަންދަގާ އަދި ސަލްމާން ޚާން ފިލްމު "މާތުރަބޫމީ"ގެ މަންޒަރެއްގައި--ފޮޓޯ/އިންޑިއާޓުޑޭ ސަލްމާން އަސްކަރީ އޮފިސަރެއްގެ ރޯލް ކުޅޭ ފިލްމު "މާތުރަބޫމީ"އަކީ ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ޑައިރެކްޓަރު އަޕޫރްވާ ލާކިއާ އުފައްދާ ފިލްމެކެވެ. މި ފިލްމުން އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020ގައި ހިނގި ކުރިމަތިލުންތަކެއް ދައްކުވައިދޭނެއެވެ. ސަލްމާން އާއި ބަތަލާ ޗިތުރަންދަގާގެ އިތުރުން މި ފިލްމުގެ މުހިއްމު ރޯލްތަކުން އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ތަރިން ފެންނާނެއެވެ. ސަލްމާން ޚާންގެ އެންމެފަހުން ރިލީޒްވި ފިލްމަކީ، މިދިޔަ އަހަރުގެ ފިޠުރު ޢީދުގައި ސިނަމާތަކަށް ގެނެސްދިން ފިލްމު "ސިކަންދަރު"އެވެ. ފިލްމު "މާތުރަބޫމީ" ރިލީޒްކުރާނެ ކަމަށް މީޑިއާތަކުން ބުނަމުން އައި ނަމަވެސް މިކަމާ ގުޅޭގޮތުން ފިލްމުގެ ޓީމުން މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ