ގިނަ ފުރުސަތުތަކެއް ދިނުމަށްފަހު، އެފްއޭއެމުން ވިކްޓަރީ ސަސްޕެންޑްކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވިކްޓަރީ ސްޕޯޓްސް ކްލަބު ސަސްޕެންޑްކޮށްފިއެވެ.
ވިކްޓަރީ ސަސްޕެންޑް ކުރިކަން އެފްއޭއެމުން ނިންމާފައިވާކަން އެ އެސޯސިއޭޝަނުން އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ. ނަމަވެސް ވިކްޓަރީ ސަސްޕެންޑް ކުރިކަން އެފްއޭއެމްގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފައެވެ. އެނގިފައިވާ ގޮތުގައި ވިކްޓަރީ ސަސްޕެންޑްކޮށްފައި މިވަނީ އެކްލަބަށް ދިން ފަހު ފުރުސަތުގައި އެންގި އެންގުންތަކާ އެއްގޮތަށް އަމަލުނުކުރުމުންނެވެ.
ވިކްޓަރީ ސަސްޕެންޑް ކުރުމުން އެކްލަބަށް ދިވެހި ޕްރިމިއާ ލީގުގެ ކުރިއަށް ހުރި މެޗުތަކުގައި ވާދައެއް ނުކުރެވޭނެއެވެ. ސައުތު އޭޝިއަން ގޭމްސްއަށް ފަހު، ލީގުގެ މެޗުތައް އަލުން ފެށުމަށް ހަމަޖައްސާފައިވަނީ އަންނަ ހޯމަ ދުވަހުއެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކަށް ހާޒިރުނުވާ މައްސަލައާއި ކުޅުންތެރިންނާއި ކޯޗުންނަށް މުސާރަ ނުދޭ މައްސަލަ އަދި ކްލަބު ލައިސަންސިން މައްސަލައާ ގުޅިގެން ވިކްޓަރީ ސަސްޕެންޑްކޮށްފާނެ ކަމުގެ އިންޒާރު އެފްއޭއެމުން ވަނީ މިދިޔަ މަހުގެ ކުރީކޮޅު ދީފައެވެ.
އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން މިދިޔަ މަހުގެ ކުރީކޮޅު ބޭއްވި ބައްދަލުވުމުގައި އެ ކްލަބާ ދޭތެރޭ އަމަލުކުރާނެ ގޮތްތަކެއް ވަނީ ނިންމައިފައެވެ. އެގޮތުން ވަކި މުއްދަތެއްގެ ކުރިން ކުޅުންތެރިންނާއި ކޯޗުންގެ މުސާރައިގެ މައްސަލަ ހައްލުކުރުމަށް އެންގުމަށް ނިންމާފައިވެއެވެ.
ވިކްޓަރީގެ ކުޅުންތެރިންނާއި ކޯޗުން ހުށަހަޅާފައިވާ މުސާރަ ނުދޭ މައްސަލައާ ގުޅިގެން ކުޅުންތެރިންނާއި ކޯޗުންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ ފައިސާ މިދިޔަ މަހުގެ 15ގެ ކުރިން ދީ ހަލާސްކުރުމަށް އެފްއޭއެމް އިން ވަނީ އެ ކްލަބަށް އަންގައިފައެވެ. އެ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފި ނަމަ، އެފްއޭއެމްގެ އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެގްޒެކެޓިވް ކޮމިޓީއަށް ލިބިދޭ ބާރުގެ ދަށުން ވިކްޓަރީ ފުޓުބޯޅައިގެ ހުރިހާ ހަރަކާތަކުން ޕްރޮވިޝަނަލީ ސަސްޕެންޑްކުރާ ގޮތަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން ވިކްޓަރީން ކްލަބު ލައިސަންސްގެ ގަވާއިދާ ހިލާފުވެފައިވާތީ މިދިޔަ މަހުގެ 15ގެ ކުރިން ކްލަބު ލައިސަންސްގެ ހުރިހާ ކަމެއް ފުރިހަމަކުރުމަށް ވެސް އެކްލަބަށް އެފްއޭއެމް އިން ވަނީ އަންގައިފައެވެ.
ވިކްޓަރީން ލީގު މެޗުތަކަށް ހާޒިރުނުވާ މައްސަލައިގައި ތަކުރާރުކޮށް ފިޔަވަޅު އެޅުމުން ވެސް އެކަން އިސްލާހުވެފައިނުވާތީ، އެކްލަބަށް ކުޅުންތެރިން ނުގަނެވޭ ގޮތަށް ޓްރާންސްފާ ހުއްޓުވުމަށް އެފްއޭއެމް އިން މީގެ ކުރިން ވަނީ ނިންމައިފައެވެ. ވިކްޓަރީން މެޗުތަކަށް ހާޒިރުނުވާ މައްސަލައިގައި މީގެ ކުރިން އެފްއޭއެމް އިން ވަނީ ދެ ފަހަރެއްގެ މަތިން އެ ކްލަބަށް ފިޔަވަޅު އަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ