ކިލޯއަކަށް ވުރެ ގިނަ ޑްރަގްސް އެތެރެކުރި މައްސަލައެއްގައި ޖެމެއިކާ މީހަކާއި ދެ ދިވެއްސަކު ހައްޔަރުކޮށްފި

ރާއްޖެ އަށް ވައިގެމަގުން ކިލޯއަކަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ޖެމެއިކާގެ މީހެއް ކަމަށްވާ އެންޑްރޫ ލޮއިޑް ކޯބިން، 53 އާއި ނ. ޅޮހި، ނޯރައިޓްގެ، އިބްރާހީމް އަތޫފް، 2، އާއި އިތުރު ދިވެއްސެކެވެ. ތިންވަނަ މީހާ ޝަރުތުކުރުމަށް ފަހު ކޯޓުން ދޫކޮށްލާފައި ވާތީ ފުލުހުން އޭނާގެ ނަމެއް އާންމެއް ނުކުރެ އެވެ. 
ފުލުހުން ބުނީ އެމީހުންގެ ތެރެއިން އެންޑްރޫ ލޮއިޑް ކޯބިން ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު ވައިގެމަގުން އޭނާ ރާއްޖެ އައިއިރު ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް އިން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ކަމަށެވެ. 
އިބްރާހީމް އަތޫފާއި އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ އެންޑްރޫ ލޮއިޑް ކޯބިންއާ ބައިވެރިވެގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭތީ، ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މިދިޔަ ހޯމަ ދުވަހު ހުޅުމާލެއިން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުުކުރުމުން އެންޑްރޫ ލޮއިޑް ކޯބިން އާއި އިބްރާހީމް އަތޫފް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި އަނެއް މީހާއަށް ކޯޓުން ޝަރުތުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. 
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، އަތޫފް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަން އުޅުނު ވަގުތު އޭނާގެ އަތުގައި ހުރި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރި ކޮތަޅު ހޫރާލައި، އޭނާއާ ހެއްކާ ދެމެދު އޮތް ގުޅުން ނެތިކޮށްލަން މަސައްކަތްކޮށްފައިވެ އެވެ. 
މި މައްސަލާގައި ހައްޔަރުކުރި ދެވަނަ ދިވެހި މީހާ ޝަރުތުކޮށް ކޯޓުން ދޫކޮށްލީ އޭނާގެ ޕާސްޕޯޓު ހިފަހައްޓައި، ރަށުން ބޭރަށް ދިއުން މަނާކުރުމަށް ފަހުގަ އެވެ. 
ވައިގެމަގުން އެތެރެކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި މިދިޔަ މަހާއި މި މަހު ވެސް ކަސްޓަމްސް އިން ވަނީ އަތުލައިގެންފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ