މަޝްރޫއުތަކަށް ޒަކާތު ފައިސާ ހޭދައެއް ނުކުރެވޭނެ: މަޖީދު

ސަރުކާރުގެ މަޝްރޫޢުތަކަށާއި ކެމްޕޭން ވައުދުތައް ފުއްދުމަށް ޒަކާތު ފައިސާ ބޭނުން ނުކުރެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައިއޭނާ ވިދާޅުވީ ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް، އެއީ ކިތަންމެ ރަނގަޅު މަޝްރޫޢަކަށް ވިޔަސް ޒަކާތުގެ ފައިސާ ބޭނުން ނުކުރެވޭނެ ކަމަށެވެ. އަދި އެއީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ވިޔަސް، އެކަމަށް ޒަކާތުގެ ފައިސާ ޚަރަދު ނުކުރެވޭނެ ކަމަށް ޑވިދާޅުވިއެވެ.
"މިސްކިތް ބިނާކުރުމަށް ޒަކާތުގެ ފައިސާއިން ހޭދައެއް ނުކުރެވޭނެ. މީހުންނަށް މުސާރަ ދޭން ޒަކާތުގެ ފައިސާ އިން [ބޭނުން ނުކުރެވޭނެ]. އަދި ދީނީ އެކިއެކި ޖަލްސާތައް ބާއްވާކަށް ވެސް،" ޑރ. މަޖީދު ވިދާޅުވި އެވެ. "އިހްޔާ ޕްރޮގްރާމްތައް ބާއްވާކަށް ވެސް ޒަކާތުގެ ފައިސާއިން ހޭދައެއް ނުކުރެވޭނެ."
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުގެ އެކިއެކި ޖަލްސާތައް ބޭއްވުމާ އެކި މަޝްރޫޢުތަކަށް ޒަކާތު ފަންޑުން ފައިސާ ޚަރަދު ކުރާކަމުގެ ވާހަކަތައް އަޑު އިވެ އެވެ.
ޒަކާތު ފައިސާ ޚަރަދު ކުރަން ޖެހޭ ގޮތް ޤުރުއާނާއި ސުންނަތުން ވަރަށް ސާފުކޮށް އެނގެން އޮތްކަން ޑރ. މަޖީދު ފާހަގަކުރެއްވިއެވެ. އަދި ޒަމާނާއި ޙާލަތަށް ފެތޭ ގޮތަށް، އެފައިސާ ބޭނުން ކުރެވޭނެ ގޮތްތައް ޤުރުއާނާއި ސުންނަތުގެ އަލީގައި ޖުމްހޫރު އިލްމުވެރިން ބުނެ ދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
"މި ރާއްޖޭގެ ރައްޔިތުންނަކީ މޮޔައިންނެއް ނޫން. ބީތާވެފައި ތިބި ބައެއް ނޫން. ހަމަހޭގައި ތިިބި ބައެއް. ނުވިސްނެނީކީއެއް ނޫން. މިރާއްޖޭގައި މިއޮތް ޤާނޫން އަސާސީ، މީތި މަސައްކަތް ނުކުރާތީ ހުރިހާވެސް މައްސަލައަކީ،" ޑރ. މަޖީދު ވިދާޅުވި އެވެ. "މީގައި އޮތް ރައްޔިތުންގެ އަސާސީ ހައްޤުތައް މިވަނީ ގެއްލިފައި. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ވަނީ ގެއްލިފައި."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ