ޕީޕީއެމްގެ ރައީސް ކަމަށް އިންތިޚާބު ކޮށްދިނުމަކީ މެންބަރުން ދެއްވި ވަރަށް މަތިވެރި އިތުބާރަކާއި ޝަރަފެއް ކަމަށާއި އެފަދަ ކަމަކަށް ދުވަހަކުވެސް ޚިޔާނާތްތެރިވެ ހަރާމްކޯރެއް ނުވާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ކޮންގްރެސް އަށްފަހު އެ ޕާޓީން ބޭއްވި ފުރަތަ އާއްމު ޖަލްސާގައި ރޭ އާޓިފިޝަލް ބީޗްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ގާބިލިއްޔަތުކަން ހުރި މިންވަރަކުން އިޚްލާސްތެރިކަމާއި އެކު ޕާޓީއަށް ޚިދުމަތް ކުރުންމަތީ ދެމިހުންނަވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވީ އެމަނިކުފާނުގެ ސިއްހަތާއި އުމުރު ތަންދޭ މިންވަރަކުން ޕާޓީއަށް ޚިދުމަތް ކުރެއްވުން މަތީ ދެމިހުންނެވުމަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އަޅުގަނޑަކީ އިރާދަ ކުރެއްވިއްޔާ ދުވަހަކުވެސް އަޅުގަނޑާއި މަތިވާ އިތުބާރަކަށް ޚިޔާނާތްތެރިވާނެ މީހެއް ނޫން. އަޅުގަނޑަށް ލިބޭ ޝަރަފަކަށް ހަރާމްކޯރު ވާނެ މީހެއް ނޫން. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ގާބިލްކަންހުރި މިންވަރަކުން ޕީޕީއެމް އަށް ޚިދުމަތް ކުރުންމަތީ މެދިހުންނާނަން،"މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމްގެ އެއްބައިވަންތަ ކަމަށް މިސާލު ޖައްސަވަމުން މައުމޫން ވިދާޅުވީ ޕީޕީއެމަކީ ހިލަ ފަރުބަދައެއް ކަމަށާއި ބައެއް ފަރާތްތަކުން އެ ފަރުބަދައާ ދިމާލަށް ފާޑު ކިޔުމުގެ ވިހަ ތީރުތަކެއް އުކިނަމަވެސް އެ ތީރުތައް ފަރުބަދައިގެ ތެރެއަށް ނުވަންނާނެ ކަމަށެވެ. އަދި ކޮންމެ ބަޔަކު ކޮންމެ ވާހަކައެއް ދެއްކިޔަސް ޕީޕީއެމް އަބަދުވެސް އޮންނާނީ އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކު ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމް އަށް އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަ އެމްޑީޕީއަށް ނިސްބަތްކޮށް އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަކީ އެމަނިކުފާނު ގަބޫލްކުރައްވާ ސިޔާސަތުތަކެއް ގެންގުޅޭ ޕާޓީއެއް ނޫންކަމަށާއި އެ ޕާޓީންކުރާ އެއްވެސް ކަމަކަށް ޕީޕީއެމުން ތާއީދު ނުކުރާނެ ކަމަށެވެ. ނަމަވެސް ޕީޕީއެމުން ގަބޫލުނުކުރިޔަސް އެ ޕާޓީންވެސް ސިޔާސީ ހަރަކާތްތަކެއް ހިންގަމުން ދާތީ އެއީވެސް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ބަލައިގަންނަން ޖެހޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
ޕީޕީއެމްގެ ރައީސްކަމަށް ވޯޓަކާއިނުލައި އެމަނިކުފާނު ހޮވިވަޑައިގަތުމުން ބައެއް މީޑިއާ ތަކުން ފަތުރާފައިވާ ޚަބަރުތަކަށް ވެސް ރޭގެ ޖަލްސާގައި މައުމޫން ރައްދު ދެއްވިއެވެ.
މައުމޫން ވިދާޅުވީ ވޯޓަކާއިނުލާ ޕާޓީގެ ރައީސް ކަމަށް އެމަނިކުފާނު ހޮވިވަޑައިގަތުމުން އެއީ "އޮޓަމެޓިކު"ން ހޮވުނު ހޮވުމެއް ކަމަށް ބުނެ ހަގީގަތް އޮޅުވާލަން ބައެއް މީޑިއާތަކުން މަަސައްކަތް ކޮށްފައިވާ ކަމަށާއި އެހެން ބޭފުޅަކު ކުރިމަތި ނުލައްވާތީ، އެމަނިކުފާނު އެކަނި ކުރިމަތިލެއްވުމުން ވޯޓަކާއިނުލައި ޕާޓީގެ ރައީސް ކަމަށް އިންތިޚާބު ވުމަކީ ޑިމޮކްރެސީގެ ރީތި ހަމަތަކާއި އުސޫލުތަކުގެ ތެރޭގައި އެކަން އޮންނަ ގޮތް ކަމަށެވެ.
"އަޅުގަނޑު މި މަގާމަށް އިންތިޚާބު ވުމާއިގުޅިގެން ބައެއް ފަރާތްތަކުން ބުނާ އަޑު އިވޭ އަޅުގަނޑު ހޮވުނީ އޮޓަމެޓިކުންނޭ. އަޅުގަނޑު އަޅުގަނޑުމެންގެ އަސާސީ ގަވާއިދު ބަލައިލިން. އެއަކު އޮޓަމެޓިކްއެބަހެއް ނެތް. އަޅުގަނޑުމެންގެ ގާނޫނު އަސާސީ ބަލައިލިން. އެއަކުވެސް އޮޓަމެޓިކެއް ނެތް. އަޅުގަނޑު އިސްލާމް ދީނުގެ އުސޫލުތަކަށް ރިއާޔަތް ކޮށްލިން. އެއަކުވެސް އޮޓަމެޓިކެއް ނެތް. ދެން އަޅުގަނޑު ހިތައް އެރީ ކީއްވެބާއޭ އޮޓަމެޓިކް މި ބަސް އައީ. އެ ވިދާޅުވަނީ އަޅުގަނޑުނޫން މީހަކު މި މަގާމަށް ކުރިމަތި ނުލީމައި އަޅުގަނޑު ހޮވުނު ހޮވުން އެއީ އޮޓަމެޓިކުން ހޮވުނު ހޮވުމެކޭ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ބޮޑޮ އޮޅުމެކޭ ނުވަތަ އޮޅުވާލުމެކޭ،" މައުމޫން ވިދާޅުވި އެވެ.
މެންބަރުން ދެއްވި އިތުބާރަށް ދުވަހަކުވެސް ޚިޔާނާތްތެރި ނުވާނަން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ