މިސްރު ދެ ލަނޑު ޖަހާފައި އޮއްވާ ފަހަތުން އަރާ އާޖެންޓީނާ މޮޅުވެއްޖެ

ލިއޮނެލް މެސީގެ އާޖެންޓީނާއަކީ އަދި އެހެން ހިތްދަރު ދެރަކޮށް، ގުޑުން ގެނެވޭނެ ބައެއް ނޫންކަން، ދެ ލަނޑު ޖަހައި ކުރީގައި އޮތް މިސްރު 3-2އިން ބަލިކޮށް ދުނިޔެއަށް މިރޭ ސާބިތުކޮށްދީފި އެވެ.
މިއީ މި ދެ ޓީމު ވޯލްޑް ކަޕްގައި ބައްދަލުކުރި ފުރަތަމަ މެޗެވެ.
ފުރަތަމަ ހާފުގައި ޔާސިރު އިބްރާހިމް ޖެހި ލަނޑާއި 67 ވަނަ މިނިޓްގައި މުސްތަފާ ޒަކީ އަބްދުލްރައުފް، ފުޓްބޯޅައިގެ މަޝްހޫރު ނަމުން ނަމަ، ޒިކޯގެ ހިތްގައިމު ލަނޑުން މިސްރު މިސްރާބު ޖެހީ މި ވޯލްޑް ކަޕްގެ އެންމެ ބޮޑު ހައިރާންކަމާ ދިމާލަށެވެ.
ނަމަވެސް މެޗުގެ ފަހު 11 މިނިޓްގައި އާޖެންޓީނާ ދުނިޔެއަށް ދައްކައިދިނީ، ވޯލްޑް ކަޕްެގެ ޗެމްޕިއަނުންގެ އުއްމީދު އެންމެ ފަހު ވަގުތާ ހަމައަށް ވެސް މަރުނުވާނެ ކަމެވެ. އެ އުއްމީދު ދިރިގެން އައީ ކްރިސްޓިއަން ރޮމޭރޯ ބޮލުން ޖަހާލި ރީތި ލަނޑުން 79 ވަނަ މިނިޓްގަ އެވެ.
ދެން އައީ މެސީގެ ޖާދުލުގެ ވަގުތުކޮޅެވެ. އެއީ 83 ވަނަ މިނިޓެވެ. މިސްރުގެ ވަރުގަދަ ދިފާއީ ކުޅުންތެރިންނާއި އެހެން ކުޅުންތެރިން އޭރިޔާ ތެރޭގައި ބޮނޑިވެފައި އޮތް ވަގުތު ފަޔަށް ތިރިވި ބޯޅަ މެސީ ފޮނުވާލިލެއް އަވަސްކަމުން، މިސްރުގެ ކީޕަރު މުސްތަފާ ޝޮބީރަށް މަތައެއް ނުކުރެވުނެވެ. ފުރަތަމަ ހާފުގައި މެސީގެ ޕެނެލްޓީގެ އިތުރުން އެތައް ހަމަލާއެއް ދިފާއުކުރި ކީޕަރުގެ އަތުގައި ޖެހިފައި ވަނީ ގޯލަށެވެ. 
މުހައްމަދު ސަލާހުގެ ކެޕްޓަންކަމުގައި ކުޅެމުން އައި މިސްރުގެ ހިތް ހަލާކުވީ އިތުރު ވަގުތުގެ ދެވަނަ މިނިޓްގައި އެންޒޯ ފެނާންޑެޒް ބޮލުން ޖަހާ ވައްދާލި ތިން ވަނަ ލަނޑުންނެވެ. ލައުޓާރޯ މާޓިނޭޒްގެ ހިތްގައިމު ހުރަސް ފެނާންޑެޒްގެ ބޮލަށް އޮއްސުނު އިރު މިސްރުގެ ދިފާއު އޮތީ، އަނެއްކާވެސް، ބޮއްސުން ލައިފަ އެވެ.
މިއީ މެސީއަށް ތާރީހީ ރެއެކެވެ. އޭނާގެ ލަނޑާ އެކު މި ވޯލްޑް ކަޕްްގައި އަށް ލަނޑު ޖަހައި ރަން ބޫޓާ އެންމެ ކައިރިއަށް ޖެހިލި އެވެ. އަދި މިއީ ވޯލްޑް ކަޕްގައި ޖެހިޖެހިގެން ނުވަވަނަ މެޗުގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާ ވެސް މެ އެވެ.
މި ހިތްދަތިކަމުގައި މިސްރު ބަލިވިޔަސް އެ ޓީމަށް މިއީ އެންމެ ކާމިޔާބު ވޯލްޑް ކަޕް ވެސް މެ އެވެ. ވޯލްޑް ކަޕްގެ މެޗަކުން 92 އަހަރުގެ ތެރޭގައި ފުރަތަމަ މޮޅުވީ ވެސް މި މުބާރާތުގަ އެވެ. ނޮކްއައުޓް ސްޓޭޖަށް ފުރަތަމަ ދިޔައީ ވެސް މި މުބާރާތުގަ އެވެ.
ކްއާޓާ ފައިނަލްގައި އާޖެންޓީނާ ބައްދަލުކުރާނީ މިރޭ ދެން ކުޅޭ ސްވިޓްޒަލެންޑާއި ކޮލަމްބިއާ މެޗުން މޮޅުވާ ބަޔަކާ، 11 ޖުލައިގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ