ކައުންސިލް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ޕީޕީއެމުން ނިންމައިފި

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ފަރާތުން ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައި، އިންތިހާބުގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.
އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީގެ ޖޮއިންޓު ކައުންސިލު ބައްދަލުވުމެއް ބާއްވައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅުގެ ކެންޑިޑޭޓުން ވާދަކުރާނީ ޕީޕީއެމްގެ ކެންޑިޑޭޓުންގެ ގޮތުގައި ކަމަށް ނިންމާފައިވާ ކަމަށެވެ.
"މި ޖޮއިންޓް ޕްރެސްއަށްފަހު، ދެ ޕާޓީގެ ކައުންސިލު ބައްދަލުވުމެއް ވަކިން ބޭއްވި. މި ބައްދަލުވުމުން ވެސް ނިމިގެން ދިޔައީ، ޕީޕީއެމްގެ ފަރާތުން ކުރިމަތިލާ ގޮތަށް، ޕީޕީއެމްގެ މެންބަރުން ހުރިހާ ދާއިރާއަކަށް ވެސް ކުރިމަތިލައި، އިރާދަކުރެއްވިއްޔާ ނެރޭގޮތަށް،" މުއިއްޒު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނީ މާދަމާއެވެ. އަދި ފުރުސަތު ބަންދުވާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ.
މުއިއްޒު ވިދާޅުވީ، އެކަކަށްވުރެ ގިނަ މީހުން ދާއިރާއަކަށް ކުރިމަތިލައިފިނަމަ، އެ ދާއިރާގެ ޓިކެޓް ދޭނެ ފަރާތެއް ނިންމާނީ ކުރިމަތިލި މެންބަރުންގެ މެދުގައި ބާއްވާ ޕްރައިމަރީ އަކަށްފަހުއެވެ. ޕްރައިމަރީ ބާއްވާނީ އަންނަ މަހުގެ 24 ވަނަ ދުވަހު ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ