ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން ޕީޕީއެމުން ފަންޑިތަ ހަދާ ވާހަކަ ދޮގުކޮށްފި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިއްގަރު ދާއިރާގެ ބައި އިލެކްޝަން ޕީޕީއެމްގެ ކެންޑިޑޭޓު ފާރިސް މައުމޫން ކާމިޔާބު ކުރަން ޕީޕީއެމްއިން ފަންޑިތަ ހަދާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރު އެޕާޓީން ދޮގުކޮށްފިއެވެ.
ފާރިސް މައުމޫންގެ ކެމްޕެއިންގައި ހަރަކާތްތެރިވަމުންދާ ޕީޕީއެމްގެ އިސް އޮފިޝަލަކު "ވަގުތަށް" މައުލޫމާތުދެއްވަމުން ވިދާޅުވީ ދިއްގަރު ދާއިރާ ހިމެނޭ ރަށްތަކުގައި ޕީޕީއެމުން މީހަކަށް ފައިސާ ދީގެން ފަންޑިތަ ހަދާ ކަމަށް ބުނެ ދެކެވެމުންދާ ވާހަކައަކީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ހަބަރެއް ކަމަށެވެ.
އަދި މިފަދަ ހަގީގަތެއް ހިލާފު ދޮގު ހަބަރެއް ފަތުރަމުންދާތީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
"ޕީޕީއެމުން އެއްވެސް މީހަކަށް ނުދެން ފައިސާއެއް ފަންޑިތަ ހަދާކަށް، ޕީޕީއެމުން އިންތިހާބު ކާމިޔާބު ކުރަން ބޭނުންވަނީ ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގައި، އިރާދަކުރެއްވިއްޔާ އިންސާފުވެރި އިންތިހާބެއް ބޭއްވިއްޖެނަމަ ފާރިސް އިންތިހާބު ކާމިޔާބު ކުރާނެ، އެއީ ރައްޔިތުން ވޯޓު ލައިގެން." އޮފިޝަލް ވިދާޅުވިއެވެ.
ދިއްގަރު ދާއިރާގެ ގޮނޑި ކާމިޔާބު ކުރަން ޕީޕީއެމުން ފަންޑިތަ ހަދާ ވާހަކަ ދޮގުކޮށްފައިވާއިރު، ބައެއް މީޑިއާތަކުން އެ ދާއިރާގެ ބައެއް ރައްޔިތުންނާއި ހަވާލާދީ ބުނެފައިވަނީ އިންތިޚާބާ ދިމާކޮށް ފަނޑިތަ ހަދާ މީހަކު  ދާއިރާގެ އެކި ރަށްތަކަށް ދަތުރުކޮށް ކިޔެވެލި ކިޔަވައި ފަންޑިތަ ހަދާ ކަމަށެވެ.
ގއ.ވިލނގިއްޔަށް އުފަން އެމީހާ ރަށް ރަށުގެ ގަބުރުސްތާނާއި ސްކޫލަށް ގޮސް ކޮންމެވެސް ކަމެއް ކުރާ ކަމަށާއި ފަންޑިތަ ހަދާ މީހާއަކީ،  ޕީޕީއެމްގެ މެމްބަރުންނާއެކު އުޅޭ މީހެއް ކަމަށް ވެސް އެމީހުން ބުނަމުން ދެއެވެ.
މާލެ އާއި ދިއްގަރުގައި މާދަމާ ކުރިއަށްދާ އިންތިހާބުގައި ޕީޕީއެމުން ފާރިސް ވާދަކުރައްވާއިރު، އެމްޑީޕީގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވަނީ އަހުމަދު ރާޒީއެވެ. މި އިންތިހާބުގައި އަމިއްލަ ގޮތުން ދެ ކެންޑިޑޭޓަކު ވެސް ވާދަކުރައްވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ