'ޖަލުގައި ބަޑި ޖެހީ ރައީސް މައުމޫނު އަމުރު ކުރައްވައިގެންނެއް ނޫން'

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ސިފައިން ބަޑި ޖަހައި ގައިދީންތަކެއް މަރާލި ހާދިސާގައި، ގައިދީންނާއި ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރައްވަން ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް އަމުރު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
އުމުރުން 17 އަހަރުގައި ޖަލުގައި ލިބުނު އަނިޔާތަކެއްގެ ސަބަބުން މަރުވި އީވާން ނަސީމުގެ މަރަށް އިއްޔެ 17 އަހަރު ފުރުމާއި ގުޅިގެން އެދުވަސްވަރު ޖަލުގައި ހިންގި ހަމަނުޖެހުތަކާއި ގުޅިގެން އެމްޑީޕީއިން ވަނީ އަނެއްކާވެސް އެމައްސަލަ ބެލުމަށް ގޮވާލައި ބަޔާނެއް ނެރެފަ އެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އޭރު ރައީސަކަށް ހުންނެވި މައުމޫނަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރައްވައިފަ އެވެ.
މިމައްސަލައިގައި ޓުވިޓާގައި ހޫނު ބަހުސްތަކެއް ކުރިއަށްދާ މި ދަނޑިވަޅުގައި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުގައި ބަޑި ޖެހީ ކޮމާންޑާ އިން ޗީފްގެ އޯޑަރަށް ކަމަށެވެ. އޭރު ކޮމާންޑާ އިން ޗީފަކީ ރައީސް މައުމޫނެވެ.
މި ޓުވީޓަށް ރައްދު ދެއްވަމުން އޭރު ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ އޮފިސަރެއްގެ ގޮތުގައި ހުންނެވި އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވީ އެވާހަކަތަކަކީ ބުހުތާނު ދޮގު ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރަކަށް ހުންނަވައި ނިހާދަށް އެނގިނުލައްވާ ކަންކަމުގައި އިލްޒާމު އަޅުވަން ނުވާނެ ކަމަށް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވިއެވެ.
"އެ ދުވަހު އޭރު އެންއެސްސް ގެ ޑިއުޓީ އޮފިސަރަކަށް، ކަން ދިމާވި ގޮތުން ހުރީ އަޅުގަނޑު. ރައީސް މައުމޫނު އެއްވެސް އަމުރުފުޅެއް ނުކުރައްވާ އިންޓިމޭޓް އިންނާ ދެކޮޅަށް ލީތަލް ހަތިޔާރު ބޭނުން ކުރަން"
- ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ
މީގެ އިތުރުން އޭނާ ކުރެއްވި އިތުރު ޓުވީޓެއްގައި ވިދާޅުވީ 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު 19 ގެ ހާދިސާ ވަނީ ތަހުގީގު ކުރެވިފައި ކަމަށާއި، އެ ބަޔާންތައް ޕީޖީ އޮފީހުގައިވެސް ހުންނާނެ ކަމަށެވެ. އަދި ކުށްވެރިވި މީހުންނަށް ވަނީ ފިޔަވަޅު އަޅާފައި ކަމަށާއި އެ ހުރިހާ މައްސަލަތަކެއް ޓުވިޓާގައި ޑިސްކަސް ކުރައްވަން ބޭނުންވެ ނުލައްވާ ކަމަށްވެސް އިބްރާހިމް މުހައްމަދު ދީދީ ވިދާޅުވިއެވެ.
މި ޓުވީޓުތައް ރީޓުވީޓު ކުރައްވަމުން ރައީސް މައުމޫނު ވަނީ ހަގީގަތް ހާމަ ކުރެއްވީތީ އިބްރާހިމް މުހައްމަދު ދީދީ އަށް ޝުކުރު ދަންނަވައިފަ އެވެ.
Twitter Embeded
އީވާން ނަސީމްގެ މަރުގެ މައްސަލައާއި ގުޅިގެން 12 މީހެއްގެ މައްޗަށް ދައުލަތުން މީގެ ކުރިން ދައުވާ ކުރިއެވެ. އޭގެ ތެރެއިން އީވާން ނަސީމް މަރާލުމުގެ ކުށް ސާބިތުވެގެން 8 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވެއެވެ. އަދި އޭނާ މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވެގެން އެކަކުގެ މައްޗަށް ޖިނާއީ ކޯޓުން ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ