ވޮޝިންޓަން (ޖަނަވަރީ 22): ޚިޔާލާއި ފިކުރުގެ ގޮތުން ބައިބައިވެފައިވާ އެމެރިކާގެ ރައްޔިތުން އެއްބައިވެ އެކަތިގަނޑަކަށް ވުމަށް ރިޔާސީ އައު ދައުރަކަށް ހުވާކުރެއްވުމަށް ފަހު އެމެރިކާގެ ރައްޔިތުންނަށް ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.
އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކަމަށްވާ ކެޕިޓޯލް ޢިމާރާތުގެ ކުރިމަތީގައި އިއްޔެ ބޭއްވި އޮބާމާ ރިޔާސީ ދެ ވަނަ ދައުރަކަށް ހުވާކުރެއްވުމުގެ ދަރުބާރުގައި ގައުމާ މުޚާބަތު ކުރައްވައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ ޚިޔާލާއި ފިކުރުގެ ގޮތުން ބައިބައިވެފައިވާ އެމެރިކާގެ ރައްޔިތުން ވަނީ ވަރަށްބޮޑަށް ބައިބައިވެފައިވާ ކަމަށާއި ނަމަވެސް ރައްޔިތުން އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކޮށްގެން ބައިބައިވުންތައް ކުޑަކޮށް އެއްރައްޔިތެއްގެ ގޮތުގައި ދިރިއުޅެވިދާނެކަމުގަ އެވެ.
އޮބާމާގެ ޚިތާބުގައި ހަނގުރާމަ އާއި ތަޅާފޮޅުމުގެ ޒާމާން މިހާރު މާޒީވެފައިވާ ކަމަށްވިދާޅުވެ މިއީ އިޤްތިސާދު އެމެރިކާގެ އިޤްތިސާދު ރަނގަނޅުކޮށް ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށް ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް މަސައްކަތްކުރުމުގެ ދުވަސްވަރު ކަމަށް ސިފަކުރެއްވި އެވެ. ހަނގުރާމަތަކަށް ފަހު ހީނަރުވެގެންދިޔަ އެމެރިކާގެ އިޤްތިސާދަށް އާރޯކަމާއި ތާޒާކަން އަނެއްކާ ވެސް ލިބެމުންދާކަމަށް އެމެރިކާގެ އިޤްތިސާދުގެ ކުރިއެރުން ވަރަށް ހަރުދަނާކަމަށް ވިދާޅުވި އެވެ. އޮބާމާގެ ވާހަކާގައި އެމެރިކާގެ މުއްސަނދިކަމާއި ތަނަވަސްކަން މަދުޢަދަދެއްގެ ބައެއްގެ ކޮންޓްރޯލްގެ ދަށުގައިވާ ކަމަށް އިޝާރާތް ކުރައްވަމުން އެމެރިކާގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ މަދުބަޔަކު، އެމެރިކާގެ އާންމުރައްޔިތުންގެ ގިނަބަޔެއްގެ ކިބައިން ނާޖާއިޒު ފައިދާ ނެގޭގޮތަށް އެމެރިކާގެ އިޤްތިސާދީ ނިޒާމު އޮވެގެން އެމެރިކާ ބޭނުންވާ މަންޒިލް މަޤްސޫދަށް ވާސިލް ނުވެވޭނެ ކަމަށް ވިދާޅުވި އެވެ.
އެމެރިކާގައި މުއްސަނދިންނާއި ފަގީރުންގެ ތަފާތު ކުޑަކޮށް ތަނަވަސް މީހުންނަށް ނިކަމެތިންގެ ކިބައިން ނާޒާއިޒު ފައިދާ ނެގުމުގެ ފުރްސަތު ކުޑަކުރުމުގެ ގޮތުން ޓެކްސްގެ ނިޒާމު އިސްލާޙް ކުރަން ޖެހޭ ކަމަށާއި އެއީ ކުރިޔަށް އޮތް ހަތަރު އަހަރު އޭނާގެ ސަރުކާރުގެ މައި ޕްރޮގްރާމްގެ ތެރޭގައި ހިމެނޭ ކަމެއްކަމަށް އޮބާމާ ވިދާޅުވި އެވެ. އޮބާމާއާއި އޭނާގެ ނައިބު ޖޯޒެފް ބައިޑެން ވަނީ ވަކިވަކިން ބޭއްވި ކުޑަ ދެ ރަސްމިއްޔާތެއްގައި މިދިޔަ އާދީއްތަ ދުވަހު ރިޔާސީ ދެވަނަ ދައުރަކަށް ރައީސް ކަމުގެ ޤާނޫނީ ހުވާކުރައްވާފައެވެ. އިއްޔެ ކޮންގްރެސްގެ ޢިމާރާތުގެ ކުރިމަތީގައި ބޭއްވި ދަރުބާރެއްގައި އޮބާމާ ކުރެއްވި ހުވައަކީ ކުރިން ކުރައްވި ހުވާ ތަކުރާރު ކުރެއްވުމެކެވެ.
ކޮންގްރެސްގެ ޢިމާރާތުގެ ކުރިމަތީގައި ބޭއްވި އޮބާމާގެ ހުވާކުރެއްވުމުގެ ދަރުބާރަށް އެތަށްލައްކަބަޔަކު ޙާޒިރުވި އެވެ.
އެ ރަސްމިއްޔާތު ކުރިޔަށްދިޔައީ ކުޅިވަރުގެ ބައެއް އައިޓަމްތަކާވެސް އެކުގަ އެވެ. ހުވާކުރުމުގެ ރަސްމިއްޔާތަށް ފަހު އޮބާމާ ވަނީ ކޮންގްރެސްގެ މެންބަރުންނާ އެކު ފަރިއްކޮޅެއްގައި ވެސް ބައިވެރިވެވަޑައިގެންފަ އެވެ. އޮބާމާއަކީ އެމެރިކާގެ 44 ވަނަ ރައީސެވެ. (އަލްޖަޒީރާ)
އެމެރިކާގެ ރައްޔިތުން އެކަތިގަނޑަކަށްވުމަށް އޮބާމާ ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ