ސުޕްރީމް ކޯޓުގެ ތާރީޚުގައި އެންމެ ގިނަ މައްސަލަ ބެލިފައިވަނީ މިއަހަރު - އުއްތަމަ ފަޑިޔާރު

ސުޕްރީމް ކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރަކީ މިހިނގާ 2020 ވަނަ އަހަރުކަމުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ. ސުޕްރީކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތުގައި ވީޑިއޯ މެދުވެރިކޮށް ދެއްވި ޚިތާބުގައި ކޯޓުގެ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށާ، އަދި ޝަރުޢީ ދާއިރާގެ އެންމެހައި ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނުވަނީ މަރުޙަބާ ދަންނަވާފައެވެ.
އުއްތަމަ ފަނޑިޔާރުގެ ޚިޠާބުގައި، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން މިހާރު ޤައުމަށް ކުރިމަތިވެފައިވާ ހާލަތުގައިވެސް، ފަނޑިޔާރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެކީ، ސުޕްރީމް ކޯޓުން ފޯރުކޮށްދޭންޖެހޭ ޢަދުލު އިންޞާފުގެ ޚިދުމަތްތައް މެދުކެނޑުމެންނެތި ކުރިއަށް ގެންދިއުމުގެ މަސައްކަތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ޒަމާނީ ވަސީލަތްތަކުގެ ޒަރިއްޔާއިން ކުރިއަށް ގެންދިއުމާގުޅޭ ގަވާއިދެއް އެކުވަލާވާލެވި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް މިހާރު ކުރިއަށް ގެންދަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ލައިވްކޮށް ކުރިއަށް ގެންދެވޭ ޝަރީޢަތްތަކެއްގެ ގޮތުގައިކަންވެސް އެ މަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އައު ދައުރުގެ މަސައްކަތްތަކުގެ ނަތީޖާތަކަށް އަލިއަޅުއްވާލައްވަމުން، ފާއިތުވެދިޔަ 12 އަހަރު ދުވަހުގެ ތަފާސް ހިސާބުތަކާ އަޅާ ބަލާއިރު ހިނގަމުން މިދާ 2020 ވަނަ އަހަރަކީ ސުޕްރީމް ކޯޓުގެ ޙަޔާތުގައި އެންމެ ގިނަ މައްސަލަތައް ތާވަލުކުރެވި އެންމެ ގިނަ އަޑުއެހުންތައް ބޭއްވުނު އަހަރުކަންވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
އެގޮތުން، ފާއިތުވި އަހަރުގެ ސެޕްޓެމްބަރު 18 އިން މިއަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ބާއްވާފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ. އަދި، ވޭތުވެ ދިޔަ 11 އަހަރުގެ ތެރޭގައި ނިންމުނު މައްސަލައިގެ އެވްރެޖަކީ 24 ކަމާއި، މި ނިމިދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ޙުކުމް ކުރެވިފައިވާކަމާއި، އަދި ސުޕްރީމް ކޯޓަށް ބަލައިގަތުމާމެދު 13 މައްސަލައެއްގައި ގޮތް ނިންމައި، 05 މައްސަލައެއް އިޖުރާއީގޮތުން ބަލާފައިވާކަމާއި، މިއީ، ކުރީ އަހަރުތަކުގެ އެވްރެޖާ އަޅާ ބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއްކަން އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
އުއްތަމަ ފަނޑިޔާރުގެ ޚިޠާބު ނިންމަވާލައްވަމުން ޤައުމަށް ކުރިމަތިވެފައިމިވާ ކޯވިޑް-19 ގެ ދަތި ދަނޑިވަޅުގައި މިފަދަ ފުރިހަމަ ނަތީޖާއެއް ޙާސިލުކުރުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް އެ މަނިކުފާނު ވަނީ ޚާއްޞަ ޝުކުރެއް ދަންނަވާފައެވެ. އަދި މީގެއިތުރުން، މި މަސައްކަތްތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޝަރުޢީ ކޯޓުތަކާއި، ދައުލަތުގެ އިދާރާތަކުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކޮށް އެފަރާތްތަކަށްވެސް އެ މަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ