ފަހަތުން އަރައި މިސްރު ބަލިކޮށް ވޯލްޑް ކަޕް ޗެމްޕިއަން އާޖެންޓީނާ ކުއާޓާ އަށް

އެޓްލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 7) - ދެ ގޯލު ފަހަތުން އަރައި 3-2 އިން މިސްރު ބަލިކޮށް ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ އިން މި ފަަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ. 
މި ފަހަރުގެ ވޯލްޑް ކަޕަށް އައިއިރު، މިސްރުން ވޯލްޑް ކަޕްގައި މޮޅެއް ވެސް ހޯދާފައިނުވެ އެވެ. އެކަމަކު، އެ ޓީމުން މި ވަނީ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން، އާޖެންޓީނާ ކައިރީގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ފަހު 10 މިނިޓާ ހަމައަށް ދެ ގޯލު ކުރީގައި އޮތް ނަމަވެސް، ފަހު ވަގުތު ތަޖުރިބާ ނެތުމާ އެކު މިސްރު ކެޓީ އެވެ. އަނެއްކޮޅުން، އާޖެންޓީނާ އިން ވަނީ މޮޅު ކުޅުމެއް ދައްކައި ނަތީޖާ އަނބުރާލައިފަ އެވެ. 
މިސްރުން މިރޭގެ މެޗުގެ 14 ވަނަ މިނިޓްގައި ވަނީ ލީޑުނަގައިފަ އެވެ. އެ ގޮތުން، މިސްރުގެ މަރްވާން އަޓިއާ ނެގި ހުރަހަކުން މި ލަނޑު ޖެހީ ޔާސީން އިބްރާހިމް އެވެ. މެޗުގެ 21 ވަނަ މިނިޓްގައި އާޖެންޓީނާ އަށް އެއްވަރުކޮށްދޭން ލިއޮނަލް މެސީ އަށް ލިބުނު ޕެނަލްޓީ އަކުން ފޮނުވާލި ބޯޅަ މިސްރުގެ ކީޕަރު، މުސްތަފާ ޝުބޭރު ވަނީ މަަތަކޮށްފަ އެވެ. 
އޭގެ ފަހުން، ފުރަަތަމަ ހާފުގައި އާޖެންޓީނާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތުގައި ހޫލިއަން އަލްވަރޭޒް އޭރިއާތެރެއިން ޖެހި ޝޮޓާއި، އަލެކްސިސް މެކް އަލިސްޓާ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު ޝުބޭރު ވަނީ މަތަކޮށްފަ އެވެ. 
ދެ ވަަނަ ހާފުގައި ކުޅެން އަރައި، މިސްރުން ކައުންޓަ އެޓޭކުގައި 58 ވަަނަ މިނިޓްގައި ލަނޑު ޖެހި އެވެ. މިސްރުގެ ކެޕްޓަން، މުހައްމަދު ސަލާހު ދިން ބޯޅައަކުން ޒީކޯ މި ގޯލު ޖެހިއިރު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި ނިންމީ ގޯލެއް ނޫން ކަމަށެވެ. އެއީ، އާޖެންޓީނާގެ ލިސަންދްރޯ މާޓީނޭޒަށް މިސްރުގެ އަޓިއާ ފައުލެއް ކޮށްފައިވާތީ އެވެ. އެ ގޯލު ބަލައިނުގަތް ނަމަވެސް، އޭގެ ހަތް މިނިޓް ފަހުން، ކައުންޓަ އެޓޭކުގައި ޒީކޯ ވަނީ ގޯލެއް ޖަހައި، މިސްރަށް ދެ ގޯލުގެ ލީޑެއް ނަގައިދީފަ އެވެ. މި ލަނޑު ޖެހީ، ހައިސަމް ހަސަން ދިން ބޯޅައަކުންނެވެ. 
އާޖެންޓީނާ އިން އެއްވަރުކުރީ ހަތަރު މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. އެ ގޮތުން، 79 ވަނަ މިނިޓްގައި މެސީ ނެގި ހުރަހަކުން އާޖެންޓިނާގެ ފުރަތަމަ ލަނޑު ޖެހީ، ކްރިސްޓިއަން ރޮމެރޯ ބޮލުންނެވެ. އަދި، އޭގެ ތިން މިނިޓް ފަހުން، އޭރިއާތެެރެއިން، މެސީ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނީ ކީޕަރު ޝުބޭރު އަތުގައި ޖެހިފައި، ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ. 
އޭގެ ފަހުން، އިތުރު ވަގުތުގެ ތެރޭގައި، ލައުޓާރޯ މާޓީނޭޒް ނެގި ހުރަހަކަށް އަރައި އެންޒޯ ފެނާންޑޭޒް ބޮލުން ގޯލެއް ޖަހައި، އާޖެންޓީނާ މޮޅުކޮށްދިނީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ