މެމްބަރު ޝިޔާމް ޕީޖީ ޝަމީމަށް: ރައީސް ޔާމީނަށް ކުރި ދައުވާގެ ސައްހަކަން ކަށަވަރު ކޮށްދެއްވާ!

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ނުހައްގުން އިއްވާފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމާ ގުޅޭ ދައުވާގެ ސައްހަކަން މިއަދުގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންނެވި ހުސެއިން ޝަމީމް ކަށަވަރުކޮށްދިނުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.2023 ވަނަ އަހަރުގެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާގެ ސައްހަކަން މިހާރުގެ ޕީޖީ ހުސެއިން ޝަމީމް ޔަގީންކޮށްދެއްވަން ވާނެކަމަށެވެ. އޭނާ ވަނީ ޕީޖީ ޝަމީމް އެހެނިހެން ދައުވާތައް އުފުލިފައި ހުރީ ސައްހަކޮށްތޯ ބައްލަވާކަން ފާހަގަކުރައްވާފައެވެ. އަދި ރައީސް ޔާމީން މަނީ ލޯންޑާ ކުރިކަމަށް ބުނެ ދައުލަތުން އުފުލާފައިވާ ދައުވާވެސް ޕީޖީ ޝަމީމް އެހެނިހެން ދައުވާތަކާއި މެދު އަމަލު ކުރައްވާ ބީދައިން ބައްލަވައި، ގާނޫނީގޮތުން ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތަކަށް ރިއާޔަތް ކުރައްވައި ދައުވާކުރުމުގެ އުސޫލުތުތަކާއި ހަމަތަކަށް ފެތޭތޯ ބެއްލެވުމަށް ޝިޔާމް ގޮވާލެއްވިއެވެ."ޕީޖީ މިކަންކަން ރަނގަޅަށް ބައްލަވާ. އަޅުގަނޑުމެން އިތުބާރުކުރަން. އަޅުގަނޑުމެން މިއަދު މިހުންނެވި ޕީޖީއަށް އަޅުގަނޑުމެންގެ ފުރިހަމަ އިތުބާރު އޮތްކަން އެމަނިކުފާނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ." ޝިޔާމް ވިދާޅުވިއެވެ.ޝިޔާމް ވިދާޅުވިގޮތުގައި ސައްހަ ނޫން ދައުވާގެ މައްޗަށް ތަރުތީބު ކުރެވޭ ކޮންމެ ކަމަކީ އެއީ ހުކުމެއް ކަމަށް ވިޔަސް އެއީ ބާތިލް އެއްޗެކެވެ. އަދި ކޮންމެވެސް ދުވަހަކުން އިންސާފުވެރި. އަދުލުވެރި ލޯތަކަކުންނާއި އަތްތަކަކުން ސައްހަ ނޫން ދައުވާތަކާ ގުޅޭ ހުކުމްތަކަށް އިންސާފު ލިބިގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެހެން ކަމުން 2023 ވަނަ އަހަރުގެ އިދިކޮޅު ކެނޑިޑޭޓަކީ ރައީސް ޔާމީން ކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.ރައީސް ޔާމީންގެ މައްޗަށް އިއްވި 5 އަހަރުގެ ޖަލު ހުކުމަށް 40 ދުވަސް ވާން ކައިރިވެފައިވާއިރު އެމަނިކުފާނުގެ ގާނޫނީ ވަކީލުން ވަނީ ހުކުމް ކުރެވުނުތާ 72 ގަޑިއިރުގެ ތެރޭގައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އެހެން ނަމަވެސް އިސްތިއުނާފް އަޑުއެހުން އަދި އެ ކޯޓުން ތާވަލެއް ނުކުރެއެވެ. އެމަނިކުފާނުގެ ހުކުމުން 77 ނުކުތާއެއް ވަކީލުން ފާހަގަކޮށް އިސްތިއުނާފަށް ހުށައަޅާފައިވާއިރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މަގާމުން އެކަހެރި ކުރުމަށްފަހު އެ ކޯޓަށް އައްޔަން ކުރެވުނު ގާޟީ އަލީ ރަޝީދު ކުރެއްވި ހުކުމުގައި ބައެއް ލިޔެކިޔުންތަކުގައި ނެތް ކަންކަމަށް ހަވާލާދީފައިވެއެވެ. އެގޮތުން ރައީސް ޔާމީނަށް އޭސީސީއިން ފޮނުވި ސިޓީއެއްގައި ނުހިމެނޭ އެތައް ވާހަކަތަކެއް ހުކުމުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ