2018 ވަނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖެއިން ބޭރުގައި ހުންނަވާ "މިއަދު" ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ގާސިމް އިބްރާހިމް ވިދާޅުވީ 2008 ވަނަ އަހަރު ބޭއްވި އިންތިހާބުގައި އާއި 2013 ވަނަ އަހަރު ބޭއްވި އިންތިހާބުގައި ވާދަކުރެއްވީ އޭނާ ދެކެވަޑައިގަންނަވާ ބޮޑު ތަސައްވުރެއް ޔަގީން ކުރެއްވުމުގެ ނިޔަތުގައި ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވި ނަމަވެސް، އިގްތިޞާދީ، އިޖްތިމާއީ އަދި ސިޔާސީ ޕްލެޓްފޯމް ތަކުގައި ގައުމަށް ހިދުމަތްކުރުމުގެ މަސައްކަތް ކުރިއަށް ކުރަމުން ގެންދާނެ ކަމަށް ވެސް ގާސިމް ވިދާޅުވެފައިވެއެވެ.
ގާސިމް ދެ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވާފައިވާއިރު، އެ ދެ އިންތިހާބުގައި ވެސް ގޮސްފައިވަނީ ތިން ވަނައަށެވެ. ނަމަވެސް ދެ އިންތިހާބުގައި ރައީސުން މަގާމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި އެއް ބޭފުޅަކީ ގާސިމްއެވެ.
އެގޮތުން 2008 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބު ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވިއިރު، 2013 ވަނަ އަހަރު، މިހާރުގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް ގާސިމް މަސައްކަތްތަކެއް ކުރެއްވިއެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރު ދަށްކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ތާއީދުކޮށް ދިނުމަށް ގާސިމް އިބްރާހީމް ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕު މެންބަރުންގެ އަރިހުން އެދިވަޑައިގަންނަވާފައިވާނެ ކަމަށެވެ.
ރާއްޖޭގެ ހަމަޖެހުމާއި ރައްޔިތުންގެ ފައިދާ އަށް މަޝްވަރާ އަށް ގޮވާލެއްވީތީ ރައީސް ޔާމީންއަށް މަރުހަބާ ދަންނަވާ ކަމަށާއި، ޖުމްހޫރީ ޕާޓީ އޮތީ މަޝްވަރާކުރަން ތައްޔާރަށް ކަމަށް، ގާސިމް މީގެކުރިން ވަނީ ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެފައިމިވަނީ ވިލާ ގްރޫޕްގެ އެކި ކުންފުނިތަކުން ދައުލަތައް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރުގެ ފައިސާ އެކުންފުނިން ނުދައްކާ އޮތް މައްސަލައިގައި އެކުންފުނިތަކުގެ އެކައުންޓްތައް ފްރީޒުކޮށްފައިވަނިކޮށެވެ.
ވިލާ ގްރޫޕްގެ ކުންފުނިތަކުން ދައުލަތައް ދައްކަން ޖެހޭ ޓެކްސް ފައިސާގެ މައްސަލަތައް މިހާރު ކޯޓުގައި ކުރިއަށް އެބަދެއެވެ.
މީގެއިތުރުން މެއި އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއަށް ފަންޑު ކުރި ކަމުގެ ތުހުމަތުގައި ގާސިމް ހައްޔަރު ކުރަން ކޯޓު އަމުރެއް ވެސް ނެރެފައިވެއެވެ.
ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނަން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ