ޑޯނިއާ ފްލައިޓް ރާއްޖެ އައުމުން އުމަރު ކަންބޮޑުވެއްޖެ

އިންޑިއާއިން ރާއްޖެއަށް ޑޯނިއާ ފްލައިޓެއް ހަދިޔާކުރުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މި ޑޯނިއާ ފްލައިޓު މިއަދު ރާއްޖެ އައިސްފައިވާއިރު އުމަރު ވިދާޅުވީ މިއަދަކީ ކަޅު ދުވަހެއް ކަމަށާއި މި ނުރައްކަލުގެ ވާހަކަ ދައްކަން ފެށިއިރު މިކަން ޤަބޫލު ނުކޮށް ތިއްބެވި ފަރާތްތަކަށް މިވަމުންދާ ގޮތް މިހާރު އިހުސާސް ކުރެވޭނެ ކަމަށް ހީކުރާ ކަމަށެވެ.
"ހަދިޔާ އެއް ދޭން އައި މީހުން، 8 އަހަރުވީއިރު 3 އުޅަދާ 200 ސިފައިންނަށް ބަދަލުވީ. ކިތަންމެ ބައިވަރު ތިއްބަސް އިރާދަ ކުރެއްވިއްޔާ ބާލާނަން" އުމަރު ވިދާޅުވިއެވެ.
އެމްއެންޑީއެފުން ބުނީ މި މަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށާއި، ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ.
އަދި މި ފްލައިޓުގެ ސަބަބުން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމުގައާއި، ކަނޑުމަތީގައި ހިންގޭ ޤަވާޢިދާޚިލާފު ކަންތައްތައް ހުއްޓުވުމުގައާއި، ކަނޑުމަތީގައި ދިމާވާ ތަފާތު ނުރައްކާތެރި ހާދިޘާތަކަށް ރިއެކްޓްކުރުމުގައި އަދި ދިވެހި ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، އެމްއެންޑީއެފްގެ ޤާބިލްކަން މިހާރަށްވުރެ އިތުރުވެގެންދާނެ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މި ފްލައިޓު ރާއްޖޭގައި އުދުހޭނީ ރާއްޖޭގެ ދިދައާއި ކުލަތަކާއެކު، އެމްއެންޑީއެފްގެ ޕައިލެޓުން ވެސް ޙަރަކާތްތެރިވާ ގޮތަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ