މާލޭގެ ގެސްޓުހައުސްތައް ހުޅުވޭނީ ޕޮޒިޓިވް އަދަދު ފަސް ޕަސެންޓަށް ދަށްވެގެން
މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ނޮވެމްބަރު މަހު ހުޅުވޭނީ ކޮވިޑް 19 އަށް ޓެސްޓް ކުރާ މީހުންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ ޕަސެންޓޭޖް ވިދިވިދިގެން ދެ ހަފްތާ ވަންދެން ފަހަކަށް ދަށް ކުރެވިގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމު ވިދާޅުވެއްޖެ އެވެ. މާލެ ސަރަހައްދު ފިޔަވާ އެހެން ރަށްރަށުގެ ގެސްޓުހައުސްތައް އަންނަ މަހުގެ 15 ގައި ހުޅުވަން ވަނީ ނިންމައިފަ އެވެ. https://twitter.com/Mausoom_Maus/status/1306325526592724992 މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގެ ހޮޓެލްތަކާއި ގެސްޓްހައުސްތައް ނޮވެމްބަރު މަހުގެ ކުރީކޮޅު ހުޅުވޭވަރު ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. "ބޭނުންވަނީ ފައްސި ޕަސެންޓޭޖު ފަހަކަށް ނާރުވާ، ވިދިވިދިގެން ދެ ހަފްތާ. ޔައުނީ ޓެސްޓު ކުރާ މީހުންގެ ނިސްބަތުން ފައްސި ޕަސެންޓޭޖު ފަހަކަށްވުރެ ދަށްވުން،" މިނިސްޓަރު ވިދާޅުވި އެވެ. މާލެ ސަރަހައްދުގައި ކޮވިޑް19 ގެ ކޮމިޔުނިޓީ ސްޕްރެޑެއް އޮތްއިރު ފާއިތުވި 24 ގަޑިއިރު ތެރޭ ބައްޔަށް ޕޮޒިޓިވްވި 99 މީހުންގެ ތެރެއިން 92 މީހަކު ޕޮޒިޓިވްވީ މާލެ ސަރަހައްދުންނެވެ. ރާއްޖެއިން ޖުމްލަ 9،427 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެ ބައްޔަށް ފަރުވާ ހޯދާ 1،485 މީހަކު އެބަތިއްބެވެ. ބަލިން ރަނގަޅުވީ 7،903 މީހުންނެވެ. ބަލީގައި 33 މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވަނީ ބޮޑު އަސަރެއް ކޮށްފައެވެ. ޖުލައި މަހުގެ 15 ގައި ބޯޑަރު ހުޅުވާލަ ރިސޯޓު ތަކާއި ސަފާރީތައް އޮޕަރޭޓު ކުރަން ވަނީ ހުއްދަ ދީފަ އެވެ. އަދި މާލެ ސަރަހައްދުގެ ބައެއް ގެސްޓުހައުސް އަދި ހޮޓާތަކަށް ޓްރާންސިޓް ފެސިލިޓީތަކުގެ ގޮތުގައި ހިންގުމަށް ހުއްދަ ދީފައިވެ އެވެ. ރާއްޖެ އަންނަ ފަތުރުވެރިންނަށް ރާއްޖެ އެތެރެވުމަށް މިހާތު 72 ގަޑިއިރު ހަމަނުވާ ކޮވިޑް ނެގެޓިވް ޓެސްޓު ރެޒަލްޓެއް ބޭނުންވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ