2017ގައި ރާއްޖޭގެ ސިއްހީ ކަންކަމަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރި

2017 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ދާއިރާގެ ކަންކަމަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ހާމަވެއްޖެ އެވެ.
މިކަން ހާމަވެފައިވަނީ ރާއްޖޭގެ ސިއްހީ ކަންކަމަށް ކުރެވޭ ހޭދަ އަންދާޒާ ކުރުމަށާއި، ސިއްހީ ވަސީލަތްތައް ބެހިގެންދާ ގޮތް ދެނެގަތުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތުން އެކުލަވާލާފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް 2015-2017 ރިޕޯޓުންނެވެ.
އެގޮތުން 2017 ވަނަ އަހަރު ރާއްޖޭގެ ސިއްހީ ކަންކަމަށް 6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާއިރު މި ޚަރަދުތަކުގެ ތެރެއިން 77 އިންސައްތަ އަކީ ސަރުކާރުން ސިއްހަތަށް ކޮށްފައިވާ ޚަރަދުތަކެވެ. އަދި ސއްިހީ ޚަރަދުތަކުގެ 60 އިންސައްތަ ޑޮކްޓަރަށް ދެއްކުމަށް ހޭދަކޮށްފައިވާއިރު އެޑްމިޓްކުރުމަށް ހޭދަކޮށްފައިވަނީ 19 އިންސައްތަ އެވެ.
މީގެ އިތުރުން 2017ގައި ސަރުކާރުގެ ބަޖެޓުގެ 32.3 އިންސައްތަ ހޭދަކޮށްފައިވަނީ ސިއްހީ ދާއިރާ އަށެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގައި ސަރުކާރުގެ ބަޖެޓުން ސިއްހަތަށް ހޭދަކޮށްފައިވާ މިންވަރަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ރާއްޖެއިންނެވެ. މިއީ ސަރުކާރުން ސިއްހަތަށް ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ދުނިޔޭގެ އެކި ގައުމުތަކުން ބޭނުންކުރަމުން ގެންދާ ޚާއްސަ ފްރޭމްވޯކެއްގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މޯލްޑިވްސް ނޭޝަނަލް ހެލްތު އެކައުންޓްސް އަކީ މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގުޅިގެން މިފަދަ ރިޕޯޓެއް އެކުލަވާލައި ޝާއިއު ކުރެވުނު ތިންވަނަ ފަހަރެވެ.
މި ރިޕޯޓްގެ ހޯދުންތަކުގެ އަލީގައި ސިއްހީ ދާއިރާއަށް ކުރާ ހޭދަ އެންމެ އެދެވޭ ގޮތެއްގައި ބޭނުންކުރުމަށްޓަކައި މުހިއްމު ސިޔާސަތުތައް ކަނޑައެޅުމަށް މަގުފަހި ވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ