މޫސުން އެންމެ ގޯސްވާނީ އުތުރާއި މެދު ރާއްޖޭގެ ހިސާބުތަކަށް: މެޓް

ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ރާއްޖެއަށް ލައްވާލައިފައިވާ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ އުތުރާއި މެދު ރާއްޖޭގެ ހިސާބުތަކަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން މިއަދު ބުނެފި އެވެ.
މެޓުގެ ޑިރެކްޓަރު އަހުމަދު ރަޝީދު ވިދާޅުވީ ލަންކާގެ ކޮޅިގަނޑާ ގުޅިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށެވެ. ނަމަވެސް އޭގެ އަސަރު ބޮޑު ވާނީ އުތުރާއި މެދު ރާއްޖޭގެ ހިސާބުތަކަށް ކަން ފާހަގަކުރެއްވި އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މިއަދު ރަސްފަންނަށް ވިއްސާރަކުރަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރަޝީދު ވިދާޅުވި ގޮތުގައި މިހާރުގެ ވިއްސާރަ މާދަމާއަށް ފަހު ރަނގަޅުވާނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަކު ކެރީގެ އަސަރު އެކި ސަރަހައްދުތަކަށް ފޯރާނެ ކަމަށް ވިދާޅުވި އެވެ.
ލަންކާ ކޮޅިގަނޑާ ގުޅިގެން މެޓުން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮޅިގަނޑުގެ އަސަރު މަޑުމަޑުން ހުޅަނގު އުތުރަށް ޖެހެމުން ދާއިރު އޭގެ ވިލާތައް ރާއްޖެ މައްޗަށް ވެސް އަރަމުންދާ ކަމަށެވެ. އެހެންވެ ގަދަ ވަޔާ އެކު ވިއްސާރަކުރަމުން ދާ ކަމަށް މެޓުން ބުންނެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މިއަދު ރަސްފަންނު ސަަރަހައްދަށް ރާޅު ޖަހަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް 12 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އެހެންވެ ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެތީ ދަތުރުފަތުރަށް ސަމާލުވުމަށް އިލްތިމާސްކުރެ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާއިރު، ދެކުނާއި މެދު ތެރޭގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާއި 17 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ އެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަން ވެސް ފާހަގަކުރި އެެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، މިއަދު ރަސްފަންނު ސަރަހައްދަށް ރާޅު އަރަނީ .-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ